ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެން: ދިރާގު

ދިރާގުން ބޭއްވި ޕްރޮމޯޝަން ހަރަކާތެއްގެ ތެރޭން. ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް އެ ކުންފުނިން ބުނޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުން އެކުންފުނީގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށް އެކުންފުނިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް މުއާސަލާތީ ކުންފުނިން ބުނީ، ދިރާގުން ޚިދުމަތް ހޯދާ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މަޢުލޫމާތު ކޯޓް އަމުރެއްގެ ދަށުން ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މެނުވީ އެހެން ފަރާތަކާ ހިއްސާކޮށްފައި ނުވާނެކަމާއި އަދި ކުރިމަގުގައި ވެސް އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާ ކަމަށެވެ.

"ދިރާގުން އަމަލުކުރަނީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން އަމަލުކުރަން ލާޒިމުކޮށްފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލައިސެންސްގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކަށް،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.

ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާއި ބެހޭ ގޮތުން މީޑިއާގައި އުފެދިފައިވާ ސުވާލުތަކާއި ގުޅިގެން، ދިރާގުން ބުނީ، ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ދިރާގުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަން ޔަގީންކޮށް އަރުވާކަމަށެވެ.

ދިރާގުން މިފަދައިން ބަޔާނެއް ނެރެފައި މިވަނީ، އެ ކުންފުނީގެ ކަސްޓަމަރެއް ކަމަށްވާ، ޅ. ނައިފަރު ވެލްކަމްގޭޓް ޠައްޔިބު ޝަހީމްގެ ސިމްކާޑުގެ ބޭނުންކޮށްގެން އޭނާއާ ގުޅޭ މައުލޫމާތުތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދާފައިވާކަމަށް ބުނެ މީޑިއާގައި އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ދިރާގުން، ޠައްޔިބަށް ފޮނުވާފައިވާ، ސިޓީއެއްގައި ބުނެފައި ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ޠައްޔިބު ޝަހީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރެއްގެ ސިމްކާޑުގެ އެކްސެސް، ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެން އެ އަމުރަށް އެ ކުންފުނިން ތަބާވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެކުންފުންޏަށް ލިބިފައި ނުވާކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.

comment ކޮމެންޓް