އެތުލެޓިކޯއަށް މޮޅެއް، ސަލްޒްބާގު އަތުން ޑޯޓްމަންޑަށް ބައްޔެއް

ޔޫރޮޕާ ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އެތުލެޓިކޯއާއި ލޮކޮމޯޓިވް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެތުލެޓިކޯ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގައި ލޮކޮމޯޓިވް މޮސްކޯ އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވި އިރު، ރެޑް ބުލް ސަލްޒްބާގް އަތުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ ފުރަތަމަ ލެގު މެޗުގައި ލޮކޮމޯޓިވް މޮސްކޯ އަތުން އެތުލެޓިކޯ މޮޅުވެފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ.

އެތުލެޓިކޯއިން މެޗުގެ ލީޑު ހޯދީ މެޗުގެ 22 ވަނަ މިނެޓުގައި ސައުލް ނިގޭޒް ކާމިޔާބުކުރި ރީތި ލަނޑުންނެވެ. ހުއާންފްރާން ދިން ބޯޅައަކުން ލޮކޮމޯޓިވް ހާފުގެ މެދެއްހާ ހިސާބުން ސައުލް ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ މަތީ ކަނަކަށެވެ.

އެ ލަނޑަށްފަހު މެޗުގެ 30 ވަނަ މިނެޓުގައި ވެސް އެތުލެޓިކޯއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ލޮކޮމޯޓިވްގެ ކީޕަރު ގުއިލްހާމޭ މެރިނާޓޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ދުރުން ހުސް ގޯލަށް އެންޓުއަން ގްރީޒްމަން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން އެތުލެޓިކޯ ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓުތެރޭ އެތުލެޓިކޯއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީން އެޓީމާ ގުޅުނު ސްޕެއިން ފޯވަޑް ޑިއޭގޯ ކޮސްޓާއެވެ. ގްރީޒްމަން ފޮނުވާލި ހަމަލާއެއް ލޮކޮމޯޓިވްގެ ކީޕަރު ގުއިލްހާމޭ ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ކޮސްޓާ ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ހަމަލާތަކަކަށްފަހު އެތުލެޓިކޯގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ހުއާންފްރާން ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮކޭއެވެ. ލޮކޮމޯޓިވްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޮކޭއަށް ލިބުނު ބޯޅަ، އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޑޯޓްމަންޑާއި ސަލްޒްބާގް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޑޯޓްމަންޑް ބަލިވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ރެޑްބުލް ސަލްޒްބާގް އަތުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ.

މެޗުގެ 49 ވަނަ މިނެޓުގައި ސަލްޒްބާގުން ލީޑު ހޯދީ ޑޯޓްމަންޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ އޮމަރް ޓޮޕްރަކް ކުރި ފައުލާ ގުޅިގެންނެވެ. ސަލްޒްބާގަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދީ، ލީޑު ހޯދައިދިނީ ނޯވޭ މިޑްފީލްޑަރު ވެލޮން ބެރިޝާއެވެ.

ސަލްޒްބާގުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދިތާ ހަތް މިނެޓުތެރޭ އެޓީމަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ބެރިޝާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސްޓެފަން ލޭނާ ދިން ބޯޅައަކުންނެވެ.

މެޗުގައި ޑޯޓްމަންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ 62 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައަކުން އަންދުރޭ ޝޫލާ ޖަހައިދިން ލަނޑެކެވެ. އެ ލަނޑަށްފަހު ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަކުރުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އޭގެ ތެރެއިން މެޗުގެ 75 ވަނަ މިނެޓުގައި ޝޫލާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޝޫލާ ފޮނުވާލި އެ ހަމަލާ، ސަލްޒްބާގުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

comment ކޮމެންޓް