ޖަހްރިއްޔަ ނަމާދުތަކުގައި ބިސްމި ބާރަށް ކިޔުމަކީ އެންމެ ރަނގަޅު ގޮތް: ފަތުވާ މަޖިލިސް

ހުޅުމާލޭގައި މީގެ ކުރިން ކުރި ޢީދު ނަމާދުގެ ޖަމާއަތެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިމާމުވެ ނަމާދު ކުރާ ކޮންމެ މީހަކު، ޖަހްރިއްޔަ ނަމާދުތަކުގައި ނުވަތަ އަޑުހަރުކޮށް ގުރުއާން ކިޔަވާ ނަމާދުތަކުގައި އަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ ފާތިހާ ސޫރަތް ކިޔަވަން ފަށާއިރު ބިސްމި ބާރަށް ކިޔުން ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ފަތުވާ ދޭ އެންމެ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް އާއި ނައިބް ރައީސް އިބްރާހިމް އަހުމަދުގެ އިތުރުން އެ މަޖިލީހުގައި ހިމެނޭ ތިން މެމްބަރުން ސޮއި ކޮށް މިދިޔަ އަންގާރަ ދުވަހު ނެރުނު ފަތުވާގައި ބުނެފައި ވަނީ ޖަހްރިއްޔަ ނަމާދުތަކުގައި ކީރިތި ރަސޫލާ ފާތިހާ ސޫރަށް ކިޔަވައި ވިދާޅުވާން ފައްޓަވާއިރު ބިސްމި ބާރަށް ވިދާޅުވިކަން އެކަލޭގެފާނުގެ ސުންނަތުން ސާބިތުވެފައިވާ ކަމަށެވެ.

އަދި ބައެއް ފަހަރު ސިއްރުންވެސް ވިދާޅުވިކަން ސާބިތުވާ ކަމަށް ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައިވެއެވެ.

"މި މައްސަލަ މިހާ ސާފުކޮށް އޮޅުމެއް ނާރާ ގޮތަށް އޮތުމުން، ދިވެހިރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ފަރްޢީ ހުކުމްތަކުގައި އަމަލުކުރަމުން އަންނަނީ ޝާފިއީ މަޒްހަބުގައިވާ ގޮތަށް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ވަހްދަތު އާލާކޮށް، މުޖްތަމަުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، އިމާމުވެ ނަމާދުކުރާ ކޮންމެ މީހަކު ޖަހްރިއްޔަ ނަމާދުތަކުގައި އަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ ފާތިހާ ސޫރަތް ކިޔަވަންފަށާއިރު ބިސްމި ބާރަށް ކިޔުމެވެ." ފަތުވާގައި ބުނެފައިވެއެވެ.

ފަތުވާގައި އިތުރަށް ބުނެފައި ވަނީ ބިސްމިއަކީ ސޫރަތުލްފާތިހާގެ ފުރަތަމަ އާޔަތްކަން ކީރިތި ގުރްއާނުންނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިިތުވެފައިވާ ކަމަށާއި ކޮންމެ ނަމާދެއްގައި ވެސް ފާތިހާ ސޫރަތް ކިޔުމަކީ ފަރުޟެއް ކަމަށެވެ.

comment ކޮމެންޓް