ދެ ކޮރެއާގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވޭ: ކިމް ޖޮންގް އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެކުނު ކޮރެއާގެ ވަފުދާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ގެޓީ

ސޯލް (މާޗް 6): ދެ ކޮރެއާގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންފުޅުވާ ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާ އިން އެފަދައިން ބުނެފައި ވަނީ އިއްޔެ ދެކުނުގެ މަންދޫބުންތަކެއް އެގައުމަށް ވަޑައިގެން، ލީޑަރު ކިމްއާ ބައްދަލުކުރެއްވި ފަހުންނެވެ. އެއީ 2011 ވަނަ އަހަރު ކިމް ވެރިކަމަށް ވަޑައިގެންނެވި ފަހުން އޭނާ ދެކުނު ކޮރެއާގެ އޮފިޝަލުންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

އަދި ހަތަރު ގަޑި އިރަށް ދެމިގެން ދިޔަ އެބައްދަލުވުމުގައި ކިމްގެ އަނބިކަނބަލުން ރީ ސޮލް ޖޫ އާއި ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިދިޔަ މަހު ކިމް ޔޯ ޖޮންގް ވަނީ ދެކުނު ކޮރެއާގައި ބޭއްވި ވިންޓާ އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެކުނު ކޮރެއާގެ ވަފުދާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ގެޓީ

ދެކުނުން ފޮނުވި ވަފުދުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެ ގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ސާ ހޫން އާއި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޗަންގް އުއި ޔަންގް ހިމެނެ އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ ނޫސް އެޖޭންސީ ކޭސީއެންއޭ އިން ބުނި ގޮތުގައި އެބައްދަލުވުމުގައި ދެ ގައުމުން ވަނީ ދެ ކޮރެއާގެ ގުޅުން ރަނގަޅު ކުރުމާ ބެހޭ ގޮތުންނާއި ކޮރެއަން ޕެނިންސުލާގައި ސުލްހަވެރި ކަމާއި ހަމަޖެހުން ދެމެއްހެއްޓުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި އެވެ.

އަދި އިތުރު މަޝްވަރާތައް ބޭއްވުމަށް ލީޑަރު ކިމް އަށް ދައުވަތު އަރުވައި، ދެކުނުގެ ރައީސް މޫން ޖޭ އިން ދެއްވި ސިޓީއެއް އެގައުމުގެ ވަފުދުން ވަނީ ލީޑަރު ކިމް އަށް އަރުވާފައި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ދެކުނު ކޮރެއާއިން އެވަފުދު ފޮނުވުމުގެ މަގުސަދަކީ އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު މަޝްވަރާތައް ބޭއްވުމަށް ފުރުސަތު ހޯދައި ދިނުމެވެ. އަދި ލީޑަރު ކިމްއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެވަފުދު ދެން ދާނީ އެމެރިކާއަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާއާ ވާހަކަ ދައްކާނީ އެގައުމުން ނިއުކްލިއާ ހަތިޔާރު ނައްތާލުމުން ކަމަށް ވިދާޅުވެފައި އެވެ. (ބީބީސީ)

comment ކޮމެންޓް