މީރާއިން މިއަހަރުވެސް އަންހެނުންގެ ދުވަސް ފާހަގަކުރީ ވަރަށް ކުލަގަދަކޮށް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިއަދު މީރާއިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ މީރާ

މީރާއިން މިއަހަރުވެސް ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ސަގާފީ ހެދުމުގައި މީރާގެ އަންހެން މުވައްޒަފުން މިއަދު ހެނދުނު އޮފީހަށް ދިޔަ އިރު، ފިރިހެން މުވައްޒަފުން ވަނީ އެ ކަނބަލުންނަށް ރާނީންގެ އިއްޒަތުގައި ހަތްކޮޅެއްގެ ދަށުން ބޮޑުބެރާއެކު ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ. އަދި ހެނދުނުގެ ނާސްތާއެއް ވެސް ތައްޔާރު ކޮށްފައިވެއެވެ. މީގެ އިތުރުން އަންހެން މުވައްޒަފުން މަސައްކަތްކުރާ ސްޓޭޝަންތައް ވެސް ޒީނަތްތެރިކޮށް ހާއްސަ ހަދިޔާއެއް ދީފައިވެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިއަދު މީރާއިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ މީރާ

"އިސްސަފުގައި މީރާނީން" މި ޝިއާރާއެކު މިއަދު މީރާއިން ކުރިއަށްގެންދިޔަ ހަރަކާތްތައް، މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައި މީރާގެ މުވައްޒަފުން ހަރަކާތްތެރިވާ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދިޔައެވެ.

މީރާގެ އަންހެން މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ބޭއްވި އެންމެ ހާއްސަ އެއްކަމަކީ ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމީ ހަފްލާއެވެ. މި ހަފްލާގައި މީރާގެ ފިރިހެން މުވައްޒަފުން ވަނީ އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށާއި، އެ ކަނބަލުންނަށް ހަމަހަމަ ފުރުސަތުދީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވައުދުވެ، އިގުރާރެއްގައި ސޮއިކޮށްފައެވެ. އަންހެން މުވައްޒަފުންގެ ޝުއޫރުތައް ފާޅުކުރުންވެސް ކުރިއަށްދިޔަ މި ހަފްލާގައި އެ ކަނބަލުންނަށް ފަރިވަޅެއް ވެސް ދީފައިވެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިއަދު މީރާއިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ މީރާ

މި ހަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި ކަންތައްތަކުގައި އަންހެނުން ފިރިހެނުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް އަމިއްލައަށް ކަންކަން ކުރެވޭ ބަޔަކަށްވޭތޯ މަސައްކަތް ކުރެއްވުމަށް ވެސް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީރާގައި މިވަގުތު ވަޒިފާ އަދާކުރަމުންދާ 284 މުވައްޒަފުންގެ ތެރެއިން 52 އިންސައްތައަކީ އަންހެނުންނެވެ.

މީރާއިން ވަނީ މިދިޔަ އަހަރުވެސް މާޗު އަށްވަނަ ދުވަހު ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށް، އެ ދުވަހުގެ ހެނދުނު އަންހެން މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައި، އެ ދުވަހު ހަވީރު ހާއްސަ ހަފްލާއެއް ބާއްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް