ވޯޓާ ތީމް ޕާކުގެ މަސައްކަތް މަޑުޖެހުނީ ގޮންޖެހުންތަކެއް ކުރިމަތިވެގެން: ސައިމަން

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރި މުހައްމަދު ސައިމަން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ތަރައްގީ ކުރާ ވޯޓާ ތީމް ޕާކުގެ މަސައްކަތް މަޑުޖެހިފައި އޮތީ ކުރިން ލަފާކޮށްފައި ނުވާ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުންކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ސަންއަށް ދެއްވި އިންޓަވިއު އެއްގައި ސައިމަން ވިދާޅުވީ، މެލޭޝިއާ އާއި އޮސްޓްރޭލިއާގެ ދެ ކުންފުންޏެއް ގުޅިގެން ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމާފައިވާ ވޯޓާ ތީމް ޕާކްގެ ޕްރޮޖެކްޓް ކުރިއަށް ދާ ކަމަށެވެ.

މަސައްކަތް މަޑުޖެހުނީ އެ ޕާކު ތަރައްގީ ކުރާ ސަރަހައްދަކީ ކުރިން ހުޅުމާލޭގައި ސީ އެންޑް ޑީ ކުނި އެއްކުރާ ތަނަކަށްވެފައި، އެތަން ސާފު ކުރަން ޖެހުމުން ކަމަށެވެ.

"2004 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި މީހުން އުޅެން ފެށީއްސުރެ ސީއެންޑް ޑީ ވޭސްޓަށް ހައްލެއް ނެތް. ކުރީ ސަރުކާރަކުން ޓަޓުވާ ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެކަންވެސް ފެއިލްވީ. ސީ އެންޑް ޑީ ވޭސްޓް ގިނަވެ އެ ސަރަހައްދުގައި އޮތީ ކުނީގެ ފަރުބަދައެއް،" އެތަން ސާފުކޮށް، ކުނިތައް ތިލަފުއްޓަށް ގެންދަންވެސް ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރަމުން ސައިމަން ވިދާޅުވިއެވެ.

ނަމަވެސް އެތަން ހުސްކޮށް މިހާރު ފެންސް ޖަހައިިގެން މަސައްކަތް ކުރިއަށްދާކަމަށް ސައިމަން ވިދާޅުވިއެވެ.

އެޗްޑީސީން މީގެ ކުރިން ބުނީ މި އަހަރު ނިމުމުގެ ކުރިން ވޯޓާ ތީމް ޕާކް ހުޅުވޭނެ ކަމަށެވެ. ވޯޓާ ތީމް ޕާކު ހުންނާނީ ހުޅުމާލޭ ނިރޮޅު މަގުގައި، ޔޫތު ޕާކާ ޖެހިގެން ނެވެ.

އެތަނުގައި ހުންނަ ފެސިލިޓީތަކުގެ ތެރޭގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަރ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާރ އަދި ފެން ކޯރުތައް ހިމެނެއެވެ.

މީގެ އިތުރުން، އެތަނާ އެކު އެސަރަހައްދުގައި ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތަކާއި ހޮޓަލެއްވެސް ތަރައްގީ ކުރާނެކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް