ވަގުތު ފާއިތުވި ފަހުން، އެމެރިކާގެ މިސްރާބު އެފްރިކާއާ ދިމާއަށް!

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން (ވ) އަދި ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) --

ވަގުތު ފާއިތުވި ފަހުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން، އެފްރިކާގެ ގައުމުތަކަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ބުދަދުވަހު ފެއްޓެވި މިދަތުރުފުޅުގައި ޓިލަސަން އެންމެ ފުރަތަމަ ވަޑައިގެންނެވީ އެފްރިކާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިތިއޯޕިއާއަށެވެ.

އިތިއޯޕިއާއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އޭނާ ވަނީ އިގްތިސާދީ ގޮތުން އެފްރިކާއަށް އެހީވަން އެމެރިކާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެޑިސް އަބާބާގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އިތިއޯޕިއާގެ ބޮޑުވަޒީރު ހިލަމަރިޔަމް ޑެސިލިންއާއި ޚާރިޖީ ވަޒީރު ވަރަގްނާ ގިބީހޯ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ވިދާޅުވީ އެފްރިކާގެ ގައުމުތަކުގައި ޗައިނާގެ ބާރާއި ނުފޫޒު އިތުރުވަމުން ދިޔުމަކީ އެމެރިކާ ކަންބޮޑުވާކަމެއް ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އެފްރިކާއަށް އިގްތިސާދީ ގޮތުން އެހީތެރިވެ، އެފްރިކާގައި އިންވެސްޓްކުރަން އެމެރިކާވެސް ބޭނުންކަމަށާއި މިކަމަށްޓަކައި ޔޫރަޕުގެ އިއްތިހާދާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

އެފްރިކާގެ ގައުމުތަކުގައި ހަމަނުޖެހުންތައް އުފެދި ދާޚިލީ ހަނގުރާމަތަކަށް މަގުފަހިވެގެން ދިޔުމުގެ އެއްސަބަބަކީ އެފްރިކާގެ ގައުމުތަކުގެ ތަރައްގީއަށް އެހީތެރިވުމުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ފަސްޖެހި އެފްރިކާގެ ގައުމުތައް އިހުމާލު ކޮށްލެވިފައިވުން ކަމަށް ނުސީދާ ގޮތެއްގައި ޓިލަސަން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި އެފްރިކާއަށް ވަޑައިގެންނެވުނީ ވަގުތު ފާއިތުވުމަށްފަހުގައި ކަމުގެ އިހުސާސްވެސް ޓިލަސަން ކުރައްވާކަން މުރާސިލުން ވަނީ ފާހަގަކޮށްފައެވެ.

އެފްރިކާގެ ގައުމުތަކަށް ޗައިނާ ވަމުންދާ ހިލޭ އަދި ލޯނު އެހީތަކާއި ޗައިނާގެ އެތައް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކާ ގުޅިގެން ޗައިނާގެ ބާރާއި ނުފޫޒު އެފްރިކާގައި ގަދަވެފައި ވާއިރު އެމެރިކާއާއި ޔޫރަޕް އެފްރިކާގައި ވަނީ އެކަހެރިވެ އެއްފަރާތް ވެފައެވެ.

އިތިއޯޕިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ޓިލަސަންއަށް ވަނީ މިކަމުގެ ހިތި އިހުސާސްތައް ކުރައްވަން ޖެހިވަޑައިގެންފައެވެ. އިތިއޯޕިއާގައި ހައިޑްރޯޕަވަރ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ޗައިނާއިން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކުރާއިރު އިތިއޯޕިއާގައި ކާރުހާނާތައް ބިނާކޮށް މަގުތަކާއި އެއާޕޯޓްތަކާއި އެނޫން އިންފްރާސްޓްރަކްޗަރ ބިނާކުރުމަށްވެސް ޗައިނާ ގެންދަނީ ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ހޭދަކުރަމުންނެވެ.

މީގެއިތުރުން އެކާރުޚާނާތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ ތަމްރީންތައް އިތިއޯޕިއާގެ ދަރިވަރުންނަށް ދިނުމަށްވެސް ޗައިނާ ގެންދަނީ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދު ކުރަމުންނެވެ.

ނަމަވެސް މިއިން އެއްވެސް ކަމަށް އިޝާރާތްކުރުމެއް ނެތި، ޓިލަސަން ވަނީ ހޯން އޮފް އެފްރިކާ ސަރަހައްދުގައި ޗައިނާގެ ބާރާއި ނުފޫޒު އިތުރުވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އަދި ޗައިނާ ދޭ ލޯނު އެހީއަށް ސަމާލުވުމަށްވެސް ޓިލަސަން އެފްރިކާގެ ގައުމުތަކަށް ގޮވާލެއްވިއެވެ.

އެމެރިކާއާއި ޔޫރަޕުން އަޅުވެތިކުރި އެފްރިކާ ގައުމުތަކަށް 1960 ގެ އަހަރުތަކުގައި މިނިވަންކަން ދިނުމަށްފަހުވެސް އެގައުމުތައް ވަނީ އިގްތިސާދީ ގޮތުން އަޅުވެތިކޮށް، ފަގީރުކޮށްފައެވެ.

އެފްރިކާގެ ގައުމުތަކުގައި ހުރި އަގުބޮޑެތި ގުދުރަތީ މައުދަނުތައް ހެޔޮ އަގުގައި އެމެރިކާއާއި ޔޫރަޕަށް ގެނެސް ބޮޑު ފައިދާ ހޯދުމުގެ މައްޗަށް ބިނާވި އެ ސިޔާސަތުގެ ދަށުން އެފްރިކާގެ ގައުމުތަކުގެ ތަރައްގީއަށް މާ ބޮޑު ފަރުވާލެއް ދީފައެއް ނުވެއެވެ.

ޔޫރަޕުން އެފްރިކާއާމެދު މިގޮތަށް ކަންކުރި ނަމަވެސް 2000 ގެ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑު އިގްތިސާދީ ބާރެއްގެ ގޮތުގައި ޗައިނާ ފާޅުވެ،

އިގްތިސާދީ ގޮތުން ކެރިފޯރުން ޗައިނާއަށް ލިބުމާއެކު ޗައިނާ ވަނީ އެފްރިކާގެ ގައުމުތަކުގައި މަލްޓި ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރަންފަށާފައެވެ. މިގޮތުން ޗައިނާއިން ވަނީ އިތިއޯޕިއާއަށްވެސް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައެވެ.

އިތިއޯޕިއާގެ ނޫސްތަކުންވެސް ބުނެފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަސަން އެގައުމަށް ވަޑައިގަތީ އެމެރިކާއާއި ޔޫރަޕުގެ މައްޗަށް ޗައިނާއިން ކުރި ހޯދި ފަހުން ކަމަށެވެ.

އަދި އެފްރިކާގައި ޗައިނާ މިއަދު އޮތްހިސާބަށް ވާސިލްވުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށްދެވޭވަރުގެ ފައިސާ އެމެރިކާއާއި ޔޫރަޕްގައި ނެތްކަމަށާ ހުޅަނގަށް އެފްރިކާ ގެއްލިގެން ހިނގައްޖެ ކަމުގައެވެ.

އެމެރިކާއަކީ ތަރައްގީގެ ކަންކަމުގައި ދުނިޔޭގެ ގައުމުތަކަށް މާބޮޑެތި އެހީތަކެއް ދިނުމުގެ ސިޔާސަތެއް އެއްއިރެއްގައިވެސް ގެންގުޅޭ ގައުމެއް ނޫނެވެ. ޔޫރަޕްގެ އިއްތިހާދަކީވެސް ހަމަ މިފަދަ ސިޔާސަތެއް ގެންގުޅޭ އިއްތިހާދެކެވެ. ތަރައްގީ ވަމުންދާ ގައުމުތަކަށް އެމެރިކާއާއި ޔޫރަޕުން އެހީތެރިވަނީ ވަރަށް ކުދިކަންކަމުގައެވެ. ފަގީރުކަން ކުޑަކުރުމުގެ ޕްރޮގްރާމްތައް ހިންގުންފަދަ ކުދިކުދި ކަންކަމުގައެވެ.

ޗައިނާ އިންވެސްޓް ކުރާގޮތަށް މަލްޓި ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ތިންވަނަ ދުނިޔޭގެ ގައުމުތަކުގައިކޮށް އެ ގައުމުތައް ކޮޅަށްޖެހުމަކީ އެމެރިކާއާއި ޔޫރަޕްގެ ސިޔާސަތެއްނޫނެވެ. އޭގެބަދަލުގައި އެދެފަރާތުގެ ސިޔާސަތަކީ ފިކުރީގޮތުން ކުދި ގައުމުތަކަށް ބާރާއި ނުފޫޒު ހިންގުމެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ހުޅަނގުން ގެންގުޅޭ އައިޑިއޮލޮޖީ އާއި ހުޅަނގުގެ އަމިއްލަ ފިކުރުތައް ފެތުރުމެވެ.

ހުޅަނގުގެ މިސިޔާސަތުތަކުގެ ސަބަބުން އެފްރިކާގެ ގައުމުތަކުގެ އިތުރުން ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައިވެސް އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒުވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ސަބަބަކީ ހުޅަނގަކީ ތަރައްގީގެ ބައިވެރިއަކަށް ނުވުމެވެ.

ޓިލަސަން އެފްރިކާގެ ބައެއް ގައުމުތަކަށް ފެއްޓެވި ދަތުރުފުޅުގައި އިތިއޯޕިއާގައި ވާހަކަ ދައްކަވަމުން އިގްތިސާދީ ގޮތުން އެފްރިކާއަށް އެހީވާން އެމެރިކާ ތައްޔާރަށް އޮތްކަމަށް ވިދާޅުވި ނަމަވެސް މިކަމާބެހޭ އެއްވެސް ޕްލޭނެއް އޭނާ ގެންނަވާފައެއް ނުވެއެވެ.

ތާރީޚަށް ބަލާއިރު އެމެރިކާއިން ތަރައްގީއަށް އެހީތެރިވީ ހަމައެކަނި ޔޫރަޕަށެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމަ ނިނުމަށްފަހު ފުނޑުފުނޑުވެފައިއޮތް ޔޫރަޕްގެ ގައުމުތައް އަލުން ކޮޅަށްޖަހައި ބިނާކޮށް އާރާސްތު ކޮށްދިނުމަށެވެ.

މިކަން އެމެރިކާ ކޮށްދިނީ މަޝްހޫރު މާޝަލް ޕްލޭންގެ ދަށުންނެވެ. ޔޫރަޕްގެ ގައުމުތައް ތަރައްގީކޮށް އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމަށް 1950ގެ އަހަރުތަކުގައި އެމެރިކާއިން 14 ބިލިޔަން ޑޮލަރު ޚަރަދު ކުރިއެވެ. އެއީ މިހާރުގެ ރޭޓަށް ބަލާނަމަ އަށް ސަތޭކަ ވަރަކަށް ބިލިޔަން ޑޮލަރެވެ. ނަމަވެސް މަޝްހޫރު މާޝަލް ޕްލޭނާއެކު އެމެރިކާ ވަނީ ޔޫރަޕްގައި އަސްކަރީ ބޭސްތައް ބިނާކޮށް އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށަށް ހުޅަނގު ޔޫރަޕު ގެންގޮސްފައެވެ.

މާޝަލް ޕްލޭނަށްފަހު ގައުމެއް ތަރައްގީކޮށް އާރާސްތުކޮށްދޭ ވަރާ ގާތަށްވެސް އެއްވެސް ގައުމަކަށް އެމެރިކާވެސް އަދި ޔޫރަޕުންވެސް އެހީތެރިވެ ދީފައެއް ނުވެއެވެ.

comment ކޮމެންޓް