އަހުމަދިއްޔާގައި ޗައިނާ ބަސް ކިޔަވައިދިނުން: ސަޅި ކަމެއް! އަމާޒަށް ވާސިލު ވެވޭބާ؟

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ބަސް ކިޔަވާ ދަރިވަރުން ޗައިނާއަށް ކުރި ދަތުރުގައި، ޗައިނާގެ ބޮޑު ފާރުގެ އެންމެ މަތީގައި-- ފޮޓޯ: އަހުމަދިއްޔާ

މެންޑަރިން ނުވަތަ އާންމުކޮށް ދިވެހިން ކިޔާ ނަމުން ނަމަ ޗައިނީސް ބަހުގެ ވާހަކަ އަޅުގަނޑު ފަށާނީ މިވާހަކަ އިންނެވެ. ރާއްޖެ އާއި ޗައިނާއާ ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރިގެން، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 29 ވަނަ ދުވަހު އެ މުނާސަބަތު ފާހަގަކުރުމަށް ކުރުނބާ އައިލެންޑް ރިސޯޓުގައި ބޭއްވި ހަފުލާ ކަވަރުކުރުމަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ދާން ފުރުސަތު ލިބުނެވެ.

ރާއްޖޭގައި ހުންނަ ޗައިނީސް އެމްބަސީ އާއި އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ގިނަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތް އެ ކުލަގަދަ ހަފުލާގައި ރާއްޖެ އާއި ޗައިނާގެ ގިނަ ސަގާފީ ކަންތައްތައް ވެސް ފެނިގެން ދިޔަ އެވެ. އެގޮތުން އަޅުގަނޑުގެ ލޮލުގައި އެ ހަފުލާއިން އެންމެ އަޅައިގަތީ ރާއްޖޭގެ ސްކޫލު ކުދިންތަކެއް ހުށަހެޅި އައިޓަމެެކެވެ.

"އަޅުގަނޑުމެން ބޭނުން ޗައިނާއަށް ދާން. އަޅުގަނޑުމެންނަށް ޗައިނާ އަށް ދެވޭނެ ގޮތް ހަދައިދެއްވުން އެދި ދަންނަވަން،" ދިވެހި ދަރިވަރުންތަކެއް ހުށަހެޅި އައިޓަމެއްފައި ފަރިތަކަމާ އެކު ޗައިިނީސް ބަހުން ބުންޏެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އައިޓަމެއް ހުށަހަޅައިދެނީ-- ސަން ފޮޓޯ: މުަހައްމަދު އަފުރާހު

ދަރިވަރުން އެ އައިޓަމު ހުށަހެޅިތާ ކުޑައިރުކޮޅެއް ފަހުން، ރާއްޖޭގައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގްގެ ފަރާތުން އެ ދަރިވަރުންނަށް ލިބުނީ ކުއްލި "ސަޕްރައިސް" އެކެވެ. ދަރިވަރުން ދެކެމުން އައި ފޮނި ހުވަފެން ހަގީގަތަކަށްވެ، އެ ދަރިވަރުންނަށް ޗައިނާ އަށް ދެވޭނެގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވުމާ އެކެ، ހޫނު އަތްތިލަބަޑީގެ އަޑުން ހަފުލާ ގުގުމައިގެން ދިޔަ އެވެ.

އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައިި ޗައިނީސް ބަސް ކިޔަވާ ދަރިވަރުންކޮޅެވެ. ތައުލީމީ ގޮތުން ރާއްޖޭގައި އެންމެ ރަން އަކުރުން ފަވާލެވޭ އެއް ސްކޫލު އިންޓެނޭޝަނަލް ސްކޫލަަކަށް ބަދަލުވި ފަހުން، ސްކޫލުގެ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެ ސްކޫލުގައި މިހާރު ވަނީ ބޭރު ބަސްތަކުން ކިޔަވައިދޭން ފަށައިފަ އެވެ.

ޗައިނީސް ބަސް އަހުމަދިއްޔާގައި ކިޔަވައިދޭން ފެށުން

ރާއްޖެ އާއި ޗައިނާއާ ދެމެދު މިއިން ޒަމާނަކު ވެސް ފެނިފައިނުވާ ފަދަ ބަދަހި ގުޅުމަކުން ބަނދެވިފައިވާ އިރު "ފޮރިން ލެންގުއޭޖެއް"ގެ ގޮތުގައި ޗައިީނީސް ބަސް ކިޔަވައިދިނުމަކީ އަހުމަދިއްޔާ، އިންޓަނޭޝަނަލް ސްކޫލަކަށް 2016 ވަނަ އަހަރު ވުމަށް ފަހު، ގެނައި ބޮޑު ބަދަލެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޗައިނީސް މި ލެންގުއޭޖަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ބޭނުންކުރަމުންދާ ލެންގުއޭޖަކަށް ވެފައި ވަރަށް އާބާދީ ބޮޑު ގައުމަކަށް ވާތީ ވަރަށް ގިނަ ފަތުރުވެރިން އެބަ ޒިޔާރަތްކުރޭ ރާއްޖެއަށް. އެހެންވެ އަޅުގަނޑުމެންގެ ސްކޫލުތަކުން ކިޔަވާ ދަރިވަރުންނަކީ ޓޫރިޒަމް ދާއިރާ އާއި މިދާއިރާތަކުގައި މަސައްކަތްކުރާ ދަރިވަރުންތަކަަށް ވުން އެކަށީގެންވޭ." އަހުމަދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް އާސިމް އަލީ "ސަން" އަށް ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ބަސް ކިޔަވާ ދަރިވަރުން "ސަން" އަށް އިންޓަވިއުދެނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އަހުމަދިއްޔާގައި 100 އަށް ވުރެ ގިނަ ދަރިވަރުން ޗައިނީސް ބަސް ކިޔަވަ އެވެ. އޭގެ ތެރެއިން ގްރޭޑް 8،9،10 ގެ ދަރިވަރުންނަކީ އަލަށް ޗައިނީސް ބަސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ވިޔަސް އެ ސްކޫލުން މިހާރު ވަނީ ގްރޭޑް 1-3ގެ ދަރިވަރުންނަށް ވެސް ޗައިނީސް ބަސް ތައާރަފްކޮށްފަ އެވެ.

އާސިމް ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި ސްކޫލުގެ އަމާޒަކީ އެހެނިހެން މާއްދާތަކެކޭ އެއްގޮތަށް އޯ ލެވެލް އިމްތިހާނުގައި ޗައިނީސް ބަހުން އިމްތިހާނުގައި ބައިވެރިވެވޭނެ ގޮތް ހެދުން ކަމަށެވެ.

ޗައިނީސް ބަހާމެދު އަހުމަދިއްޔާގެ ދަރިވަރުން ދެކޭ ގޮތް

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ބަސް ކިޔަވާ ދަރިވަރުންނާ ވާހަކަ ދައްކާލުމުން އެ ދަރިވަރުން އެ ބަހާ މެދު ދެކެނީ ވަރަށް އުއްމީދީ ނަޒަރަކަކުންކަން ފާހަގަވެގެން ދިޔަ އެވެ. ސްކޫލުގައި މިހާރު ވެސް ފްރެންޗް އަދި އަރަބި ބަސް "ފޮރިން ލެންގުއޭޖެއް"ގެ ގޮތުގައި ކިޔަވައިދެމުންދާ އިރު ޗައިނީސް ބަސް ހިޔާރުކުރި ސަބަބުތައް ބައެއް ދަރިވަރުން ކިޔައިދިނެވެ.

ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ ދަރިވަރު މުހައްމަދު ޝިއުރީ ހަމީދު ބުނީ އޭނާ ޗައިނީސް ބަސް ހިޔާރުކުރީ، ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާތީއާ އެކު، އެ ދާއިރާއިން ކުރިއަށް ދެވިދާނެ ކަމަށް ފެންނާތީ ކަމަށެވެ.

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: މޯލްޑިވްސް ނެޓް

ގްރޭޑް އަށެއްގައި ކިޔަވަމުންދާ އެހެން ދަރިވަރެއް ކަމަށްވާ ފާތިމަތު ނައުރީ ރިޔާޒް ބުނީ އޭނާ ޗައިނީސް ބަސް ހިޔާރުކުރީ، އަމިއްލައަށް ފެނިގެން ކަމަށާއި އަދި ޗައިނީސް ބަހަށް އަބަދު ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ.

ނައުރީ ބުނީ އޭނާ ކޮންމެ ދުވަހަކު ވެސް ސުކޫލު ނިންމުމަށް ފަހު ބައިގަޑިއިރު ޗައިނީސް ބަސް ފަރިތަކުރާ ކަމަށެވެ. އަދި ޗައިނީސް ބަހާ ބެހޭ ގޮތުން އިންޓަނެޓުގައި ރިސާޗްކޮށް އަދި ފިލްމު ބަލާ ހަދާކަމަށެވެ.

ޗައިނީސް ބަހާމެދު ދަރިވަރުން ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރި ނަމަވެސް "ސަން" އާ ވާހަކަ ދެއްވި ގިނަ ދަރިވަރުން ބުނި ގޮތުގައި އެ ބަހަކީ ވަރަށް އުނދަގޫ ބަހެކެވެ. ނަމަވެސް ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ބަސް ދަސްކުރެވިދާނެ ކަމަށް އެކުދިން ބުންޏެވެ.

" ޗައިނީސްގެ ލިޔުން [ކެރެކްޓާސް] ވަރަށް އުނދަގޫ ލިޔުމަކަށް ވަނީ،" ޝިއުރީ ކިޔައިދިނެވެ.

ޗައިނީސް ބަސް ލިޔުމުގައި ބޭނުންކޮށްއުޅޭ ބައެއް ކެރެކްޓާސް އުފެދިފައިވާ ގޮތް --

ޗައިނީސް ބަހަކީ ދުނިޔޭގެ އެހެނިހެން ބަސްތަކާ މުޅިން ތަފާތު ބަހެކެވެ. ދުނިޔޭގެ އެހެނިހެން ބަސްތަކާ ހިލާފަށް ލިޔެއުޅުމުގައި ޗައިނާ ބަހުގައި އަކުރު ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޗައިނީސް ބަހުގައި ބޭނުން ކުރަނީ ކެރެކްޓާ އެވެ. މިސާލަކަށް އަލިފާން ޗައިނީސް ބަހުން ލިޔާ ނަމަ އެ ލިޔާނީ އަލިފާން ސިފަވާ ފަދަ ކެރެކްޓާއެކެވެ. މިއަށް "ޕިކްޓޯގްރާފް" އޭވެސް ކިޔައި އުޅެ އެވެ.

ޕިކްޓޯގްރާފްގެ އިތުރުން ކެެރެކްޓާސްގެ ގޮތުގައި އިޑިއޮގްރާފާއި އަދި ރެޑިކަލްސް އާއި އެހެނިހެން ގޮތްތައް ބޭނުންކުރެ އެވެ.

ޗައިނީސް ބަސް ކިޔަވާދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް ޗައިނާ ސަރުކާރުން ދިން ފުރުސަތެއްގައި މިދިޔަ ނޮވެމްބަރު ވަނީ އެގައުމަކަށް ޒިޔާރަތް ވެސް ކޮށްފަ އެވެ. އެ ދަތުރުގައި އަހުމަދިއްޔާގެ ދަރިވަރުން ވަނީ ޗައިނާގެ އާސާރި ތަންތަނާއި ސަގާފަތް ދައްކުވައިދޭ ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ. މިއީ ވެސް އެކުދިން ޗައިނާ ބަހަަށް އިތުރަށް ޝައުގުވެރިކަން އުފެދުން ގާތް ކަމެކެެވެ.

ސްކޫލުގައި ޗައިނީސްބަސް ކިޔަވައިދޭ ޓީޗަރު ދެކޭގޮތް

ޗައިނާގެ ރައްޔިތެއް ކަމަށްވާ "ޖޭންގެ ލިލީ" އަހުމަދިއްޔާގައި މިހާރު ކިޔަވައިދެމުންދާތާ މިއީ ތިންވަނަ އަހަރެވެ. ލިލީ ވިދާޅުވީ އެ ސްކޫލުގައި ޗައިނީސް ބަސް ކިޔަވާ ކުދިންނާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް ޗައިނީސް ބަސް ކިޔަވައިދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ލިލީ ވެސް އެއްބަސްވި އެވެ.

"މިތަނުގައި ޗައިނީސް ބަސް ޕްރެކްޓިސްކުރާނެ މާހައުލެއް ނެތް. ހަމައެކަނި ސްކޫލުގައި އެކަން އޮތީ. ދެން ދަރިވަރުން އެބަ ޖެހޭ ކުރިއަށް ވުރެ ބޮޑަށް ޗައިނީސް ބަހުން ވާހަކަ ދައްކަން. އެކުދިން ބައެއް ފަހަރު ފެނޭ ޗައިނީސް ބަހުން ވާހަކަ ދައްކަން ލަދުގަންނަތަން،" ލިލީ ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ބަސް ކިޔަވައިދެއްވާ ޓީޗަރު ޖަންގް ލިލީ "ސަން" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: އަހުމަދިއްޔާ

ލިލީ ވިދާޅުވީ ޗައިނީސް ބަސް ނަގައިގަތުމުގައި އަހުމަދިއްޔާގެ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނީސް ބަހުގެ "ޓޯން"ތައް ނަގައިގަތުން ކަމަށެވެ. ދުނިޔޭގެ އެހެނިހެން ގިނަ ބަސްތަކާ ހިލާފަށް ޗައިނާ ބަހުން ވާހަކަ ދައްކާއިރު އެއް ބަހެއް އެކި ބާރު މިނުމުގައި ބުނެއުޅެ އެވެ. އަދި އޭގެން ކޮންމެ ފަހަރަކު އޭގެ މާނަ ވެސް ތަފާތުވާނެ އެވެ. މިސާލަކަށް "މާ" މިބަސް މަޑުން ބުނެފި ނަމަ އޭގެ މާނައަކީ މަންމަ އެވެ. ނަމަވެސް ބާރަށް "މާ" އޭ ބުނެފި ނަމަ އެއީ ހަޅޭއްލެވުމެވެ.

ލިލީ އިތުރަށް ފާހަކުރެއްވި ގޮތުގައި ސްކޫލުގައި މިހާރު ޗައިނީސް ބަސް ކިޔައިވައިދިނުމަށް ކަނޑައަޅައިފައި އޮތް ވަގުތު މާކުޑަ އެވެ.

"މިހާރު ޗައިނީސް ބަސް ކިޔަވައިދެނީ ހަފުތާ އަކު އެންމެ ދެދުވަހު. އަދި ކިޔަވައިދޭ ގަޑީގައި ކޮންމެ ފަހަރަކު 10-15 މިނެޓް ހޭދަވޭ ކުރިން ކިޔަވައިދިން އެއްޗެތި ރިވައިޒް ކުރަން ވެސް،" ލިލީ ވިދާޅުވި އެވެ.

ޗައިނާ ބަސް ރާއްޖޭގައި ކިޔަވައިދިނުން ފުޅާކުރަން ޖެހޭ

ޗައިނާ ބަސް ކިޔަވައިދޭން ފެށުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ. ހާއްސަކޮށް ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ޗައިނާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ވަރަށް ބޮޑަށް އިތުރުވުމަކީ އެ ބަހަަށް އިތުރު އަހަމިއްޔަތުކަމެއް ދޭންޖެހޭ ކަމެކެވެ.

ރާއްޖެ ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިން މޫދަށް ގެނބި މަރުވުން ފަދަ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާތީވެ، ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދާދި ފަހުން ސަރުކާރާ އެކު ކުރި މަޝްވަރާތަކުގައި ވެސް ޗައިނާއިން ވަނީ ޗައިނާ ބަސް ރަނގަޅަށް އެނގޭ މުވައްޒަފުން އިތުރު ކުރުމަށް ސަރުކާރަށް ލަފާ އަރުވައިފަ އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބުނީ އެ ސްކޫލުގައި މިހާރު ވެސް ޗައިނީސް ބަސް ކިޔަވައި ދެއްވާ ޓީޗަރުންނަކީ ޗައިނާގެ އެމްބަސީ އިން ހޯދައިދިން ޓީޗަރުން ކަމަށެވެ. އަދި އެކަމުގައި ޗައިނާގެ އެމްބަސީގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ވެސް އަހުމަދިއްޔާއިން ފާހަގަ ކުރި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ބަސް ކިޔަވައިދެނީ-- ފޮޓޯ: އަހުމަދިއްޔާ

ޗައިނީސް ބަސް ކިޔަވައިދިނުމުގެ އިތުރުން، ދަރިވަރުން ފަރިތަކަމާ އެކު ވާހަކަ ދައްކަން އަހުލުވެރިކުރުމަކީ ވެސް އެއަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. ދިވެހިން އިނގިރޭސިބަހަށް އަހުލުވެރިވެގެން ދިޔައީ ވެސް ސަރުކާރުން އެތަކެއް އަހަރުތަކެއް ވަންދެން ކުރި އެތަކެއް މިންނެއް މަސައްކަތްތަކެއްގެ ސަބަބުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ފޮރިން ސާވިސް އިންސްޓިޓުއުޓް އިން ޗައިނީސް ބަސް ހިމަނައިފައި ވަނީ ދަސްކުރަން އެންމެ އުނދަގޫ ބަސްތަކުގެ ކެޓެގަރީގަ އެވެ. އެ ޑިޕާޓްމަންޓުން ބުނީ ޗައިނީސް ބަސް ދަސްކުރަން އެންމެ މަދުވެގެން ވެސް 2200 ގަޑިއިރު ބޭނުންވާ ކަމަށެވެ. މިހާރު އަހުމަދިއްޔާ ސްކޫލުގައި އަހަރަކު 100 ގަޑިއިރު ވެސް ކިޔަވައި ނުދެ އެވެ.

ޗައިނީސް ބަހަށް އަހުލުވެރި ކުރުމުގެ ގޮތުން ދަރިވަރުންނަށް އިތުރު ވަސީލަތްތައް ވެސް ފޯރުކޯށްދިނުމަކީ ވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ އެކިއެކި އެޑިއުކޭޝަން މެޓީރިއަލްސްތައް ކުރިއަށް ވުރެ ފުޅާކޮށް ލިބޭނެގޮތް ހަދަންޖެހެ އެވެ.

މެރިޓައިމް ސިލްކުރޯޑާ އެކު، އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ޗައިނާ އިން ދުނިޔެގޭ އެންމެ ވަރުގަދަ ބާރަށްވާ މަންޒަރު މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. ހާއްސަކޮށް ޗައިނާ އާއި ދިވެހި ރާއްޖެއާ ދެމެދު ވިޔާފާރީ ގޮތުން މިހާރު ވަނީ އާ ޒަމާނެއް ފެށިފަ އެވެ.

comment ކޮމެންޓް