ޕީއޭއޯކޭގެ ވެރިޔާ ފިސްތޯލައެއް ހިފައިގެން ދަނޑުމައްޗަށް އެރުމުން މެޗު ނިމުމަކަށް!

ގްރީކް ސުޕާ ލީގުގައި ޕީއޭއޯކޭއާއި އޭއީކޭ އެތެންސް ބައްދަލުކުރި މެޗުގައި ޕީއޭއޯކޭގެ ވެރިޔާ ދަނޑުމަތީގައި ---

ގްރީކް ސުޕަރ ލީގުގައި އޭއީކޭ އެތެންސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން، ޕީއޭއޯކޭގެ ވެރިޔާ ފިސްތޯލައެއް ހިފައިގެން ދަނޑުމައްޗަށް އެރުމުން މެޗު ނިންމާލައިފިއެވެ.

އިއްޔެ ކުޅުނު މެޗުގެ ތެރެއިން، ޕީއޭއޯކޭގެ ވެރިޔާ ދަނޑުމައްޗަށް އަރާފައިވަނީ މެޗު ނިމެނިކޮށް އޭއީކޭ ކޮޅަށް ޕީއޭއޯކޭއިން ލަނޑެއް ޖެހި ނަމަވެސް، އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައި ރެފްރީ ނިންމުމުންނެވެ.

ރެފްރީގެ ނިންމުމާ ގުޅިގެން ޕީއޭއޯކޭގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ހިތްހަމަނުޖެހުންތަކުގެ ތެރެއިން ޕީއޭއޯކޭގެ ވެރިޔާ އިވާން ސަވިޑިސް ދަނޑުމައްޗަށް އެރި އިރު، އޭނާ ހުއްޓުވުމަށް އޭނާގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން މަސައްކަތްކުރިއެވެ.

ދަނޑުމައްޗަށް އެރުމަށް ފަހު، ސަވިޑިސް ފުރަތަމަ ގޮސްފައިވަނީ މެޗުގެ ރެފްރީ ޖިއޯޖިއޮސް ކޮމިނިސްއާ ދިމާލަށެވެ. ސަވިޑިސް ދަނޑަށް އެރި ވަގުތު ނެގި ފޮޓޯތަކުންނާއި ވީޑިއޯތަކުން އޭނާ އަތުގައި ފިސްތޯލައެއް އޮތްތަން ފެނެއެވެ. ނަމަވެސް ހަމަނުޖެހުމެއް ހިންގުމުގެ ކުރިން ސަވިޑިސްގެ ސެކިއުރިޓީން ވަނީ އޭނާ ހުއްޓުވައިފައެވެ.

އޭއީކޭގެ ކޯޗު މިނޮލޯ ޖިމެނޭޒް ބުނީ މެޗު ނިންމާލުމާއެކު އެޓީމުން ސްޓޭޑިއަމް ދޫކޮށް ދިޔައީ ފުލުހުންގެ ހިމާޔަތުގެ ދަށުން ކަމަށާއި، މެޗު ނުނިމެނީސް ޕީއޭއޯކޭގެ ވެރިޔާއާއި ބޮޑީގާޑުން އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުމައްޗަށް އެރި ކަމަށެވެ. އަދި ޕީއޭއޯކޭގެ ވެރިޔާ އަތުން ފިސްތޯލައެއް ފެނުމުން އެކަމުގެ ކަންބޮޑުވުން ވެސް އޭއީކޭގެ ކޯޗު ފާހަގަކުރިއެވެ.

comment ކޮމެންޓް