އައްޑޫ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މީހާ ވަނީ މަރުވެފައި --- ފޮޓޯ/ މީސް މީޑިއާ

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަޚަމްވި މީހާ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިރޭ 7:05 އެހައިކަންހާއިރު ކަމަށާއި ގެނައިއިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ލިންކު ރޯޑުގެ ކުނިކޮށި ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ. އެ ހާދިސާގައި މަރުވީ ސައިކަލް ދުއްވި މީހާއެވެ.

މަރުވި މީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލު އަދި ނުލިބެއެވެ. އެ ހާދިސާގައި އެކްސިޑެންޓުވި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް