ނައިބު ރައީސް ޖިހާދުގެ ބޮޑީގާޑުގެ ފޯނު ހިފަހައްޓައިފި

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑު އައްބާސް އުމަރުފުޅު

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑު އައްބާސް އުމަރުފުޅުގެ ފޯނު ހިފަހައްޓައިފިއެވެ.

އެނގިފައިވާގޮތުގައި އައްބާސްގެ ފޯނު ހިފަހައްޓާފައިވަނީ މިލިޓަރީ ޕޮލިހުންނެވެ. އައްބާސްގެ ފޯނު ހިފެހެއްޓި ނަމަވެސް އޭނާ ބަންދުކޮށްފައެއް ނުވެއެވެ.

އައްބާސްގެ ފޯނު އަތުލީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ވަނީ އެނގިފައެވެ.

ނައިބު ރައީސްގެ ބޮޑީ ގާޑުގެ ފޯނު ހިފަހައްޓާފައިވާއިރު ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީ ގާޑު އަހުމަދު ޝާނީޒް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑް ސިމާދު އަހުމަދު ވެސް ބަންދުކުރުމަށް ފަހު ދޫކޮށްލައި ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

އައްބާސް އާއި ސިމާދަކީ ގާތް ގުޅުމެއް އޮންނަ ދެ މީހުން ކަމަށް އެނގިފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ވަނީ ބައެއް ސިފައިންނާއި ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުނަށްކޮށްފައި ވަނީ ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.

އެމްއެންޑީއެފްގެ މުވައްޒަފުންނާ މެދު އަޅާ އިދާރީ ފިޔަވަޅުތަކާ ބެހޭ މައުލޫމާތާއި އެކި އެކި ސަބަބުތަކާ ހުރެ ވަޒީފާ އިން ވަކިވާ މުވައްޒަފުންގެ މައުލޫމާތަކީ މީޑިއާއަށް ހިއްސާކުރާ މައުލޫމާތެއް ނޫން ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް