އަފްއާމް، ވޭނީ އަދަބަކަށް ވާން އެދޭނީ ކާކު؟

ސިޔާސީ އިދިކޮޅު ހަތަރު ލީޑަރުން--

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރު މިހާ ހިސާބަށް އައިއިރު ކުރެވޭ އެންމެ ބޮޑު ސުވާލަކީ ޖަލަށްލާފައި ތިބި މީހުންނާ ގުޅޭ ސުވާލުތަކެވެ. ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެގެން ޖަލަށް ލާފައިތިބި އިދިކޮޅު ލީޑަރުން މިނިވަން ނުކުރުމަކީ އިދިކޮޅުން ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އިިދިކޮޅު ލީޑަރުންތައް ދޫކޮށްލަން އަންގާފައި އޮތުން މުޅި ގައުމަށް ހައިރާންކަން ގެނެވުނު ނަމަވެސް އެއީ އިދިކޮޅު ހުރިހާ ފަރާތްތަކުން ބޭނުންވާ ގޮތެވެ. ނަމަވެސް އެ އަމުރުގައި ގާނޫނުތަކާ ހިލާފް ބޮޑެތި ކަންކަން ހުރި ކަމަށް ސަރުކާރުން ބުނާ އިރު އެ އަމުރު ތަންފީޒު ކުރުމާ އެކު މުޖްތަމައު އަށް ނުކުންނަން ތިބި ލީޑަރުންގެ ހާލަތު ވެސް ބަލަން ޖެހެ އެވެ.

އެ ހުރިހާ ލީޑަރުން މިނިވަންވެ ގައުމު އަމަން އަމާން ކަން މަތީ ކުރިއަށްދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ފުޅާ ކޯލިޝަންގައި ހުރި ތަފާތު ފިކުރުތައް ހަގީގަތުގައި ވެސް އެކައްޗެއް ކިޔައިގެން މަސައްކަތް ކުރާނެތޯ މިއީ ސުވާލެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރި ނަމަވެސް ކޯލީޝަން ދެމި އޮންނާނެ މުއްދަތަކާ މެދު ސުވާލު އުފެދެ އެވެ. އަދި ކޯލީޝަންގެ ވެރިއަކަށް ކޮންމެ މީހަކު އައި ނަމަވެސް ދެން ޖަލުގައި ތިއްބެވި ބޭފުޅުން ދޫކުރައްވާނެތޯ މިއީ ވެސް ސުވާލެކެވެ.

ސިޔާސީ ކުށްވެރިން ---

އަނެއް ދިވެހިރާއްޖެ އިން، ވަތަން އެދޭ ގޮތަށް ގޮސް ހެޔޮ ބަދަލަކާ އެކު އާ އުސްމިންތަކަކަށް އަރަން އުޅުނު އިރު ވެސް ފެނުނީ "ކޯލިޝަން ސަރުކާރު" މަސައްކަތް ނުކުރި މަންޒަރެވެ. އެކަކު އަނެކަކަށް ހެވެއް އެދޭ ބަޔަކު ތިބި ކަމަކަށް އެއް ގޮތަކަށް ވެސް އޭރަކު ނުފެނުނެވެ. މާޒީގެ މަންޒަރު ހެކި ދެނީ އެހެންނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވީ އިދިކޮޅުގައި މިހާރު ތިއްބެވި އެއްވެސް ލީޑަރަކީ އެކަކު އަނެކަކާ އެކު "ސިޔާސީ ގޮތުން އެއްދާން ކުރެވޭ ހާލަތުގައި" ތިބި ބައެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަނީ ވެރިކަމަށް ކަމަށާއި ކިތަންމެ ބޮޑު ނަމެއް ހަދާފައި ކޯލިޝަން ހެދިޔަސް އެ ލީޑަރުންގެ ވިސްނުން އެއްގޮތް ނުވާނެ ކަމަށެވެ.

"އިދިކޮޅުގައި މިހާރު އެ ތިއްބެވި ލީޑަރުންނަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިހުލާސްތެރިވާނެ ބޭފުޅުންނެއް ނޫން. ކޮންމެ ބޭފުޅެއްގެ ވެސް ވިސްނުން ހުރީ އަމިއްލަ އެދުމަށް." އަދުރޭ ވިދާޅުވި އެވެ.

ކަން މިހެން އޮތް އިރު ސުވާލަކީ މިއަދު ކުރީގެ ހަތުރުން މިތުރުންނަށްވެ، ބާޣީތައް ގާޒީންނަށް ވިޔަސް، އާރެއް ބާރެއް ލިބޭ ހިސާބުން ދެންވާނީ ކިހިނެއްކަން ނޭނގޭތީވެ ކުރެވޭ ސުވާލެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ އަށް އެޅި އިރު އޮތް އެކުވެރިކަންވީ ގިރިޓީ ލޯތްބަކަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުތީ މިހާރު އެމަނިކުފާނާ އެންމެ ގާތްކޮށް އުޅޭ އެކުވެރިންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތުޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަދި ގާސިމް އިބްރާހިމް ފަދަ ބޭފުޅުން އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ޖާނާއި މާލުން ގުރުބާންވި ކަމަށް ވިދާޅުވީ ސީދާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކުރީގެ ރައީސް މުހައްމަދުނަޝީދު(މ) އަދި ގާސިމް އިބްރާހިމް ---

އެކަން އެގޮތަށް އޮތް އިރު އިދިކޮޅު ކޯލީޝަނަށް ވެރިކަން ލިބޭ ދުވަހަކުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގި ކަންތައްތަކުގެ ބަދަލު ރައީސް ނަޝީދު އެބޭފުޅުންގެ ކިބައިން ނުހިފާނެތޯ އެއީ ސުވާލެކެވެ. ރައީސް މައުމޫން މިނިވަންކޮށް ރައީސް ނަޝީދު ބަހައްޓާނެތޯ އެއީ ސުވާލެކެވެ. އަދި ގާސިމް އިބްރާހިމްގެ ވިޔަފާރިއާ އަލުން ތޮޅިވަޑައި ނުގަންނަވާނެތޯ އެއީ ވެސް ސުވާލެކެވެ. އަދި ޝައިހް އިމްރާނަށް ގޮތެއް ނުހަދައި ރައީސް ނަޝީދު ދޫކޮށްލާނެތޯ އެއީ ވެސް އުފެދޭ މުހިއްމު ސުވާލެކެވެ.

މިކަން މިހެން އޮތް އިރު ރައީސް މައުމޫނަށް ލިބޭ ބާރެއްގައި ރައީސް ނަޝީދު އަނެއްކާ ވެސް އަނެއް ދިވެހިރާއްޖެއަށް ދާން ދަތުރު ނުފަށާނެތޯ؟ އެއީ ވެސް ސުވާލެކެވެ. އަދި ރައީސް މައުމޫނަށް ބާރު ލިބި ވަޑައިގަންނަވައިފި ނަމަ އަނެއްކާ ވެސް ރައީސް ނަޝީދު ޖަލަށް ނުލައްވާނެ ކަމުގެ ޔަގީންކަން ދެވޭނެ މީހަކު ވެސް ނެތެވެ.

ގާސިމް އިބްރާހީމް ވެރިކަމަށް އައިސްފި ނަމަ ކަން ހިނގުން ވެސް ގާތީ މިހެންނެވެ. ރައީސް ނަޝީދަށް ހިންދެމިލެވޭނެ ހެންނެއް ހިއެއް ނުވެ އެވެ. ރައީސް މައުމޫން ބޭނުންވާ ހުރިހާ ކަމެއް ގާސިމްގެ ވެރިކަމެއްގައި ކުރެވޭނެ ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެކަމަށް ހެކި ދެނީ މީގެ ކުރިން އެ ދެބޭފުޅުންނާ އެކު ވެސް ހެދި ކޯލިޝަން ވަކި ހިސާބަކުން ރޫޅުމުންނެވެ.

މި ތިން ބޭފުޅުން ކުރެ އެކަކު ވެސް ވެރިކަމަށް އައިސްފި ނަމަ ދެން އޮތް ސުވާލަކީ މިހާރު އދިކޮޅުން ވަކާލާތު ކުރާ "އަފޫއާމު" ސިޔާސީ ލީޑަރުންނަށް ދީފާނެތޯ އެވެ. މިއިން އެއްވެސް ބޭފުޅެއްގެ ވެރިކަމެއްގައި އަނެއް ބޭފުޅަކު ޖަލުން ނުނެރޭނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. ކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު އެކަން ވުމަށް ވުރެ ގާތީ ނުވުމެވެ. އަދި ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވޭ މީހުން "ސިޔާސީ ލީޑަރުން"ގެ ބޯޑު އަޅުވައިގެން ޖަލުގައި ތިބި އިރު ދެން އެފަދަ ކުށްތަކުރާރު ނުވާނެތޯ ވެސް މިއީ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ.

"އިދިކޮޅު ލީޑަރުންގެ ތެރޭގައި ބޮޑެތި ކުށްވެރިން ތިބި އިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިނިވަން ކުރާނެ ކަމުގެ ފޯމިއުލާއެއް އެބަ އޮތްތޯ؟ ކިތައް ފިނިފެންމާ ގޮވާފާނެތޯ؟ މިހުރީ ހައްތާ ވެސް ސުވާލު. ހަގީގަތަކީ މިހާރު އިދިކޮޅުގައި ހުރި އެއްވެސް ލީޑަރަކު ވެރިކަމަށް އަޔަސް ދެންތިބި މީހުން ދޫކޮށްނުލާނެ،" މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް ވިދާޅުވި އެވެ.

މިއަދު އަޑަށް ބާރުލާ އިދިކޮޅު ލީޑަރުން ޖަލުން ދޫކޮށްލަން ގޮވާލަމުންދާ އިރު މިބޭފުޅުންގެ ވެރިކަމެއްގައި އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެ އެވެ. އަފްއާމް ދިނުމަކީ ރައީސުލްޖުމުހުރިއްޔާ އަށް މުތުލަގު ގާނޫނުތަކުގެ ތެރެއިން ލިބިދީފައިވާ ބާރެކެވެ. އެންމެ މަތީ ކޯޓުތަކުގެ މަރުހަލާތައް ނިމިފައިވާ ކުށްވެރިންގެ ތެރެއިން ވަކި ކުށްތަކެއް ގައި ނުހިމެނޭ މީހުންނަށް މައާފު ދިނުމުގައި އަމަލު ކުރަން އިޖުރައަތުތަކެއްވެ އެވެ. ރާއްޖޭގެ ގާނޫނު އަސާސީ ބުނަނީ މިހެންނެވެ. ޗާޓުގެ އެތެރެއިން އެކަން ކުރާ ނަމަ ކުރަންވާނީ މިހެންނެވެ.

ސިޔާސީ ހަގީގަތަކީ ދެކޮޅުވެރިންގެ އުނދަގޫ ޖެހެންދެން އިންތިޒާރުގައި ތިބޭނީ މޮޔައިންނެވެ. އިދިކޮޅުގެ އެއްވެސް ލީޑަރަކަށް ވެރިކަން ލިބިއްޖެ ނަމަ ދެން ތިބި އެއްވެސް ސިޔާސީ ވާދަވެރިޔަކު މިނިވަން ނުކުރާނެ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. މިއަދާ ހަމައަށް އެފަދަ އެއްބަސްވުމަކަށް ވެސް އާދެވިފައެއްނުވެ އެވެ. ގާނޫގެ ތެރެއިން އަފްއާމް ދެވިވެސްދާނެ އެވެ. ނަމަވެސް އެބޭފުޅުން ކުރައްވާފައި ހުރި ކުށްތަކަށް ބަލާ އިރު ރައީސް ޔާމީން ވެސް އަދި ދެން އަންނަ ވެރިއަކު ވެސް އެކަން އެގޮތަށް ނުކުރައްވާނެ އެވެ. ސަބަބު ވަރަށް ސާފެވެ. އަފްއާމް، ވޭނީ އަދަބަކަށް ވާން އެދޭނީ ކާކު ހެއްޔެވެ.

comment ކޮމެންޓް