ކައްކާ ތެޔޮ ބަލާ ގޮނޑުދޮށަށް!

ދެ ލީޓަރުގެ ކުކިން އޮއިލް ފުޅިއެއް ބާޒާރުގައި 70ރ. އަށް ހުރި އިރު ހދ. އަތޮޅުގެ ބައެއް ރަށްރަށް ކައްކާތެލުގެ ފީފާ އާއި ހަން ލައްގަމުން އެބަދެ އެވެ. އަތޮޅުގެ ކަނޑުތަކާއި ފަޅުތަކުން ފީފާ އާއި ހަން ފެންނަމުން ދާތީ ވަރަށް ގިނަ ބަޔަކު ތެޔޮ ހޯދަން ފިހާރައަށް ދިއުމުގެ ބަދަލުގައި ވަނީ ގޮނޑުދޮށަށް ދާން ފަށައިފަ އެވެ.

ހދ. ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ކަނޑާއި ގޮނޑުދޮށުން ކައްކާ ތެޔޮ ފެންނަން ފެށި ފަހުން އަތޮޅު ބައެއް ރައްރަށު މީހުން ދޯނި ފަހަރުގައި ނުކުމެ ތެޔޮ ހޯދަން ކަނޑުފަޅު ބަލަމުން އެބަދެ އެވެ. ބައެއް މީހުން ފަޅު ރަށްރަށަށް ގޮސް ތެޔޮ ހަން ހޮވަމުން ދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތެލުގެ ދަތިކަން ކެނޑިއްޖެ، ކޮންމެ ދުވަހަކު ތެޔޮ ހަމެއް ގޮނޑުދޮށުން ލިބޭ. ފިހާރަކަށް ދާކަށް ނުޖެހޭ، މިހާރު ލިބިފައި ހުރި ތެލުން ވެސް ދެ ތިން މަހަށް ފުއްދޭނެ،" ހދ. ނެއްލައިދޫ އަންހެނަކު ބުންޏެވެ.

ހދ. ގެ ކަނޑުގެ އެކި ސަރަހައްދުން އޮޔާ ދަނިކޮށާއި ރަށްރަށް ލައްގާފައި ވަނިކޮށް އެންމެ ގެނައިން ތެޔޮ ފީފާ އާއި ހަން ފެނުނީ ނެއްލައިދު އާއި ވެރިރަށް ކުޅުދުއްފުއްޓަށެވެ. ނެއްލައިދޫއަށް އެ ރަށުގެ ބައެއް ދޯނި ފަހަރުން އިއްޔެ އާއި މިއަދު 200 ލީޓަރުގެ ފަސް ފީފާ އާއި 20 ލީޓާރު 41 ހަން ހޮވާފައިވާއިރު ކުޅުދުއްފުއްޓަށް 20 ލީޓަރުގެ 50 ހަމާއި 200 ލީޓަރުގެ ހަތަރު ފީފާ ހޮވާފައި ވެއެވެ. ކުރިނބީ އާއި ނާވައިދޫއާ ގުޅޭ ކަނޑާއި ފަޅުން ވެސް ކައްކާ ތެލުގެ ފީފާ އާއި ހަން އެ ރަށްރަށަށް ހޮވާފައިވާއިރު ފަޅުރަށް ނާގޯށީގެ ގޮނޑުދޮށަށް ވެސް ކައްކާތެލުގެ ތިޔާގިކަން ވަނީ އައިސްފަ އެވެ. ހުރިހާ ރަށަށަކަށް ވެސް ފެންނަމުން ދަނީ 200 ލީޓަރު ތެޔޮ ފީފާ އާއި 20 ލީޓަރުގެ ކުދި ތެޔޮ ހަމެވެ.

"ފީފާތައް ހޮވަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން. ކުރިނބީ، ނައިވާދޫ ނާގޯށި، ކުޅުދުއްފުށީގެ އިތުރުން ވެސް ވަރަށް ގި ރައްރަށަށް މިބާވަތުގެ ތަކެތި ހޮވައިފި. އަދި މި އަތޮޅު ވަރަށް ގިނަ ފަޅު ރައްރަށަށް ވެސް މި ބާވަތުގެ ތަކެތި ލައްގަމުންދާކަމަށް މައުލޫމާތު ލިބެމުންދަނީ." ރަޝީދު ވިދާޅުވި އެވެ.

ބައެއް ރަށްރަށުން ވާހަކަ ދެއްކި މީހުން ބުނީ ކަނޑުންނާއި ގޮނޑުދޮށުން ފެންނަ ތެޔޮ ހަންތަކަކީ ކަނޑުމަތީގައި ގިނަ ދުވަސްވެފައިވާ ފީފާތަކެއް ކަމަށް ލަފާކުރެވޭ ކަމަށާއި އެ ފީފާތަކުގެ ބޭރުގައި ފެއްސާއި ރިނދަލި ޖަހާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު