މެސީއަށް ތިންވަނަ ދަރިއަކު ލިބިއްޖެ

މެސީގެ އާއިލާ: އޭނާގެ އަންހެނުން އެންޓޮނޭލާ އަދި ދެ ދަރިން ކަމަށްވާ މެޓެއޯއާއި ތިއޭގޯ --- ފޮޓޯ/ ބާސެލޯނާ

ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި އޭނާގެ އަންހެނުން އެންޓޮނޭލާ ރޮކޫޒާއަށް ތިންވަނަ ފިރިހެން ދަރިއަކު ލިބިއްޖެއެވެ.

ސްޕެނިޝް ލަލީގާގައި މިރޭ ބާސާއާއި މަލާގާ ވާދަކުރަން އޮތް މެޗުގެ ސްކޮޑުން މެސީ އުނިކުރީ މެސީ އަމިއްލަ ކަމެއްގައި ކަމަށް މިއަދު ބާސާއިން ބުނެފައިވާއިރު، މެސީވަނީ އޭނާގެ ވެރިފައިޑް އިންސްޓާގްރާ އެކައުންޓުގައި އަންހެނުން އެންޓޮނޭލާ ވިހޭކަން ކަށަވަރުކޮށްދީފައެވެ.

މެސީގެ އިންސްޓާގްރާމް ޕޯސްޓްގައި އޭނާގެ ތިންވަނަ ދަރީގެ ނަމެއްގެ ގޮތުގައި އޭނާ ބޭނުންކޮށްފައިވަނީ ސީރޯއެވެ. މެސީގެ ޕޯސްޓްގައި ބުނެފައިވަނީ ދަރިފުޅު ސީރޯއާއި މަންމަގެ ހާލުވެސް ރަނގަޅު ކަމަށާއި މުޅި އާއިލާވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.

މެސީގެ އިންސްޓާގްރާމް ޕޯސްޓް ---

ސީރޯގެ އިތުރުން މެސީއާއި އޭނާގެ އަންހެނުން އެންޓޮނޭލާގެ ދެންތިބި ދެ ދަރިންނަކީވެސް ފިރިހެން ދަރިންނެވެ. އެއީ އުމުރުން ފަސް އަހަރުގެ ތިއޭގޯއާއި ދެ އަހަރުގެ މަޓޭއޯއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުު ފަސް ފަހަރު ހޯދާފައިވާ މެސީ އަންނަނީ މި ސީޒަންގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި ބާސާ އަދި ބަލިވެފައިނުވާއިރު މިރޭގެ މެޗުން މޮޅުވެ 11 ޕޮއިންޓްގެ ލީޑެއް ތާވާލުގެ އެއްވަނައިގައި ނެގުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.

އެންމެފަހުން ކުޅުނު ތިން މެޗުން ހަތަރު ގޯލް ބާސާއަށް ކާމިޔާބުކޮށްދީފައިވާ މެސީ، މި ހަފްތާގައި ޗެލްސީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗުގައި ކުޅޭނެއެވެ. އެ ދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު ބާސާއަށް ގޯލް ޖަހައިދިނީވެސް މެސީއެވެ.

comment ކޮމެންޓް