އަމްޖޭގެ "ރޭވުމުން"ގެ އާ ޓްރެއިލާއެއް ދައްކާލައިފި

ރޭވުމުންގެ ޕޯސްޓަރެއް---

މި މަހު 24 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ރޭވުމުން"ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މުޖްތަމައުގައި އޮތް ބޮޑު މައްސަލައެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އުފެއްދި އެ ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ.

"އުދަބާނި"، "ސަނދުރަވިރޭ" ފަދަ ބިރުވެރި ފިލްމުތައް އުފައްދާފައިވާ އަމްޖޭ މިފަހަރު ހަދާ ފިލްމުގެ ނަމަކީ "ރޭވުމުން" އެވެ. މިއީ އޭނާގެ 52 ވަނަ ފިލްމެވެ.

މުޖުތަމައުގައި މިހާރު އޮތް ބޮޑު މައްސަލައެއް ކަމަށްވާ ގެދޮރުގެ ދަތިކަން ކުރިމަތިވެ އެ މައްސަލަ ބޮޑުވެގެން ދިމާވާ ކަންތައްތައް އެކުލަވާލައިގެން އުފެއްދި އެ ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކު، އަހްމަދު ޝާޒް(ތަޖޫބެ)، ހަސަން މަނިކު، ފައުޒިއްޔާ، ޝަކީލާ އަދި މުޅިން އަލަށް ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވާ ބަތަލާ ނާޖިހާ ޢަޒޫރު (ނާ) އެވެ.

"ﷲ އިރާދަކުރެއްވިއްޔާ މި ފިލްމު ވެގެންދާނީ މި އަހަރު ނުކުންނަ އެންމެ ފުރިހަމަ ރީތި އެއް ފިލްމަށް. ފިލްމުގައި މިހާރުގެ މުޖުތަމައަށް ގުޅޭނެ ފަދަ ހުރިހާ ކަމެއް އެކުލެވިގެންވާނެ މި ފިލްމުގައި،" މީގެ ކުރިން ސަން އަށް ދިން އިންޓަވިއުއެއްގައި އަމްޖޭ ބުންޏެވެ.

ރޭވުމުންގެ ކެމެރާގެ މަސައްކަތް ކޮށްފައި ވަނީ މުހައްމަދު އަބޫބަކުރު(މާ އެނބޫ) އެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ހުސައިން ސޮބާ ކޮށްފައިވާ އިރު އެ ފިލްމުގައި ޖުމްލަ ހަތަރު ލަވަ ހިމެނެ އެވެ.

ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ އަހުމަދު ޒިޔާ އެވެ.

comment ކޮމެންޓް