އަންގް ސަން ސޫޗީގެ ހިއުމަން ރައިޓްސް އެވޯޑެއް އަތުލައިފި

މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީއަށް ޔޫއެސް ހޮލޮކޯސްޓް މެމޯރިއަލް މިއުސަމުން ދިން ހިއުމަން ރައިޓްސް އެވޯޑެއް ވަނީ އަތުލާފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މާޗް 11): މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީއަށް ޔޫއެސް ހޮލޮކޯސްޓް މެމޯރިއަލް މިއުސަމުން ދިން ހިއުމަން ރައިޓްސް އެވޯޑެއް އަތުލައިފި އެވެ.

ދެހާސްބާރަ ވަނަ އަހަރު ސޫޗީއަށް ދިން އެލީ ވީސެލް އެވޯޑު އަތުލީ މިޔަންމާގެ ރަޚީން ސްޓޭޓުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ އިރު، އެމައްސަލައަށް ހައްލެއް ހޯދުމަށް ސޫޗީ މަސައްކަތް ނުކުރައްވާތީ ކަމަށް ހޮލޮކޯސްޓް މިއުސިއަމުން ބުންޏެވެ.

އެމިއުސިއަމްގެ ޑިރެކްޓަރު ސާރާ ބްލޫމްފީލްޑް ސޫޗީއަށް ފޮނުއްވި ސިޓީއެއްގައިވާ ގޮތުން މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމުންނަށް ދެމުންދާ އަނިޔާތައް ސޫޗީ ހުއްޓުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ނަމަވެސް އޭގެ ބަދަލުގައި ސޫޗީ ވަނީ "އދ. އަށް އެއްބާރުލުން ދެއްވަން ދެކޮޅު ހައްދަވައި، ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކަވައި، ރަޚީން ސްޓޭޓުގައި ހިންގަމުންދާ ޖަރީމާތައް ހާމަ ކުރަން މަސައްކަތް ކުރާ ނޫސްވެރިން ހުއްޓުވާފައި" ކަމަށް ބްލޫމްފީލްޑް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ފެށި އަނިޔާވެރި އޮޕަރޭޝަނަކާ ގުޅިގެން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު 690،000 އަށް އަރަ އެވެ.

އަދި ސިފައިންގެ އަމަލުތައް ހުއްޓުވުމަށް ސޫޗީ ދެކޮޅު ހެއްދެވުމުގެ ސަބަބުން އޭނާއަށް ދީފައިވާ ލަގަބުތައް އެވޯޑުތައް މީގެ ކުރިން ވެސް ވަނީ އަތުލާފައި އެވެ. އެގޮތުން މިޔަންމާ އަށް ޑިމޮކްރަސީ ގެނެއުމަށް ސޫޗީ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް އިނގިރޭސިވިލާތުގެ އޮކްސްފޯޑުން އެ ކަމަނާއަށް އަރުވައިފައިވާ ފްރީޑަމް އޮފް ދަ ސިޓީގެ ލަގަބު ވަނީ މިދިޔަ އަހަރު އަތުލައިފަ އެވެ. (ސީއެންއެން)

comment ކޮމެންޓް