ދިވެހި ޑޮކްޓަރުގެ ހާލު އަންނަނީ ރަނގަޅުވަމުން، މިވަގުތު އޮތީ އޮބްޒަވޭޝަންގައި: އާއިލާ

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓުން ދަތުރުކުރި ދިވެހި ޑޮކްޓަރު ރިޒާނާ އަބްދުﷲގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިވަގުތު އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޑރ. ރިޒާނާއަކީ އަންހެނުންގެ ބަލިތައް (ގައިނަކޮލޮޖީ) ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާ ތައުލީމު ހާސިލުކުރަނީ ކަތުމަންޑޫގައި ހުންނަ ބީރު ހޮސްޕިޓަލުގެ ދަށުން ހިންގާ ނޭޝަނަލް އެކެޑެމީ އޮފް މެޑިކަލް ސައިންސަސްގައެވެ.

ޑރ. ރިޒާނާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ކަތުމަންޑޫ މެޑިކަލް ކޮލެޖުގައެވެ. ނަމަވެސް ފަހުން ވަނީ އެ ގައުމުގެ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.

"ސަން"އަށް މިރޭ މައުލޫމާތު ދެއްވަމުން ޑރ. ރިޒާނާގެ ބައްޕަ އަބްދުﷲ އިބްރާހިމް ވިދާޅުވީ، ރިޒާނާ މިވަގުތު އޮތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ކަމަށާއި ލިބިފައި ހުރި ފޮޓޯ ތަކަށް ބަލާއިރު ކޮންމެވެސް ވަރަކަށް ގައިގެ ތަންތަން ފިހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޅިނދުކަށްޓަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށެވެ.

"ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައި ހަދާކަމަށް މައުލޫމާތު ލިބެނީ. އަދި އޮތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެންނާވެސް ވާހަކައެއް ނުދެއްކޭ. ކޮންމެވެސް ވަރަކަށް ހާނިއްކަ ވެފައި ހުރީ،" އަބްދުﷲ ވިދާޅުވިއެވެ.

ޑރ ރިޒާނާއަކީ ތިން ކުދިންގެ މަންމައެކެވެ. ބޯޓް ވެއްޓުނު ހާދިޘާ ހިނގާފައިވަނީ އޭނާގެ ދަރިންނާއި ފިރިމީހާ ގާތަށް ޗުއްޓީއަށް އައުމަށްފަހު އަނބުރާ ނޭޕާލަށްދިޔަ މަގުމަތީގައެވެ.

އަބްދުﷲ ބުނީ މާދަމާ ރިޒާނާގެ ފިރިމީހާ ނޭޕާލަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ރިޒާނާއަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީ އާއި ކަތުމަންޑޫގައި ހުންނަ ދިވެހި އޮނަރަރީ ކޮންސުލްއިން ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އަނިޔާވި ދަރިވަރަށް އެހީތެރިވުމަށް ކަތުމަތުންޑޫގައި އުޅޭ އެހެން ދިވެހީންނާއި އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް