އެސްއޯއީގެ ދަށުން ނައިފަރު ކައުންސިލްގެ ރައީސް ކާރިމްގެ ފޯނު ހިފަހައްޓައިފި

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް --- ފޮޓޯ: ފޭސްބުކް

ސްޓޭޓް އޮފް އެމަޖެންސީގެ ދަށުން ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްގެ ފޯނު ހިފަހައްޓައިފި އެވެ.

ނައިފަރު ކައުންސިލްގެ މެންބަރަކު ސަން އަށް ވިދާޅުވީ ކާރިމްގެ ފޯނު ހިފަހައްޓާފައި ވަނީ ކުއްލި ނުރައްކަލުގެ ދަށުން މިއަދު 3:00 އެހައިކަންހާއިރު ކަމަށެވެ.

މައުލޫމާތު ސާފުކުރުމަށް ނައިފަރު ކައުންސިލްގެ ރައީސް ކާރިމް މިއަދު ވަނީ އެރަށު ޕޮލިސްޓޭޝަނަށް ހާޒިރުކޮށްފައެވެ.

ކާރިމްގެ ފޯނު ހިފެހެއްޓުމަށްފަހު ފުލުހުން އޭނައަށް ދިން ލިޔުމުގެ ކޮޕީ "ސަން" އަށް ވަނީ ލިބިފައެވެ.

އެ ލިޔުމުގައިވާގޮތުން ފުލުހުން ހިފަހައްޓާފައި ވަނީ ކާރިމްގެ ފޯނާއި ސިމްކާޑާއި މެމޮރީ ކާޑެވެ.

ސްޓޭޓް އޮފް އެމަޖެންސީގެ ދަށުން ސަރުކާރާ އިދިކޮޅު މަސައްކަތްތަކުގައި އުޅޭ ބައެއް ބޭފުޅުންގެ ފޯނު ހިފަހައްޓައި، ބައެއް ބޭފުޅުން އަންނަނީ ހައްޔަރުކުރަމުންނެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ޚާއްސަ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ބައެއް ފުލުހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް