މީރާ މޯބައިލް އެޕްލިކޭޝަން "ވާރުޕޭ" މެދުވެރިކޮށް މުދަލު ޒަކާތް މިހާރު ދެއްކޭނެ

އިސްލާމިކް މިނިސްޓަރު އަހްމަދު ޒިޔާދު ބާގިރު މޯބައިލް އެޕްލިކޭޝަން ވާރުޕޭ އިފްތިތާހްކޮށްދެއްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީރާ މޯބައިލް އެޕްލިކޭޝަން "ވާރުޕޭ" މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރައްމިއްޔާތުގައި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ އިފްތިތާހް ކުރެވިގެންދިޔަ އެޕްލިކޭޝަންގެ ސަބަބުން އާންމުންނަށް މުދަލު ޒަކާތް ދެއްކުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ފަސޭހަކަމާއެކީ މުދަލު ޒަކާތް ދެއްކިގެންދާނެ. ނަމާދާ ރޯދައާއި ހައްޖުގެ އަޅުކަމަށް ހުންނަ ޝައުގުވެރިކަން މުދަލު ޒަކާތް ދެއްކުމަށް ވެސް އުފައްދަން ޖެހޭ. މުދަލު ޒަކާތަކީ ރުކުނެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާރުޕޭ އިފްތިތާހްކުރުމަށްފަހު--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެޕްލިކޭޝަނާ ބެހޭގޮތުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ "ވާރުޕޭ"އަކީ މުދަލު ޒަކާތް ދެއްކުމަށް ބޭނުން ކުރެވޭ ޒަމާނީ ހައްލެއް ކަމަށެވެ.

އޭނާ ވިދާޅުވީ 2016 ވަނަ އަހަރުގެ މާޗް މަހު އިސްލާމިކް މިނިސްޓްރީއާ މީރާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އެ އަހަރުގެ ޖޫން މަހު މީރާ މެދުވެރިކޮށް މުދަލު ޒަކާތް ދައްކަމުންދާ ކަމަށެވެ.

"މުދަލު ޒަކާތް ދެއްކުމަކީ ފަރުޟެއް. އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ މުސްލިމުން އަދާކުރަންޖެހޭ ފަރުޟެއް އަދާ ކުރުމަށް ފަސޭހަވެގެންދާނެ،" ޔަޒީދު ވިދާޅުވިއެވެ.

comment ކޮމެންޓް