އަންހެނުން ސައި ހޮޓާތަކަށް، ލަދުގަންނާނެ ކަމެއް ނެތް!

ޔޫއެންޑީޕީގެ މުވައްޒަފުން މިއަދު މޫން ކެފޭގައި މެންދުރު ކަނީ: އަންހެނުން މިއަދު ވަނީ ސައި ހޮޓާތަކަށް ވަދެފައި އެމީނުން ބުނަނީ ނުވަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ---

އާންމުކޮށް ސައި ހޮޓާތަކަށް ވަންނަނީ ފިރިހެނުންނެވެ. އަންހެނަކު ސައި ހޮޓަލަކަށް ވަނުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ޒަމާނުއްސުރެ ދިވެހިން ސިފަކުރެއެވެ. އެކަމަކު އެކަން ބަދަލުކޮށްލީ މިއަދު އަންހެނުންގެ ބޮޑު ގުރޫޕަކުންނެވެ. އަންހެނުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މިއަދު މެންދުރު އަންހެނުން ސައިބޯން އަދި މެންދުރު ކާންވެސް މިދިޔައީ ސައި ހޮޓާތަކަށެވެ.

މެންދުރުގެ ކެއުމަށް މަޖީދީމަގުގައި ހުންނަ ފަސޭހަ ޕޮއިންޓް އާންމުން ކިޔާ ގޮތުން ނަމަ "އަތްބަޅޭ"އަށް ގިނަ އަދަދެއްގެ އަންހެނުން ދިޔައެވެ. "ސަން"ގެ ޓީމުން އެތަނަށް ގޮސް، އެތަނުގައި ތިބި އަންހެނުންނާ ވާހަކަ ދައްކާލީމެވެ.

"އެންމެ ފުރަތަމަ ވަތް އިރުވެސް މިތަނުގައި ތިބި އެންމެން ވަރަށް ބެލި. އަލަށް އަންހެނުންތަކެއް މިތަނަށް ވަނީމަ ބެލީ ކަންނޭނގެ. އެކަމަކު އަހަރެމެން ބޭނުންވަނީ މިއީ ނޯމަލް ކަމަކަށް ހަދަން. އަންހެނުން ސައި ހޮޓާތަކަށް ނުވަންނަންވީ ކީއްވެ؟" އެތަނުން އަންހެނަކު ބުންޏެވެ.

ބައެއް މީހުން "ދެން އަންހެނުންވެސް މިތަނަށް ވަދޭހޭ" ބުނެ ކުދި ކިޔާ ހެދިކަމަށް ބައެއް އަންހެނުން ބުންޏެވެ. އަދި ތުމުން ފުމެ ހެދި ކަމަށްވެސް ބުންޏެވެ.

އަނެއްކާ އެތަނަށް ވަތް އަންހެނުންގެ މޫނުމަތިން ހިތްހަމަޖެހުމެއް ފެނުނީ މެންދުރުގެ ކެއުމަށް ރަނގަޅަށް އިންސާފުކޮށްލުމުން އައި ބިލުގެ ކުޑަކަމުންނެވެ. މެންދުރު ރޮއްޓާއި މަސްބުރި ރިހައަކާއި ފިޔާ މިރުސް ލުނބޯ އަދި ޕާޕަރާއެކު ކާލުމުން އެރީ 35 ރުފިޔާކަމަށް އަންހެނަކު ބުންޏެވެ.

އެހިސާބުން އެމީހުންގެ ހިތަށްވެސް އެރީ މި ވީހާ ދުވަހު ހޮޓާތަކަށް ނުވަދެ މެންދުރު ރެސްޓޯރަންޓުން ހޫނު ބަތެއް 75 ރުފިޔާއަށް ކެވުނީމަ "މި ކުރެވުނީ ހާދަ ބޭކާރު ހަރަދެކޭ"އެވެ. އާދައިގެ ހޮޓަަލަކުން ހޫނު ބަތެއް ފަސް ރުފިޔާއަށް އެބަ ލިބެއޭއެވެ.

"އާންމުކޮށް ކޮންމެ ދުވަހަކު މެންދުރު ކާނަމަ މަހަކަށް 2،000 ރުފިޔާ އެބަ ހަރަދުވޭ. އެކަމަކު މިކަހަލަ ތަނަކުން ކެއުމުން މި ހަރަދުވަނީ މިރޭޓުން ބަލާއިރު 800 ވަރަކަށް ރުފިޔާ. ކިހާ ހަރަދު ކުޑަވޭ އެބަ" އަތްބަޅޭ ހޮޓަލުގައި ކާން އިން އަންހެނަކު ބުންޏެވެ.

އެތަނުން ސައިބޮއިގެން ބިލަށް 10 ރުފިޔާ އެރީމަ މީހަކު އައިސް އެވާހަކަވެސް ބުނެލީ ވަރަށް އުފާލާއެކުއެވެ. ހަގީގަތުގައި ހޮޓަލުން ކާނަމަ އަންހެނުންގެ ބިލުތަކަށްވެސް ކުޑަވަނީތާއެވެ.

އެހެން ކަމަކަށް އަތްބަޅޭ ހޮޓަލުން ފާހަގަކުރެވުނީ އެތަނުގައި އަންހެން ވެއިޓަރަކު މަސައްކަތް ކުރާ ކަމެވެ. ބަންގްލަދޭޝްގެ އެ އަންހެން މީހާ ބުނީ އަންހެނުން އެ ހޮޓަލަށް މިއަދު ވަނީ އަލަށް ކަމަށެވެ. އެތަނަށް އަންހެނުން ވަނީމަ އޭނައަށްވެސް ހިތްހަމަޖެހުން ލިބުނެވެ. ބުނީ އަންހެނުން އަންނަ ނަމަ، އެތަނަށް ކާން އަންނަ މީހުން ނުފޮށޭނެ ކަމަށެވެ.

"އަންހެނުން މިތަނަށް ނާންނަނީ. މިތާނަށް އަންހެނުން ވަނީމަ އެންމެން ބަލަނީ. އެހެންވީމަ ނާންނަނީ ދޯ. އަންހެނުން އަންނަނީމަ ރަނގަޅު ވަނީ،" ބަންގްލަދޭޝްގެ އެ އަންހެން މީހާ ބުންޏެވެ.

ހަގީގަތުގައި މިއަދު އެކަނި ނޫނަސް އާންމުކޮށްވެސް ސައިހޮޓާތަކަށް އަންހެނުންނަށް ނުވަންނަންވީ ސަބަބެއް ނެތެވެ. ފިރިހެނަކު ދިޔަސް، އަންހެނަކު ދިޔަސް ސައި ހޮޓާތަކުން ކާން ލިބޭނެތާއެވެ. އަނެއްކޮޅުން، އަންހެނުން ސައި ހޮޓަލަކަށް ވަނުމަކީ ލަދުވެތި ކަމަކަށް ވާންވީ ސަބަބެއް ނެތެވެ. އެތަނަށް ވަތް ހުރިހާ އަންހެނުންވެސް ބޭނުންވީ ސައި ހޮޓާތަކަކީ އަންހެނުން ވަންނަ ތަންތަނަށް ހެދުމެވެ.

މިއަދު މާލޭގެ އެކި ސައި ހޮޓާތަކަށް އަންހެނުން ވަނީ ގޮސްފައެވެ. އެކަން އިންތިޒާމުކުރި ފަރާތުން ބުނީ ލަފާ ކުރި އަދަދަށް ވުރެވެސް ގިނަ މީހުން އެ މޫވްމެންޓުގައި ބައިވެރިވި ކަމަށެވެ.

"65 އަށް ވުރެ ގިނަ އަންހެނުން މި މޫވްމެންޓުގައި ބައިވެރިވި،"

މިއަދުގެ އެ ހަރަކާތަކީ "ކީއްވެ" މޫވްމެންޓުން އޯގަނައިޒް ކޮށްގެން ހިންގި ހަރަކާތެކެވެ. އަދި އެ ހަރަކާތަށް ޖޭސީއައި ކާފު، ޖޭސީއައި މޯލްޑިވްސް، އަދި ވިމެން އެންޑް ޑިމޮކްރެސީއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ކީއްވެ" މޫވްމެންޓުން ބުނީ އެމީހުން ބޭނުންވަނީ މިއީ ހަމަ އެކަނި އަންހެނުންގެ ދުވަހު ކޮށް ނިންމާލާ ކަމަކަށް ނުހެދުމަށް ކަމަށެވެ.

ބޭނުންވަނީ އަންހެނުންނާ މެދު މުޖުތަމައުގައި ހުންނަ ތަފާތު ކުރުންތައް ނައްތާލުމަށް ކަމަށެވެ.

comment ކޮމެންޓް