"ސިޔާސީ ހަލަބޮލިކަމާއެކު ކޯޒްވޭއަށް ފައިނޭންސް ހޯދުމުގެ މަސައްކަތަށް ގޮންޖެހުން ދިމާވި"

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން---

ރާއްޖެއަށް އައި ސިޔާސީ ހަލަބޮލިކަމާއެކު ހުޅުމާލެ-ހުޅުލެ ގުޅުވާލާ ކޯޒްވޭގެ މަސައްކަތަށް ފައިސާ ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވިކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ސައިމަން ވިދާޅުވީ ކޯޒްވޭގެ މަސައްކަތަކީ ވަރަށް އިސްކަންދީގެން ކުރާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ބްރިޖުގެ މަސައްކަތް ނިމުގެ ކުރިން ނިންމަން މަސައްކަތްކުރާކަމަށްވެސް ސައިމަން ވިދާޅުވިއެވެ.

ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗެލެންޖުތަކެއް ކުރިމަތިވެފައިވާކަން ސައިމަން ފާހަަގަކުރެއްވިއެވެ.

"ގައުމުގެ ހާލަތަށް ބަދަލު އަންނަގޮތަކުން ބޭންކުތަކުންވެސް ދިރާސާކޮށް ބަލަންބޭނުންވާ ވަގުތު އެބައާދޭ. މިކަހަލަ ކަންތަކަކީ ގައުމު ޕޮލިޓިކަލް ޓާބިއުލެންސްއަކަށް ވެއްޓިގެން އަންނަހިނދު އޭގެ އަސަރު ނުކޮށް ނުދާނެ ކަހަލަ ކަންތައް،" އޭނާ ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ ޕްރޮޖެކްޓަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ބެންކުތަކާ ގުޅިގެން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

"މިގޮތަށް މަޑުޖެހުމެއް އައި ނަމަވެސް ޕްރޮޖެކްޓަށް ނޭދެވޭ އަސަރެއް ނުކުރާނެ،" ސައިމަން ވިދާޅުވިއެވެ.

ފޭސް އެކަކާއި ދޭއް ގުޅުވައިލުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު ކުރަނީ ތޮށި ލުމުގެ މަސައްކަތް ކަމަށާއި ލެވެލިން އާއެކު މަގުހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށް ސައިމަން ވިދާޅުވިއެވެ.

ހުޅުލެ- ހުޅުމާލެ ހައިވޭއަކީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ހަތަރު ކިލޯމީޓަރުގެ ދިގުމިނުގައި، ހަތަރު ލޭނަށް ފަރުމާކުރެވިފައިވާ ހައިވޭ އެއްކަމަށް އެޗްޑީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ. ހައިވޭގައި ހުރިހާ ވައްތަރެއްގެ، ކުދި އަދި ބޮޑެތި އުޅަނދު ތަކަށް އެއްވެސް ދަތި ކަމަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށާއި، އެ ހައިވޭ ނިމޭއިރު އެތަން ޕޭވް ކުރެވި، ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައްވެސް ފުރިހަމަ ކުރެވިފައި ހުންނާނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް