ޅ. އަތޮޅު ހޮސްޕިޓަލަށް 54 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ޅ އަތޮޅު ހޮސްޕިޓަލުގެ އަހަރީ ފާހަގަކުރުން -- ފޮޓޯ: ޅ އަތޮޅު ހޮސްޕިޓަލް

ފާދިއްޕޮޅު ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް 54 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ހޮސްޕިޓަލުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ.

ހޮސްޕިޓަލުގެ އަހަރީ އާއި ގުޅިގެން މިއަދު ވަނީ ކޭކު ފެޅުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ހޮސްޕިޓަލަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނެވެ.

ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނަށް އަދި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް މުވައްޒަފުންގެ ފަރާތުން ހަދިޔާ ދިނުމުހެ ހަރަކާތެއްވެސް އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަހަރީ ދުވަހާ ގުޅުވައިގެން ހޮސްޕިޓަލުގެ މުވައްޒަފުންގެ އެކުވެރިކަން ބަދަހި ކުރުމަށް ވެސް ހާއްސަ ޙަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހޮސްޕިޓަލްގެ އާބާތުރަ ފިލުވުމަށް މުވައްޒަފުން ހަރަކާތްތެރިވިއެވެ. މީގެ އިތުރުން ސްކެވެންޖާ ހަންޓް، މަސްދަތުރު، ބާބެކިއު އަދި ޓީމް ބިލްޑިންގ ސްޕޯޓްސް އެކްޓިވިޓީތަކެއްވެސް ވަނީ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ޞިއްޙީގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ސިއްހަތާގުޅޭ މައުޟޫތަކަށް ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ވެސް ވަނީ ބާއްވައިފައެވެ.

ޅ އަތޮޅު ހޮސްޕިޓަލުގެ އަހަރީ އާއި ގުޅުވައިގެން އިތުރު ހަރަކާތްތަކެއް ކުރިއަށްވެސް އެބަހުރިކަމަށް ޅ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

އެގޮތުން ހޮސްޕިޓަލް ފެހިކުރުމުގެ ގޮތުން މާގަސް އިންދުމުގެ ޙަރަކާތަކާ، އެކުވެރިކަމުގެ ވޮލީ އަދި ފުޓްސަލް މެޗުތަކެއް ކުޅުމާ، ސްޓާފް ނައިޓެއް އަދި ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލްއަކީ ޚިދުމަތް ހޯދުމަށް އަތޮޅުގެ ރަށްތަކުގެ އިތުރުން އުތުރުގެ އެހެން އަތޮޅުތަކުންވެސް ގިނަ އަދަދަކަށް މީހުން ޒިޔާރަތްކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލްގެ މެނޭޖަރ، އަޙްމަދު ސާޖިދު ވިދާޅުވީ މިދިޔަ ފެބްރުއަރީމަހު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ތެލަސީމިއާ ސްކްރީނިންކުރުން އަދި ދަތުގެ ފަރުވާގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

އަދި މިއަހަރުތެރޭ ތަފާތު އިތުރު ޚިދުމަތްތައްވެސް ރައްޔިތުންނަށް ހަމައަށް ފޯރުކޮށްދިނުމުގެ އުއްމީދުގައި މަސައްކަތް ކުރައްވާ ކަމަށްވެސް ސާޖިދު ވިދާޅުވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގައި ސިއްހީ ޚިދުމަތް ފެށިފައިވަނީ 12 މާޗު 1964 ގައެވެ.

comment ކޮމެންޓް