މަޝްވަރާގައި އދ. ބައިވެރިކުރުމާ މެދު ސަރުކާރުގެ ވިސްނުން ސާފެއް ނޫން: އިދިކޮޅު

އިދިކޮޅު އިއްތިހާދުގެ ބައެއް ބޭފުޅުން އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޭމްސް ޑޯރިސްއާ އެކު--ފޮޓޯ/ޓްވިޓާރ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އދ.ގެ ބައިވެރިވުން އޮތުމާ މެދު ދިވެހި ސަރުކާރުން ދެކޭގޮތް ސާފު ނުވާތީ، އދ. މެދުވެރިކޮށް އެކަންކަން ސާފުކުރުމަށް އިދިކޮޅު އިއްތިހާދުން ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިދިކޮޅުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، މަޝްވަރާތަކުގައި އދ. ބައިވެރިކުރުމާ މެދު ސަރުކާރުގެ ވިސްނުން ދެބައިވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ޔުމްނާ މައުމޫން ސޮއި ކުރައްވައި ރައީސަށް ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުން، އެކަމާ މެދު ސަރުކާރުގެ ވިސްނުން ސާފުނުވުމަކީ ބަލައިގަންނަން ދަތިކަމެއް ކަމަށެވެ.

އެހެންކަމުން، މަޝްވަރާތައް ފެށުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމުގެ ރަސްމީ ދައުވަތު ދީ، އަދި އދ.ގެ ދައުރާ މެދު ސަރުކާރުގެ ވިސްނުން ސާފުކުރުމަށް ޓަކައި އިދިކޮޅު އިއްތިހާދުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އިދިކޮޅުން ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މަޝްވަރާތަކަށް ތާއީދުކުރައްވާކަން ވީ އެންމެ އަވަހަކަށް ހާމަކުރެއްވުމަށް ވެސް އިދިކޮޅުން ރައީސް ޔާމީނަށް ގޮވާލި އެވެ.

"މިކަމުގައި މުޅި ސަރުކާރުގެ ވިސްނުން ހާމަކުރައްވައި، އެގޮތުގައި ދެމިހުންނެވުމުގެ ވަގުތު މިވަނީ ޖެހިފަ އެވެ. މުޅި ސަރުކާރުގެ ހުރިހާ ބޭފުޅުންގެ ތާއީދު މިކަމުގައި މަނިކުފާނަށް ނުލިބިދާނެކަން ގަބޫލުކުރަމެވެ. އެހެންކަމުން މިކަމުގައި އިތުރަށް އޮޅުމެއް ނާރާނެ ގޮތަށް މުޅި ސަރުކާރުގެ ވިސްނުމަކީ އެއް ވިސްނުމެއްކަން ސާފުކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި އިދިކޮޅުން އިތުރަށް ބުނެފައި ވަނީ، ސަރުކާރާއި އިދިކޮޅު ޕާޓީތަކާ މެދު ބާއްވަން މަސައްކަތްކުރާ މަޝްވަރާތައް ފެށުމާ ގުޅޭ މަޝްވަރާއަކަށް އިދިކޮޅުގެ ވަފުދެއް ހޯމަ ދުވަހު އެމެރިކާގެ ވޮޝިންގްޓަން ޑީސީއަށާއި އދ.ގެ މައި އިދާސާ ހުންނަ ނިއުޔޯކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ ދެ ފަރާތުގެ ލީޑަރުންގެ މެދުގައި އދ. މެދުވެރިވެ ހިންގާ ވާހަކަތަކަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ލީގަލް އެޑްވައިޒަރެއްގެ ގޮތުގައި އިނގިރޭސި ވަކީލު ބެން އެމަސަން އައްޔަނުކޮށްފައިވާ ކަމަށާއި އެމެރިކާއަށް ކުރާ ދަތުރުގައި އޭނާ ވެސް ބައިވެރިވާނެ ކަމަށެވެ.

އިދިކޮޅުން ސަރުކާރާ އެކު މަޝްވަރާތަކުގައި ބައިވެރިވާނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކަންކަންކަމަށް ހައްލެއް ހޯދުމަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އޭގެ ދަށުން ބަންދުކޮށްފައިވާ އެންމެން ދޫކޮށްލައި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުން ކަމަށް އެ ސިޓީގައި އިދިކޮޅުން ރައީސް ޔާމީނަށް ދެންނެވި އެވެ.

comment ކޮމެންޓް