އަމާޒަށް ވާސިލްވާން ނިއު ތައްޔާރު!

މިދިޔަ އަހަރުގެ ޕްރެސިޑެންޓްސް ކަޕުގެ ތަށި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އުފުލާލަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދިވެހި ފުޓުބޯޅައިގައި އެންމެ ކާމިޔާބު ޓީމެވެ. ލޯކަލް ގިނަ ކާމިޔާބީތަކެއް ހޯދައި ސަރަހައްދުގައި ދެވަނައަށް އެންމެ ބޮޑު މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގައިވެސް އެންމެ ކާމިޔާބު ދިވެހި ޓީމެވެ.

އަހަރެއްގެ މެދު ކެނޑުމަކަށްފަހު މިއަދު އަނެއްކާވެސް ނިއު އޭއެފްސީ ކަޕަށް ނުކުންނާނެއެވެ. 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ވެސް ދަތުރުކުރި ނިއު ވަނީ 2013 ވަނަ އަހަރު އެ މުބާރާތުގެ ކުއާޓާ ފައިނަލް ވެސް ކުޅެފައެވެ. އެ ކާމިޔާބީތަކާއެކު ނިއުއިން އޭއެފްސީ ކަޕަށް ނުކުންނަ އިރު، ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހެއްގެ ހިތުން ވެސް ނިއުއަށް ހާއްސަ މަގާމެއް ދެވެއެވެ. ކުރިން ދިޔަ މިސްރާބުގައި އެއަށްވުރެ ދުރަށް ދާނެ ކަމުގެ އުންމީދުކުރެއެވެ. މުބާރާތުގައި ދިވެހިރާއްޖޭގެ ނަން ރަނގަޅު ހިސާބަކަށް ގެންގޮސްދޭނެ ކަމަށް އުންމީދުކުރެއެވެ.

ނިއުގެ ކެޕްޓަން އަލީ އަޝްފާގާއި އަލީ ފާސިރު ކްލަބުގެ މެނޭޖުމަންޓާއެކު: އެ ދެ ކުޅުންތެރިންނަކީ ވެސް ނިއުއަށް މުހިންމު ދެ ކުޅުންތެރިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

މުބާރާތް އުނދަގޫ، ވިސްނާނީ މެޗަކަށްފަހު މެޗެއް

އޭއެފްސީ ކަޕަކީ މުޅި އޭޝިއާގެ ވެސް ދެވަނައަށް އެންމެ ވަރުގަދަ މުބާރާތެވެ. މުބާރާތުގައި ބަލި ޓީމެއް ވާދައެއް ނުކުރާނެއެވެ. ގައުމުތަކުގެ ޗެމްޕިއަނުންނާއި އޭޝިއާ ފުޓުބޯޅައިގެ ގަދަ ބާރުތަކާ ދެކޮޅަށް ނިއުއަށް ފުރަތަމަ ވެސް ކަޑައްތަ ކުރަން ޖެހޭނީ ގްރޫޕް ސްޓޭޖެވެ. ކޯޗު އޮސްކާ ބުރުޒޮންގެ ވިސްނުން ހުރީ މެޗަކަށްފަހު މެޗެއް ކުރިއަށް ދިއުމަށެވެ.

ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

"ގްރޫޕް ސެޓޭޖު ފެށުމަށް މޮޅެއް ހޯދުން މުހިއްމު. މިއީ ފުރަތަމަ މެޗު. އަބަހާނީއަކީ ބަންގުލަދޭޝްގެ އެންމެ މޮޅު ޓީމު. އުނދަގޫ މެޗެއް މިއަދު ކުޅެން ޖެހޭނީ. މިއީ އުނދަގޫ މުބާރާތެއް. އަދި މާބޮޑަށް ކުރިއަކަށް ނުވިސްނަން. މެޗަކަށްފަހު މެޗެއް ވިސްނާނީ. ކުރިއަށްދިއުމަށް މިސްޓޭކަށް ޖާގަ ނުދެވޭނެ،" މިއަދުގެ މެޗާ ގުޅިގެން ބަންގާޅު މީޑިއާއާ ވާހަކަ ދައްކަމުން އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ އަދި މާދުރަށް ޓާގެޓް ކަނޑައަޅަން ބޭނުން ނޫން ކަމަށާއި، މުބާރާތުގައި ކުރިއަށް ދިއުމުގެ ވާހަކަ ދައްކާނީ ގްރޫޕް ސްޓޭޖުން ކާމިޔާބީ ހޯދުމަށްފަހު ކަމަށެވެ.

އޮސްކާއާއެކު ނިއުއަށް ސްޕެއިން ފުޓުބޯޅައިގެ ނުފޫޒް، ފައިދާއަކަށް ވެދާނެ

މިދިޔަ ސީޒަނަކީ ފަހުގެ ތާރީހުގައި ނިއުއަށް އެންމެ ކާމިޔާބު ސީޒަނެވެ. ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތް ކާމިޔާބުކޮށް ސީޒަން ނިންމާލި އިރު، އެންމެ ބޮޑު ތަފާތެއް ފެނުނީ ނިއުގެ ކުޅުމުގެ ސްޓައިލުންނެވެ.

ނިއުގެ ސްޕެއިން ފޯވަޑް ގުއިލަމް މާޓީ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ސްޕެއިންގެ ތިންވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އާރްސީޑީ މަލާކޯގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން އިންޑިއާގެ މުމްބާއީ އެފްސީއަށް ކޯޗުކަން ކޮށްދިން ކޯޗު، އޮސްކާ ބުރުޒޮންގެ ނުފޫޒު ނިއުގެ ކުޅުމުން ފެންނަމުންދާ އިރު، ނިއުގައި އޮސްކާ ބޭނުން ކުރަމުން އަންނަ ކުޅުންތެރިންނަކީ ވެސް އޭނާގެ ސްޓައިލާ ގުޅޭ ކުޅުންތެރިންނެވެ. ހާއްސަކޮށް މިސީޒަންގައި ނިއުއިން ފެންނަ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަކީ ސްޕެއިންގެ ކުޅުންތެރިންނެވެ.

"މިދިޔަ ސީޒަން ނިންމާލީ ޖެހިޖެހިގެން 17 މެޗުން މޮޅު ވެގެން. މި މެޗަށް ނުކުތުމުގެ ކުރިން މާލޭ ލީގުގައި ޓީސީއާއި މާޒިޔާ ބަލިކުރެވުމަކީ ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މި މެޗުން މޮޅު ވެއްޖެނަމަ 20 މެޗުން ޖެހިޖެހިގެން އެ މޮޅުވެވުނީ،" އޮސްކާ ހުރީ ނިއުއިން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓުމުގެ ވިސްނުމުގައެވެ.

ނިއުއިން މިއަދުގެ މެޗުގައި ނުކުންނަން ޖެހޭ ޓީމު، ބަންގާޅުގެ ޑާކާ އަބަހާނީއާއި މިސަރަހައްދުގެ ގިނަ ޓީމުތަކުންވެސް ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެންމެ ގިނައިން ފެންނަނީ ނައިޖީރިއާ އަދި އެފްރިކާގެ ކުޅުންތެރިންނެވެ. ނިއުއިން ސްޕެއިންގެ ކުޅުންތެރިންނާއެކު ނުކުތުމުގެ މައިގަނޑު ބޭނުމަކީ ޕްރޮފެޝަނަލް ފުޓުބޯޅައަކަށް ޓީމު ހޭނުން ކަމަށް އޮސްކާ ފާހަގަކުރިއެވެ.

"ވަކި ގައުމަކަށް ނިސްބަތް ވުމަކުން ކުޅުމަށް ބަދަލެއް ނާންނާނެ. އަހަރެން ގަބޫލުކުރަނީ ކުޅޭ ކުޅުމަށް. ނައިޖީރިއާ ކުޅުންތެރިންނަކީ ވަރަށް ބޮޑަށް ފިޒިކަލް ބޭނުންކޮށްގެން ކުޅޭ ކުޅުންތެރިން. އިންޑިއާ ލީގުގައި ހޭދަކުރި ދުވަސްވަރު އެކަން ތަޖުރިބާ ކުރެވުނު. ނިއުއަކީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ޕްރޮފެޝަނަލް ފުޓުބޯޅައަށް ލޯބިކުރާ ޓީމެއް،" އޮސްކާ ބުންޏެވެ.

ނިއު ހިމެނޭ ގްރޫޕްގެ ފޭވަރިޓުގެ ވާހަކަދައްކަން އަދި އަވަސް!

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާއި އިންޑިއާގެ ބެންގަލޫރު އެފްސީ މާލޭގައި ކުޅުނު މެޗުގައި ބެންގަލޫރު އެފްސީގެ ކެޕްޓަން، ސުނިލް ޗެތުރީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ނިއުއާއެކު ދެން ހިމެނޭ ޓީމުތަކަކީ އިންޑިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އައިޒައުލް އެފްސީއާއި ބަންގާޅު ޗެމްޕިއަން ޑާކާ އަބަހާނީގެ އިތުރުން މި ސަރަހައްދުގެ ގަދަ ބާރެއް ކަމަށްވާ ބެންގަލޫރު އެފްސީއެވެ.

އައުޒައުލްއަށް މިއީ އޭއެފްސީ ކަޕްގެ ފުރަތަމަ ތަޖުރިބާއެވެ. ޑާކާ އަބަހާނީ ވެސް އެންމެ ފުރަތަމަ އޭއެފްސީ ކަޕް ކުޅުނީ މިދިޔަ އަހަރުއެވެ. ބެންގަލޫރު އެފްސީއަކީ އޭއެފްސީ ކަޕްގެ ތަޖުރިބާގެ ގޮތުުން ނިއުއަށްވުރެ ދަށް ޓީމެއް ނަމަވެސް އެޓީމުން ވަނީ 2016 ވަނަ އަހަރު އޭއެފްސީ ކަޕުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އޭއެފްސީ ކަޕުގައި އެންމެ ބޮޑު ތާރީހެއް އޮތީ ނިއު އަތުގައި ނަމަވެސް އޮސްކާ ބުނީ ގްރޫޕް ސްޓޭޖުގެ ޗެލެންޖު ފަސޭހާ ނުވާނެ ކަމަށެވެ.

"ގްރޫޕުން ފޭވަރިޓެއް ނެގުމަކީ އުނދަގޫ ކަމެއް. އެކަމަކު އެންމެ ތަފާތު ޓީމަކަށް ވާނީ ބެންގަލޫރު އެފްސީ. ބެންގަލޫރުގެ ބަޖެޓް އަޅާ ކިޔާލާއިރުވެސް އަބަހާނީއާއި އައިޒަވަލް އަދި ނިއުގެ ބަޖެޓަށްވުރެ ވެސް ހަތަރެއް ނޫނީ ތިން ގުނަ އިތުރުވާނެ. އެހެން ނަމަވެސް ފުޓުބޯޅައަކީ މުޅިން ފައިސާއަކުން މޮޅުވެވޭ ކުޅިވަރެއް ނޫން. ހުރިހާ މެޗަކަށް ނުކުންނާނީ މޮޅުވާން،" އިންޑިއާ ފުޓުބޯޅައިގެ ތަޖުރިބާ ހުރި އޮސްކާ ބުންޏެވެ.

އަޝްފާގުގެ ނަން ސަރަހައްދުގެ ގައުމުތަކުގައި އަދިވެސް އަޑުގަދަ!

މިއަހަރުގެ އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗުގައި އަލީ އަޝްފާގު ނިއުގެ ޖާޒިގައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުއިން މިސީޒަންގެ އޭއެފްސީ ކަޕްގެ ދަތުރު މިއަދު ފަށާ އިރު، ޓީމުގައި ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ނަންތައް ގިނައެވެ. ހާއްސަކޮށް މި ސަރަހައްދުގެ ޓީމުތައް އެންމެ ޖެހިލުންވާ ފޯވަޑް އަލީ އަޝްފާގާއެކު ނިއު އޮތުމަކީ އެހެން ގައުމުތަކުގެ މީޑިއާގެ ލޯތައް އަމާޒުވާ ކަމެކެވެ.

އިއްޔެގެ ނޫސް ކޮންފަރެންސްގައި އުމުރުން 33 އަހަރުގެ އަޝްފާގް ޓީމުގައި ހުރުމާ ގުޅިގެން ބަންގާޅު މީޑިއާއިން ކުރި ސުވާލުގެ ޖަވާބެއްގެ ގޮތުން އޮސްކާ ބުނީ އަޝްފާގަކީ އޭނާގެ ސްޓައިލްގައި ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"އަޝްފާގަކީ ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ. އޭނާއަކީ ޓީމުގެ ކެޕްޓަން. ސުނިލް ޗެތުރީއާ އަޅުވާ ކިޔަންޏާ ދެ ކުޅުންތެރިންގެ ސްޓައިލް ވަރަށް ބޮޑުތަން ތަފާތު. އަޝްފާގަކީ އޭނާގެ ސްޓައިލްގައި ވަރަށް މޮޅު ކުޅުންތެރިއެއް. ޓީމުގެ ވައިސް ކެޕްޓަން އަކޫ އަދި އަޝްފާގަކީވެސް ޒުވާން ކުޅުންތެރިންނަށް މިސާލެއް،" އޮސްކާ ބުންޏެވެ.

2016 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް އެފްގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ފިލިޕީންސްގެ ކާޔާ އެފްސީ ބައްދަލުކުރި މެޗްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރަކީ އޭއެފްސީ ކަޕުގެ ތާރީހުގައި އެންމެ ގިނަ ޓީމުތައް ވާދަކުރާނެ އަހަރެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އޭއެފްސީ ކަޕުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިއަހަރުގެ އޭއެފްސީ ކަޕުގައި 36 ޓީމު ވާދަކުރާނެއެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައިވެސް 36 ޓީމު ވާދަކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ދެ ޓީމަކުން ނަން ނެގުމުން ވާދަކުރީ 34 ޓީމެވެ.

އެންމެފަހުގެ އޭއެފްސީ ކަޕުގެ ޗެމްޕިއަނުންނަކީ އިރާގުގެ އަލް ގުވާ އަލް ޖާވިޔާއެވެ. ރަނަރަޕް ޓީމަކީ ތަޖިކިސްތާންގެ އިސްޓިކޮލްއެވެ.

comment ކޮމެންޓް