ޕައިލެޓް ސަލާމަތްވި، ޒުވާން އަންހެން ކޯ ޕައިލެޓްވަނީ މަރުވެފައި

ޔޫއެސް-ބަންގްލާ އެއާލައިނުގެ ވެއްޓުނު ބޯޓުގެ ޒުވާން އަންހެން ކޯ ޕައިލެޓް ޕްރިތުލާ ރާޝިދް ----

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓުގެ ޕައިލެޓް، އާބިދު ސުލްތާން ސަލާމަތްވި ނަމަވެސް ޒުވާން އަންހެން ކޯ ޕައިލެޓް ޕްރިތުލާ ރާޝިދް ނިޔާވެފައިވާ ކަމަށް ކަތަމަންޑޫ މެޑިކަލް ކޮލެޖު ހޮސްޕިޓަލާ ހަވާލާދީ ބަންގުލަދޭޝްގެ ނޫހެއް ކަމަށްވާ "ބީޑީ ނިއުސް24" އިން ބުނެފިއެވެ.

ހަތްދިހަ އެއް މީހުންނާއެކު ދަތުރުކުރި އެ ފްލައިޓުގައި 67 ފަސެންޖަރުންނާއެކު ހަތަރު ކުރޫ މެމްބަރުން ހިމެނެއެވެ. މިހާތަނަށް އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 50އަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ފްލައިޓްގައި ދަތުރުކުރި މީހުންގެ ތެރޭގައި ނޭޕާލްގައި ކިޔަވަމުންދާ ދިވެއްސަކު ދަތުރު ކުރިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ އަންހެން ދަރިވަރު ޑރ. ރިޒާނާ އަބްދުﷲ ފްލައިޓްގައި ދަތުރު ކުރިކަމަށް 'ސަން' އަށް ޔަގީން ވެފައިވާއިރު އޭނާއަށް ފަރުވާ ދެމުންދަނީ ނޭޕާލްގެ ކަތަމަންޑޫ މެޑިކަލް ކޮލެޖު ހޮސްޕިޓަލްގައެވެ.

ބޯޓުގެ ކެޕްޓަން އާބިދު ސުލްތާން ---

"ބީޑީ ނިއުސް 24" އިން ޕްރިތުލާގެ އުމުރު އަދި ހާމަކޮށްފައި ނުވާއިރު، އޭނާ ޔޫއެސް-ބަންގްލާ އެއާލައިންސްގައި މަސައްކަތްކުރަން ފެށިކަމަށް ފޭސްބުކް ޕްރޮފައިލްގައި ބުނެފައިވަނީ 2016 ވަނަ އަހަރުގައެވެ. ޑާކާގެ ނޯތު ސައުތު ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރުމަށްފަހު ޕްރިތުލާ ޕައިލެޓްކަން ކިޔަވާފައިވަނީ އެއަރޭންގް ފްލައިން ސްކޫލުގައެވެ.

ޔޫއެސް-ބަންގްލާގެ ސީއީއޯ އިމްރާން އާސިފް، މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފްލައިޓް ވެއްޓުމުގެ ހާދިސާގައި ޕައިލެޓް އާބިދު ސަލާމަތް ވެފައިވާ ކަމަށާއި ކުރިން އޭނާ މަރުވިކަމަށްބުނެ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ޑާކާ ރެސިޑެންޝިއަލް ކޮލެޖުން ތައުލީމު ހާސިލް ކުރި އާބިދުވަނީ މީގެކުރިން ބަންގުލަދޭޝް އެއާ ފޯސްގެ ފަސްޓް ލެފްޓެނެންޓެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އާބިދުުގެ އެކުވެރިއަކު "ބީޑީ ނިއުސް 24"އަށް ބުނެފައިވަނީ އޭނާއަކީ އެންމެ ވިސްނުން ތޫނު އެއް އޮފިސަރު ކަމަށެވެ. އަދި އާބިދަކީ މިގް-21 މަރުކާގެ މަތިންދާ ބޯޓު ދުއްވުމުގައިވެސް ތަޖުރިބާކާރު މީހެއް ކަމަށްވެސް އޭނާގެ އެކުވެރިއާވަނީ މައުލޫމާތު ދީފައެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންގެ ބޯޓު ވެއްޓުމުގެ ހާދިސާގެ ތެރެއިން --- ފޮޓޯ/ އޭޕީ

ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު އެގައުމުގެ ސިވިލް ސިވިލް އޭވިއޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް