މަޖީދީމަގުގެ އާދޭސް!

އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އަހަރެން މިތާ މިހެން އޮންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. ފުރަމާލޭގެ އެންމެ ބޮޑު އަދި އެންމެ ކާރޫބާރޫ ބޮޑު މަގުގެ ތާޖު އަޅައިގެން ހަމަޖެހިލައިގެން އޮންނަތާ މިއަދަށް ވީ ދުވަހެއްވީ އެވެ. އަހަރެން އެއްވެސް މީހަކަށް ތުރާލަކަށް ނުވަމެވެ. އަހަރެންގެ ހާލަތު ހުރިގޮތުން ބައެއް ފަހަރު، ދުއްވާ އުޅަނދުފަހަރަށް ކުރިއަށް ނުދެވުން ފަދަ ކަންކަމަކީ އޭގައި އަހަރެން ކުރާނެކަމެއް ނޫންތާ އެވެ.

އަތޮޅު ތެރެއިން ތަފާތު ބޭނުންތަކުގައި އަންނަ ބީރައްޓެހިން ވެސް އެންމެ ފަރިތަ މަގަކީ އަހަރެންނެވެ. ދެ ފަރާތުގައި ހަމަ އިސްކޮޅަށް ދެމިލާފައި ހުރި އިމާރަތްތަކުގެ ހިޔަލުގައި އަހަރެން އޮންނަނީ ވަރަށް ހަމަޖެހިލައިގެންނެވެ. ވިޔަފާރިވެރިން ވެސް އަހަރެންގެ ދެ ފަރާތުގައި ފިހާރަތައް ހުޅުވައިގެން ވިޔަފާރިތައް ކުރިއަށް ގެންދަނީ އެވެ. ބައި ރުފިޔާއަކުން ފެށި ވިޔަފާރިތައް އެހެރަގެން ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަދަލުވީ އެވެ.

މިއަދު މި ވާހަކަ ދައްކަން ޖެހުނީ ވަރަށް ބޮޑު ކަމަކާ މެދު މާޔޫސް ވެގެންނެވެ. އެއްޗެކޭ ނުބުނެ ކެތް ނުކުރެވިގެންނެވެ. ހިތުގައި އަޅާ ވޭނެއްގެ ބޮޑުކަމުންނެވެ. އިދިކޮޅު ސިޔާސީ މަސައްކަތް ކުރާ ބަޔަކު އަހަރެންގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ އެވެ.

ކޮންމެ ދުވަހެއްގެ ވަކި ގަޑިއަކަށް ފާޑުފާޑުގެ ލަވަޖަހައި އެހެރަ ފަރިވަނީ އަހަރެންގެ އަމާން މާހައުލު ކިލަނބު ކޮށްލަން ނޫނީ ދެން ކޮންކަމަކަށް ބާވަ އެވެ. އެބަޔަކު ރާވައި ނަގަނީ، ނޫ ޔުނީފޯމުގައި ތިބި ފުލުހުންނާ ކުރިމަތިލުމަށެވެ. އެ އަޑު އެތައް ދުވަހަކު އަހައިފީ މެވެ. މަގުތައް ހަލަބޮލިކުރުމަށް ރާވަމުންދާ އަޑުވެސް އިވެ އެވެ. މިއީ ހަމަ ދިވެހީންތޯ ހިތާހިތާ ބައެއް ފަހަރު ކިޔާ ވެސް ލެވެ އެވެ.

އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގެ އެކި ސަރަހައްދު ތަކަށް އެއްވެ މުޒާހަރާ ކޮށްފައިވާއިރު ފުލުހުން ވަނީ އެއްވުން ދޫކޮށް ދިއުމަށް އަންގާފައި، އަދި ޣައިރު ގާނޫނީ އެއްވުމެއް ކަމަށްވެސް އަންގާފައިވޭ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ބުނާތީ އަޑު އަހަމެވެ. މިކަން މިކުރަނީ 30 އަހަރު ވަންދެން ގައުމުގައި ވެރިކަން ކުރި އިތްޒަތްތެރި ބޭފުޅަކާއި ތިން އަހަރު ވަންދެން ވެރިކަން ކުރުމަށް ފަހު އިސްތިއުފާ ދެއްވި ރައީސެއްގެ އެންގެވުވުމުގެ މަތީންނެވެ. މައްސަލައެއް ނެތްތާ އެވެ. ނަމަވެސް އަޖައިބުވާ ކަމަކީ އެއިން ބޭފުޅަކު މިވީހާ ދުވަހު ވެސް މިއިން އެއްވުމަކުން ނުފެންނާތީ އެވެ. އަހަރެންގެ ދިގުމިނުގައި ދެ ކިލޯ މީޓަރު ހުންނައިރު މިއިން ދުވަހަކު އެއިން ބޭފުޅަކު މި މީހުންނާ އެކު ނުކުމެ އެއްވުމުގައި ބައިވެރިވާތަނެއް ނުދެކެމެވެ. މި މީހުން ދަންނަ ޑިމޮކްރަސީއަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެ ރެއަކު ވެސް 8:30 އެހާކަންހާއިރު އަހަރެންގެ ބޭނުން އެންމެ ގިނަ އަދަދަކަށް އާންމު ރައްޔިތުން ހިފާ ގަޑީގައި މިބުނާ ބައެއްގެ މަޅީގައި ޖެހިފައި ތިބި ފަންސާހަކަށް މީހުން އެއްވެ އަޑުގަދަ ކުރަން ފަށަ އެވެ. ނަތީޖާއަކީ އަހަރެންނާއި އަހަރެންގެ އެކުވެރި "ޗާންދަނީ މަގު" ބްލޮކްވެ، އާންމު ދަތުރުފަތުރަށް ބުރޫއެރުމެވެ. ވިޔަފާރިތައް ހުއްޓި އެތައް ބައެއްގެ ދިރިއުޅުމަށް ބުރޫއެރުމެވެ.

ކުރީ ރެއެއްގައި ޒުވާން އަންހެން ކުއްޖަކު ބުނާތީ އަޑުއެހީމެވެ. "މި މަގުން ދެން ރޭގަނޑަކު ނުހިނގާނަން. ކުރިން އެކަނި ތަނަކަށް ދާ ނަމަ އެންމެ އަމާން މަގަކީ މީއީ ކަމުގައި ވިޔަސް މިހާރު މިއީ އެންމެ ނާމަން މަގު. ސިޔާސީ މީހުންގެ އުނދަގޫ ސިޔާސީ ނޫން މީހުންނަށް ނުޖެހޭނެ ދުވަހެއް އަންނާނެބާ" އެވެ.

މާލޭގެ މަޖީދީމަގުގައި މިދިޔަ މަހު ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ

މިއީ އަހަރެންގެ ކުށެއް ހެއްޔެވެ. އަހަރެން ބޭނުން ވަނީ އަބަދުވެސް އަމާން ތަނެއްގެ ގޮތުގައި އޮންނާށެވެ. ނާމާން ތަނަކަށް ވުމަށް އެއްއިރަކު ވެސް ގަސްދެއް ނުކުރަމެވެ.

ކޮންމެ ރެއަކުވެސް މި ކުޅިވަރު ފެށުމާ އެކު ހިތްހަމަ ނުޖެހުމާ އެކު ވެސް މޫނު ހަދައިގެން، ވާ އެއްޗެއް ބަލަން އޮންނަމެވެ. އެނޫން ގޮތެއް ނުވެސް އޮންނާނެތާ އެވެ. މީސްމީހުންގެ ޅަ ދަރިން ފުލުހުން ބިޑި އަޅުވައިގެން ގެންދާ މަންޒަރު ފެނުމުން ހާދަ އަސަރެއް ވެސް ކުރެ އެވެ. އެމީހުންގެ އާއިލާއަށް ވާނެ ގޮތެއް ހިތަށް އަރައިފަ އެވެ. އަދި އެ ކުދިން ހައްޔަރަށް ދާތަން ފޮޓޯ ނަގަން ބެގީ ޖަހައިގެން ތިބޭ ސިޔާސީ އިސްވެރިން ވަކި ހިސާބަކުން ފިލާ މަންޒަރު ފެނުމުން އަހަރެންގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

ސިޔާސީ މި ކުޅިވަރު އަހަރެންގެ ގައިމަތީގައި ފެށުނު ހިސާބުން މިވީހާ ތަނަށް އަހަރެން "ހިމާޔަތް ދެމުން" އައި ވިޔަފާރިތައް ހީނަރުވެއްޖެ އެވެ. އެތައް އަހަރުތަކެއް ވަންދެން އަހަރެންގެ ދެ ފަރާތުގައި ހިންގަމުން އައި ވިޔަފާރިތައް ސިޔާސީ ވަކި ބޭނުމެއް ހާސިލުކުރަން ބަޔަކު ކުރަމުންދާ މަސައްކަތުގެ ސަބަބުން "ބަނގުރޫޓުވާކަން" އެނގުމުން ވަރަށް ދެރަވެ އެވެ.

ކުރީ ރެއަކު ވެސް، މި ސަރަހައްދުގައި ވިޔަފާރި ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ދުވަސްވީ ވިޔަފާރިވެރިއަކު ބުނި އަޑު އެހީމެވެ. "ދެން މި މަގަކު ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އިރަކު މި މަގަކީ އެންމެ ވިޔަފާރިވާ މަގަށް ވިޔަސް މިހާރު މިއީ ބިރުވެރި މަގަށް ވެއްޖެ އެވެ." އަތުގައި އޮތް ލާރި ދަބަހުން ދުވަހުގެ ވިކުރާ ގުނަމުން ގިސްލާ ރާގަކަށް އެމީހާ މިހެން ބުނި އަޑުވެސް އެހީ އަސަރާ އެކު އެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ

އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ބުނީ މިހިނގާ އެއްވުންތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށެވެ. އެއީ މައްސަލައެކެވެ. އެކަމަކު އާންމު ރައްޔިތުންގެ ވިޔަފާރިތަކަށް ވާ ގެއްލުމުގެ ވާހަކައެއް ފާހަގަ ނުކުރެ އެވެ. އެއީ ވެސް ހަމަ އަހަރެންނާ ގުޅިފައިވާ ބައެކެވެ. އެމީހުންގެ އާދޭސްތައް ވެސް އަޑުއަހަން ވެއްޖެ އެވެ.

ދެފަރާތުގައި ހުރި ގޭގޭގައި ދިރިއުޅޭ މީހުން ނުނިދިގެން ކުރާ ޝަކުވާ އެނގޭނީ އަހަރެންނަކަށް ނޫން ހެއްޔެވެ. އެ ގޭގޭގައި އުޅޭ ކުޑަކުދިން ނުނިދައިގެން މައިން އުޅޭ ހާލު އެނގޭނީ އަހަރެންނަށް ނޫންހެއްޔެވެ. އެއްވުމުގެ ބައިވެރިންގެ ސަބަބުން، ޕާކުކޮށްފައި ހުންނަ ސައިކަލުތަކަށާއި މުދަލަށް ލިބޭ ގެއްލުން ފެންނާނީ އަހަރެންނަށް ނޫން ހެއްޔެވެ.

އަހަރެންގެ އާދޭހެއް އެބައޮތެވެ. ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް އެތައް ބަޔަކު ބޭނުން ކުރާ ތަންތަނުގެ ހުރުމަތް ކަނޑާނުލާށެވެ. ތިމާގެ ހައްގުތައް ހޯދަން އުޅުމުގެ ތެރޭގައި އެހެން މީހުންގެ ހައްގަށް އަރައިގަނެވޭކަން ހަނދާން ނައްތައިނުލާށެވެ. ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ މަޝްވަރާ ކޮށްގެންނެވެ. ވެރިކަން ވައްޓާލަން "އަހަރެންގެ" ބޭނުންކުރުމަކީ ތަހުޒީބު ވިސްނުމެއް ނޫނެވެ. އެ ފުރުސަތު ސަލާމަތީ ބަރުތަކުން ނުވެސް ދޭނެ އެވެ. އެވަރު އަހަރެންނަށް ވެސް އެނގެ އެވެ.

މިވީހާ ދުވަސް ވީއިރު އަހަރެންގެ ވީދި، އެގޮތް މިގޮތްވެ ހަލާކުވެފައި އޮތް އަހަރެންގެ ފޭރާން އާކޮށްދިނީ ވެސް އިހަކަށް ދުވަހު އެވެ. އާބާތުރަ ފިލުވާލައި، ފުރިހަމަކޮށްލި ހިސާބުން ސިޔާސީ ބޭނުމަކަށް ބޭނުންކުރުން ކަމަކު ނުދެ އެވެ. އަހަންނަކީ ވިޔަފާރިތަކަށާއި އާންމު ދަތުރުފަތުރަށް ހާއްސަ ފަރާތެކެވެ. އެ ގޮތުގައި އަހަރެން އޮތަދޭށެވެ.

comment ކޮމެންޓް