ނޭޕާލަށް ބޯޓު ވެއްޓުނު ހާދިސާ، ސަލާމަތްވި މީހުންގެ ދުލުން

އިއްޔެ ނޭޕާލްގެ ވެރިރަށުގެ އެއާޕޯޓަކަށް ވެއްޓުނު ޔޫއެސްބަންގްލާ އެއާލައިންސްގެ ބޯޓުގައި ރޯވެފައި -- ފޮޓޯ: ބިޝްނޫ ސަޕްކޮޓާ

ކަތަމަންޑޫ (މާޗް 13): ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއަށް އިއްޔެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި ސަލާމަތްވި މީހުންނާއި ބޯޓު ވެއްޓުނު މަންޒަރު ފެނުނު މީހުން އެހާދިސާ ސިފަކޮށްދީފި އެވެ.

ހަތްދިހައެއް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ޔޫއެސް-ބަންގްލާ އެއާލައިންގެ އެބޯޓު ވެއްޓުނީ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ރަންވޭ މަތިން ކަހާލައިގެން ގޮސްގެންނެވެ.

އެހާދިސާގައި ސަލާމަތްވި މީހުން ވަނީ ބޯޓު ވެއްޓުމުގެ ކުރިން ބާރުގަދަ އަޑުފައްގަޑެއް އިވުނު ކަމަށާއި ބޯޓު ވަރަށް ބޮޑަށް ތެޅުނު ކަމަށް ބުނެފަ އެވެ. އަދި މަންޒަރު ދުށް ފަރާތްތަކުން ވަނީ އެސަރަހައްދުގައި ތިބި އެންމެން ވެސް ވަރަށް ބޮޑަށް ހާސްވި ކަމަށާއި ބޯޓުގެ ތެރޭގައި ތިބި މީހުން ރޯ މަންޒަރު ފެނުނު ކަމަށް ބުނެފަ އެވެ.

"ކުއްލިއަކަށް ބޯޓު ވަރަށް ބޮޑަށް ތެޅި ބާރު އަޑުފައްގަޑެއް އިވުނު. އަޅުގަނޑު ކުޑަދޮރު ކައިރީ އިނީމާ ސަލާމަތްވެވުނު،" އެހާދިސާގައި ސަލާމަތްވި 22 މީހުންގެ ތެރޭގައި ހިމެނޭ ބަސަންތާ ބޮހޮރާ ބުންޏެވެ.

އަދި ބޯޓުގެ އިތުރު ފަސިންޖަރެއް ކަމަށްވާ ސަނަމް ޝަކްޔާ ބުނީ ބޯޓު ޖައްސަން ދިޔަ އިރު ދިޔައީ އެކި ފަރާތްތަކަށް ތެޅެމުން ކަމަށާއި އޭނާ ފުރަތަމަ ހީކުރީ އެއީ އެއާ ޓްރެފިކްގެ ސަބަބުންވީ ގޮތެއް ކަމަށެވެ. ނަމަވެސް ބޯޓުގައި މައްސަލައެއް އުޅޭ ކަން އެނގުނީ ބޯޓު ޖެއްސި ގޮތުން ކަމަށް އޭނާ ބުންޏެވެ.

އަދި އެބޯޓު ވެއްޓި، ރޯވި ވަގުތު އެހެން ބޯޓެއްގައި އިން ޝްރައްދާ ގިރީ ވެސް ވަނީ އެހާދިސާ ސިފަކޮށްދީފަ އެވެ. އެގޮތުން ބޯޓު ވެއްޓުމާ އެކު އެއާޕޯޓުގެ އެންމެން އެލާޓަށް އައިސް، ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަތަކާއި އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ އުޅަނދުތައް ބޯޓު ކައިރިއަށް ދިޔަ މަންޒަރު ފެނުނު ކަމަށް ޝްރައްދާ ބުންޏެވެ.

"ކުޑަ ދަރިފުޅާ އެކު އިންދާ އެމަންޒަރު ފެނުމަކީ ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމެއް. އަދި އެފަދަ މަންޒަރެއް ހަމަ ލޮލަށް ފެނުމުން އެންމެން ވެސް ތިބީ ސިހިފައި،" ޝްރައްދާ ބުންޏެވެ.

މީގެ އިތުރުން ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ސަރޯކް ބަސްނެޓް ވަނީ ހާދިސާ ހިނގިތާ 15 މިނިޓު ތެރޭ އޭނާއަށް އެސަރަހައްދަށް ދެވުނު ކަމަށް ބުނެފަ އެވެ.

"އަޅުގަނޑު އެސަރަހައްދަށް ދިޔައިން ބޯޓު ވެއްޓުނުތާ 15 ވަރަކަށް މިނިޓު ފަހުން. އޭރު ބޯޓުގައި ތިބި މީހުން ރޮނީ،" ބަސްނެޓް ބުންޏެވެ.

އެހާދިސާގައި 49 މީހަކު މަރުވެފައިވާ އިރު، އަނިޔާވި މީހުންގެ ތެރޭގައި ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ރިޒާނާ އަބްދުﷲ ވެސް ހިމެނެ އެވެ. ރިޒާނާގެ އާއިލާއިން ވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިވަގުތު އޭނާ އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށް ބުނެފަ އެވެ.

ނޭޕާލް ސަރުކާރުން ވަނީ އެހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލާފައި އެވެ. އަދި އެހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އެއާ ޓްރެފިކް ކޮންޓްރޯލުން ކަމަށްވާ ޔޫއެސް-ބަންގްލާ އެއާލައިނުން ބުނި ނަމަވެސް ޓީއައިއޭ އިން ވަނީ ބޯޓު ވެއްޓުނީ، ރަންވޭގެ ދެކުނު ފަރާތުގައި ޖެއްސުމަށް އެންގުމުން އުތުރު ފަޅިން ޖައްސަން މަސައްކަތް ކުރި ފަހުން ކަމަށް ބުނެފަ އެވެ.

އިއްޔެގެ ހާދިސާއަކީ 1992 ވަނަ އަހަރު ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއް ވެއްޓި، 167 މީހުން މަރުވި ފަހުން ނޭޕާލްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ. (ބީބީސީ)

comment ކޮމެންޓް