ގައުމުދެކެ ލޯބިވާން ދަސްކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް އާޒިމާ ގޮވާލައްވައިފި

އަމީންދީދީ ސްކޮލަރޝިޕް އެވޯޑް ހަވާލުކުރުމަށާއި އަމީނިއްޔާގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމާއި ހުވާކުރުމަށް މިއަދު އެ ސްލޫކްގައި ބޭއްވި ޚާއްސަ ރަސްމިޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ގައުމުދެކެ ލޯބިވާން ދަސްކޮށް، ކޮންމެ ކަމެއްގައިވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އަމީން ދީދީ ސްކޮލަރޝިޕް އެވޯޑް ހަވާލުކުރުމަށާއި އަމީނިއްޔާގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމާއި ހުވާކުރުމަށް މިއަދު އެ ސްލޫކްގައި ބޭއްވި ޚާއްސަ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ، ހަވާލުވާ މަގާމާއެކު ކޮންމެ މީހެއްގެ ކޮނޑުގައިވެސް ބޮޑެތި ޒިންމާތަކެއް އެޅޭކަމަށެވެ. އެ ޒިންމާތައް އަދާކޮށް، އެކުގައި މަސައްކަތް ކުރަންތިބޭ އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަކީ ކާމިޔާބީއަށް ވާސިލުވެވޭނެ މަގެއްކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ ދަރިވަރުން މިއަދު ކުރި ހުވައިގެމަތީގައި ދެމިތިބުމަށް އިލްތިމާސްކުރައްވައިފައެވެ.

މިއަދު އައިސްފައިވާ ހިސާބަށް އެދަރިވަރުންނަށް އާދެވޭނީ ހިތްވަރު ހުރެގެން ކަމަށް ވިދާޅުވެ އާޒިމާ ވިދާޅުވީ، އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށް ދަސްކުރުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.

ގައުމަށް ޚިދުމަތްކޮށް ގައުމުދެކެ ލޯބިވުމަށް ހުރިހާ ދަރިވަރުންނަށްވެސް އާޒިމާ އިލްތިމާސްކުރެއްވިއެވެ.

އަމިއްލަ ދިރިއުޅުމުން މިސާލު ދައްކަވަމުން އާޒިމާ ވިދާޅުވީ ފާއިތުވި ތިން ހަތަރު ހަފްތާ އަކީ ބުރަ ދުވަސްތަކެއް ކަމަށެވެ. މަންމައާ ބައްދަލުނުވެ ދުވަސްތަކެއް ހިނގައްޖެ ކަމަށާއި އެކަމާ ގުޅޭގޮތުން މަންމަ ސުވާލުކުރުމުން "މަސައްކަތް ކުރަށްވަމުން ގެންދަވަނީ މަންމަ ދަސްކޮށްދެވިގޮތަށް ގައުމަށްޓަކައި" ކަމަށް ވިދާޅުވި ކަމަށާއި މަންމަ އެކަމާމެދު ފަޚުރުވެރިވާކަމަށް ވިދާޅުވިކަމަށް އާޒިމާ ވިދާޅުވިއެވެ.

މިއަދުގެ ދަރިވަރުންނަކީ މުސްތަގުބަލުގައި ލީޑަރުން ކަމަށާއި، އެދުވަހުން މިއަދުގެ ދަރިވަރުންވެސް މިފަދަ ނަމޫނާ ދެއްކުމަށް އާޒިމާ އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް