ލަކޯސްޓްގެ ލޯގޯ އަށް މިވަނީ ކިހިނެއް؟

ކުންފުންޏެއް ރަމްޒުކޮށްދޭ ލޯގޯ އަކީ އެ ކުންފުންޏަކުން އުފައްދާ އުފެއްދުމެއް ކަސްޓަމަރުން ފާހަގަކުރަން ބޭނުންކުރާ ނިޝާނެކެވެ. ލޯގޯ އިން އެކި ބްރޭންޑުތައް ފާހަގަކުރާ މީހުން ވެސް ގިނަ އެވެ.

އެންމެ ދުވަސްވީ، އެންމެ މަގުބޫލު އެއް ކުންފުންޏަކަށް ލަކޯސްޓޭ ވާނެ އެވެ. އެމީހުންގެ އައިކޮނިކް ލޯގޯ އަކީ ފެހިކުލައިގެ ކިނބުލެކެވެ.

ގިރުވާން ލީ ޓީޝާޓު ނުވަތަ ޕޯލޯ ޝާޓް އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ލަކޯސްޓް އިން ވަނީ އެމީހުންގެ ލޯގޯ އަށް ވަގުތީ ގޮތުން ބަދަލެއް ގެނެސްފަ އެވެ. އެމީހުންގެ އައިކޮނިކް ކިނބޫ ލޯގޯގެ ބަދަލުގައި ދުނިޔޭން ނެތިދާނެކަމުގެ ބިރު ހީވެފައިވާ 10 ދިރޭއެއްޗެއް ލޯގޯގައި ހިމަނައިގެން ލަކޯސްޓް އިން ވަނީ ލިމިޓެޑް ހެދުން ލައިނެެއް ނެރެފަ އެވެ.

މި ހެދުންތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އެ ހުރިހާ ހެދުމެއް މިހާރު ވަނީ ވިކި ހުސްވެފަ އެވެ. އެ ކުންފުނީގެ މި ޓީޝާޓުތައް ޕެރިސް ފެޝަން ވީކްގައި ދައްކާލި އިރު އުފައްދާފައި ވަނީ ޖުމްލަ 1775 ޓީޝާޓެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ އާ ގުޅިގެން ލަކޯސްޓް އިން ކުރިއަށް ގެންދިޔަ މި ކެމްޕެއިނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މި ކެމްޕެއިނަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެގޮތުން ލަކޯސްޓް އިން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ނުކުރާ ކަމަށާއި އެމީހުން މަސައްކަތްކުރަނީ އަމިއްލަ އަށް ޕްރޮމޯޓުވާން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް