ސަޕޯޓަރެއްގެ ހުރިހާ މުދަލަކާއި ފައިސާއެއް ސަންޖޭ ދަތަށް!

ބޮލީވުޑް އެކްޓަރު ސަންޖޭ ދަތުގެ ވަރަށް ބޮޑު ފޭނެއް، މަރުވުމުގެ ކުރިން އޭނާގެ ހުރިހާ މުދަލަކާއި ފައިސާއެއް ސަންޖޭގެ ނަން މައްޗަށް ބަދަލުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ނިޝީ ހަރީޝްޗަންދުރަ ކިޔާ އަންހެން މީހާ މަރުވީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ. މަރުވި އިރު އުމުރުން 62 އަހަރެވެ. މަރުވި އިރު ނިޝީގެ މަންމަ އާއި އެއްބަނޑު އެއްބަފާ ތިން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.

ނިޝީ މަރުވުމުގެ ކުރިން ބޭންކަށް ހުޝަހެޅި ނޮމިނޭޝަން ފޯމުގައި ބުނެފައި ވަނީ އޭނާ މަރުވުމަށް ފަހު އޭނާގެ ހުރިހާ މުދަލަކާއި ފައިސާއެއް ދާނީ "ފިލްމްސްޓާ ސަންޖޭ ދަތު" އަށް ކަމަށެވެ.

ނިޝީގެ ހުރިހާ މުދަލަކާއި ފައިސާއެއް ސަންޖޭއަށް ދީފައިވާ ކަން އެނގުނީ، ޖެނުއަރީ 29 ވަނަ ދުވަހު ފުލުހުން ސަންޖޭ އަށް އެކަން އެންގުމުންނެވެ.

އޭގެ ކުރިން ނިޝީ އަކީ ކާކުކަން ސަންޖޭ އަށް ނޭނގޭ ކަމަށް ސަންޖޭ އާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ. ފުލުހުން ބުނީ ނިޝީގެ ނިންމުމާ ގުޅިގެން އޭނާގެ އާއިލާ ވެސް ތިބީ ޝޮކެއްގައި ކަމަށެވެ.

އާއިލާގެ އިތުރުން ސަންޖޭ ވެސް ހުރީ ޝޮކެއްގަ އެވެ. ސަންޖޭ ބުނީ އެންމެ ސަޕޯޓު ކުރާ ފަންނާނުންގެ ފަހަތުން ސަޕޯޓަރުން ދުވެ، އެކްޓަރާއި ގުޅުވައިގެން ދަރިންނަށް ނަން ކިޔައި ހެދި ނަމަވެސް، މިފަދަ ކަމެއް މީހަކު ކޮށްފާނެ ކަމަށް ހިތަށް ވެސް ނާރާ ކަމަށެވެ.

ސަންޖޭ މިހާރު ވަނީ ބޭންކް އޮފް ބަރޯޑާ އަށް ސިޓީ އެއް ފޮނުވައި، ނިޝީގެ އެއްވެސް މުދަލެއް އަދި ފައިސާއެއް ވެސް ބޭނުން ނޫން ކަމަށް ބުނެފަ އެވެ. އަދި އެ ފައިސާ އާއި މުދާ ނިޝީގެ އާއިލާއާ ހަވާލު ކޮށްދިނުމަށް ސަންޖޭ ވަނީ އެދިފަ އެވެ.

comment ކޮމެންޓް