ފްރާންސްގެ ފެޝަން އައިކަން، ޖިވޮންޝީ މަރުވެއްޖެ

ފްރެންޗް ޑިޒައިނަރު ހިއުބަރޓް ޖިވޮންޝީ 2002 ވަނަ އަހަރު، މޮޑެލް އީމާންއާއެކު -- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ފެޝަން އައިކަން، ހިއުބަރޓް ޖިވޮންޝީ، އުމުރުން 91 އަހަރުގައި މަރުވެއްޖެއެވެ.

ފެޝަން ދުނިޔެއަށް ރަންޒަމާން ގެނެސްދިން ފަންނާނުގެ ގޮތުގައި މަޝްހޫރުވެފައިވާ، ޖިވޮންޝީ މަރުވެފައިވާކަން އޭނާގެ ވިޔަފާރީގެ ބައިވެރިޔާ އަދި މަޝްހޫރު ޑިޒައިނަރު ފިލިޕޭ ވެނެޓް ވަނީ ކަށަވަރުކޮށްދީފައެވެ.

ވެނެޓް ބުނީ، ހިއުބަރޓް ޓެފިން ޑި ޖިވޮންޝީގެ މަރުގެ ޚަބަރު ދެނީ، ބޮޑުވެގެންވާ ފުން ހިތާމައާއެކު ކަމަށެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ޖިވޮންޝީ މަރުވީ ނިދާފައި އޮއްވައިކަމަށް އޭނާ ބުންޏެވެ.

ޖިވޮންޝީގެ އެންމެ މަޝްހޫރުވެގެން ދިޔަ އެއް ފަރުމާއަކީ، ބްރިޓިޝް އެކްޓްރެސް އޯޑްރޭ ހެޕްބަރން، ބްރެކްފާސްޓް އެޓް ޓިފަނީގައި ބޭނުންކުރި "ލިޓްލް ބްލެކް ޑްރެސް"އެވެ.

ބްރިޓިޝް އެކްޓްރެސް އޯޑްރޭ ހެޕްބަރން، ބްރެކްފާސްޓް އެޓް ޓިފަނީގައި -- ފޮޓޯ: ޝަޓަރސްޓޮކް

އޭނާ ވަނީ، އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖެކީ ކެނެޑީއާއި، އެމެރިކާގެ ކުރީގެ ފިލްމީތަރި އަދި ފަހުން ފްރާންސްގެ މޮނާކޯގެ ރާނީ، ގްރޭސް ޕެޓްރީޝިއާގެ ހެދުންވެސް ފަރުމާކޮށްދީފައެވެ.

ފްރާންސްގެ ލަގްޜަރީ ގްރޫޕް އެލްވީއެމްއެޗުން ވަނީ، 1988ގައި ޖިވޮންޝީ ލޭބަލް ގަނެފައެވެ. ނަމަވެސް، އޭގެ ފަހުންވެސް ހަތް އަހަރު ވަންދެން، ކުންފުނީގެ ކްރިއޭޓިވް ޑިޒައިންގެ ވެރިއަކަށް ހުރީ ޖިވޮންޝީއެވެ.

ބްރިޓިޝް ޑިޒައިނަރު ކްލެއަރ ވެއިޓް ކެލަރ ޖިވޮންޝީ ލޭބަލްގެ ހެޑް ޑިޒައިނަރަކަށް އައުމަށް ފަހު އޭނާގެ އެންމެ ފުރަތަމަ އެދުމަކަށްވީ އެ ލޭބަލްގެ ބާނީ، ޖިވޮންޝީއާ ބައްދަލުކޮށްލުމެވެ.

ޖިވޮންޝީގެ ޝަރަފްގައި މިދިޔަ އަހަރު ފްރާންސްގެ ކެލައިސްގެ މިއުޒިއަމް އޮފް ލޭސް އެންޑް ފެޝަންގައި ބޭއްވި މައުރަޒެއްގައި ހުޅުވައިދެމުން އޭނާ ބުނީ، "އަހަރެން އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިއްޖެ،" ކަމަށެވެ.

comment ކޮމެންޓް