ޓްރަމްޕްގެ އިގްތިސާދީ އިސް މުޝީރު މަގާމުން އިސްތިއުފާ ދެއްވައިފި

ވޮޝިންޓަން (މާޗް 7) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިގްތިސާދީ މުޝްތަޝާރުންގެ ތެރޭގައި ހިމެނޭ އިސް ވެރިޔާ، ގެރީ ކޯން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިކަން ހާމަކުރައްވައި ނެރުއްވި ބަޔާނެއްގައި ގެރީ ވިދާޅުވީ ޓްރަމްޕް ގެންގުޅުއްވާ އިގްތިސާދީ ބައެއް ސިޔާސަތުތަކުގެ ސަބަބުން އެމެރިކާއަށް ގެއްލުންތައް ލިބެމުންދާ އިރު އެކަމުގައި ޝާމިލްވާން ބޭނުންނުވާތީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމުގަ އެވެ. ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތައް ބަދަލުކުރުމަށް މަޝްވަރާދިނުމުން ވެސް އެ މަޝްވަރާތަކުގެ ބޭނުން ޓްރަމްޕް ނުހިއްޕަވާ ކަމަށާއި އެއީ މަގާމުން އިސްތިއުފާ ދެއްވި އެއް ސަބަބު ކަމަށް ގެރީ ވިދާޅުވި އެވެ. ގެރީ ހުންނެވީ އެމެރިކާގެ ނެޝަނަލް އިކޮނޮމިކް ކައުންސިލްގެ ވެރިޔާގެ މަގާމުގަ އެވެ.

ގެރީ ހިތްޕުޅު ހަމަނުޖެހުނީ ޗައިނާ އާއި އެނޫން ވެސް ބައެއް ގައުމުތަކުން އެމެރިކާ އަށް އެތެރެކުރާ އެލްމެނިޔަމް އާއި ދަގަނޑުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ޓްރަޕްމް ނިންމެވުމުންނެވެ. މިމައްސަލާގައި ޗައިނާ ވަނީ އެ ގައުމުގެ ވިޔަފާރި މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ޗައިނާ ވެސް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އަށް ދީފަ އެވެ. ނަމަވެސް އެމެރިކާއާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް ޗައިނާއަކުން ނުބުނެ އެވެ. މިކަމުގެ ރައްދުގައި އެމެރިކާގެ އުފެއްދުންތަކުން ޑިއުޓީ ބޮޑުކުރުމަށް ޗައިނާ ނިންމައިފި ނަމަ އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުމަކާ އެމެރިކާ ކުރިމަތިލާން ޖެހޭނެތީ އެމެރިކާގެ އެހެން ބައެއް މާހިރުން ވެސް ވަނީ ޓްރަމްޕްގެ މި ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ.

ވައިޓް ހައުސް އިންވެސް ވަނީ ކޯން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިވެވަޑައިގަންނަވާ ތާރީޚު އަދި ސާފުނުވާ ކަމަށް ވައިޓް ހައުސް އިން ނެރުނު ބަޔާނެއް ބުނެ އެވެ.

އިގްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ ގެރީ ކޯން އަކީ އެމެރިކާގެ މަޝްހޫރު ބޭންކެއް ކަމަށްވާ ގޯލްޑްމެން ސެކްސްގެ ރައީސް ކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ގެރީ ވަނީ އެމެރިކާގެ ޓެކްސް ނިޒާމު އިސްލާޙް ކުރުމަށް ވައިޓް ހައުސްއިން ކޮންގްރެސް އަށް ހުށަހެޅި ބިލް ތައްޔާރުކުރުމުގައާއި ޓެކްސް ނިޒާމު އިސްލާޙް ކުރުމުގެ މަސައްކަތުގައި ވެސް މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ.

ޓްރަމްޕް ވެސް ވަނީ ގެރީ ކޯން އަކީ އިގްތިސާދީ ހުނަރުވެރިއެއް ކަމަށް ވިދާޅުވެ އޭނާ އަށް ތާރީފު ކުރައްވައިފަ އެވެ. އެގޮތުން ގެރީ އިސްތިއުފާ ދެއްވުމަކީ ވައިޓް ހައުސް އަށް ލިބުނު ގެއްލުމެއް ކަމަށް ޓްރަމްޕް ސިފަކުރެއްވި އެވެ. ނަމަވެސް ކޯންގެ ބަދަލުގައި ވަރަށް އަވަހަށް އެމަގާމަށް އެހެން ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހޯޕް ހިކްސް ވެސް މިދިޔަ ހަފުތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެކުރިން ވައިޓް ހައުސްގެ އިސް މަގާމުތަކުގައި ތިއްބެވި އިސް ވެރިންގެ ތެރެއިން ހަތްބޭފުޅަކު މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު ޓްރަމްޕް ވަނީ ހަ ބޭފުޅަކު މަގާމުން ދުރުކުރައްވައިފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް