ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން އިރްފާން މަސައްކަތާ ދުރަށް!

އިރްފާން ހާން ވަނީ ގޮތް ނޭނގޭ ބައްޔެއް ޖެހި، މަސައްކަތާ ދުރުވާން ޖެހިފައި--

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާން އަށް ގޮތް ނޭނގޭ ބައްޔެއް ޖެހި، މަސައްކަތާ ދުރުވާން ޖެހިއްޖެ އެވެ.

އިރްފާން ވަނީ ޓުވިޓާ މެދުވެރިކޮށް އެ ޚަބަރު ސަޕޯޓަރުންނާ ހިއްސާ ކޮށްފަ އެވެ. އިރްފާން ބުނީ ފާއިތުވި 15 ވަރަކަށް ދުވަހުގެ ތެރޭގައި އޭނާގެ ދިރިއުޅުން "ސަސްޕެންސް ސްޓޯރީ" އަކަށް ބަދަލުވެފައިވާ ކަމަށެވެ.

އާންމު ނޫން ވާހަކަތައް ހޯދުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ދިމާވީ އާންމު ނޫން ބައްޔަކާ ކަމަށާއި އާއިލާ އާއި ރައްޓެހިންގެ އެހީއާ އެކު ބަލިން ރަނގަޅު ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އަދި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ތަފާތު ޚަބަރުތައް ނުފެތުރުމަށް އިރްފާން ވަނީ އެދިފަ އެވެ. އިރްފާން ބުނީ ބަލި ދެނެގަނެވުނުހާ އަވަހަކަށް އެންމެހާ ފަރާތްތަކާ އެކަން ހިއްސާ ކުރާނެ ކަމަށެވެ.

ކުރިން ރިޕޯޓުތައް ބުނެފައިވާ ގޮތުން އިރްފާން ހޮސްޕިޓަލުގައި އެޑްމިޓު ކުރީ ހަންގަނޑު ރީނދޫ ވެގެންނެވެ.

އިރްފާން އާއި ގާތް މީހަކު ބުނީ، ސިއްހަތު ތަން ނުދޭތީ އިރްފާން މަސައްކަތަށް ނުދާތާ ވެސް ދެ ހަފްތާ ވެފައިވާ ކަމަށެވެ. އިރްފާން ބަލިވެފައި މިވަނީ ދީޕިކާ ޕަދުކޯން އާއެކު ވިޝާލް ބަރްދްވާޖްގެ ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ވިޝާލް ވަނީ ފިލްމުގެ ޝޫޓިން ވަރަށް ބޮޑަށް ފަސްކޮށްފަ އެވެ. ވިޝާލް ބުނީ އިރްފާންގެ އިތުރުން ދީޕިކާގެ ވެސް ސިއްހީ މައްސަލަތަކެއް ފެންމަތިވެފައި ވާތީ، ދެން ފިލްމުގެ ޝޫޓިން ފަށާނީ ދެތިން މަސް ފަހުން ކަމަށެވެ.

ދީޕިކާގެ ބުރަކަށްޓަށް ގެއްލުންވެފައި ވަނީ ފިލްމު 'ޕަދްމާވަތު'ގެ ޝޫޓިންގެ ތެރެއިންނެވެ. ނަމަވެސް އަނެއްކާ ވެސް ދީޕިކާގެ ބުރަކަށީގައި ރިއްސާތީ ޑޮކްޓަރުން ވަނީ ކުޑަ ދުވަސް ކޮޅަކަށް އަރާމުކުރުމަށް އަންގައިފަ އެވެ.

comment ކޮމެންޓް