ރާއްޖެއިން ރިކޯޑު އަދަދެއްގެ ބައިވެރިންނާއެކު އައިޓީބީ ބާލިން ފެއާ ފަށައިފި

އައިޓީބީ ބާލިން ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑު --- ފޮޓޯ: އެމްއެމްޕީއާރްސީ

މިއަދުން ފެށިގެން މިމަހުގެ 11ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާލިން ގައި ކުރިއަށްދާ ފަރުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ، "އައިޓީބީ ބާލިން" ފެއާ ފަށައިފިއެވެ.

މި ފެއާގައި ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

އައިޓީބީ ބާލިންއަށް ދިޔަ ރާއްޖޭގެ ކޮންޓިންޖެންޓުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާނީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޖަމީލާ އަލީ އާއި ވިލާތުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާންގެ އިތުރން އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

އައިޓީބީ ބާލިން ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑު --- ފޮޓޯ: އެމްއެމްޕީއާރްސީ

ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑުން ރާއްޖޭގެ ސަގާފަތާއި، ރީތިކަން ދައްކައިދޭނެއެވެ. އެގޮތުން ދިވެހީންގެ ދިރިއުޅުން ދައްކައިދިނުމަށް ސްޓޭންޑުގައި އުނދޯއްޔާއި ޖޯލި، ދިވެހި ގޮނޑުދޮށްތަކުގައި ހުންނަ ހުދު ދޮންވެލި ބޭނުންކޮށްފައިވެއެވެ. މީގެއިތުރުން ދިވެހި ކާނާ އާއި ރަހަތައް ވެސް ރާއްޖޭގެ ސްޓޭންޑަށް ޒިޔާތަރްކުރާ ފަރާތްތަކަށް ތަޖުރިބާ ކޮށްލެވޭނެކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އައިޓީބީ ބާލިން ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑު --- ފޮޓޯ: އެމްއެމްޕީއާރްސީ

މީގެ އިތުރުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާޗުއަލް ރިއަލިޓީގެ އެހީގައި ކަނޑުއަޑީގެ މަންޒަރުތައް ބަލާލައި، ރާއްޖޭގެ ގޮނޑުދޮށްތައް ތަޖުރިބާ ކޮށްލެވޭނެއެވެ.

އައިޓީބީ ބާލިންގެ ތެރެއިން ބާއްވާ ކަސްޓަމަރީ މޯލްޑިވިއަން ނައިޓް މިރޭ އޮންނާނެއެވެ. ހޮޓެލް ޕެލެސްގައި ބާއްވާ މި އިވެންޓުގައި ބައިނަލްއަގުވާމީ މީޑިއާއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެއެވެ.

މިއަހަރުގެ އައިޓީބީ ބާލިންގައި 180 ގައުމަކުން 10000 އަށްވުރެ ގިނަ ފަރާތްތަކުންް ވަނީ ބައިވެރިވެފައެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަހަރުގެ ތެރޭގައި ބައިވެރިވާ އެންމެ ބޮޑު އެއް ފެއާއެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު ޖަރުމަނު ވިލާތުން ވަނީ 112،109 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5.2 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް