އައި ލީގު ކާމިޔާބުކުރި އުތުރު އިންޑިއާގެ ފުރަތަމަ ޓީމަކަށް މިނާވާ ޕަންޖާބު

އައި ލީގުގެ ޗެމްޕިއަންކަން ހޯދި މިނާވާ ޕަންޖާބް -- ފޮޓޯ/ އައި ލީގު

އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ހޯދި އުތުރު އިންޑިއާގެ ފުރަތަމަ ކްލަބުގެ ޝަރަފު މިނާވާ ޕަންޖާބުން ހޯދައިފިއެވެ.

މިނާވާ ޕަންޖާބުން އައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މިއަދު ޗާޗިލް ބްރަދާސް އަތުން 1-0ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިނާވާ ޕަންޖާބުން ވަނީ ކުޅުނު 18 މެޗުން 35 ޕޮއިންޓް ހޯދައިފައެވެ.

އެ މެޗުގައި މިނާވާ ޕަންޖާބުން ކާމިޔާބުކުރި ލަނޑު، މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ވިލިއަމް އޮޕޮކޫ އަސިއެޑޫއެވެ. އެ ލަނޑަށްފަހު ވެސް މިނާވާ ޕަންޖާބުން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި މިނާވާ ޕަންޖާބުގެ ބޫޓާން ފޯވަޑް ޗެންޗޯއަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ގިރިކް ކިސްލާ ނަގައިދިން ހުރަސް ޗެންޗޯއަށް ބޭނުންނުކުރެވުނު އިރު، މެޗުގެ 49 ވަނަ މިނެޓުގައި އާކާޝް ސަންގްވޭން ނަގައިދިން ކޯނަރުން ޗެންޗޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މިއީ މިނާވާ ޕަންޖާބުން، 2007 ފެށިގެން ކުރިއަށްދާ އައި ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވެސް އައި ލީގު ޗެމްޕިއަނުންގެ ގޮތުގައި ފެނިގެންދިޔައީ އާ ޓީމެކެވެ. މިދިޔަ ސީޒަނުގެ އައި ލީގު ޗެމްޕިއަންކަން އައިޒޯލް އެފްސީން ހޯދި އިރު، އެ ފަހަރު މިނާވާ ޕަންޖާބު، ރެލިގޭޓްނުވެ ސަލާމަތްވީ ހަނިގޮތަކަށެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން އައިޒޯލް އޮތީ މިސީޒަނުގެ އައި ލީގުގެ ފަސްވަނައިގައެވެ.

comment ކޮމެންޓް