އިލްހާމްގެ ހޫނު ފެނުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

މިދިޔަ އަހަރުގެ މާޗް 22 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އިލްހާމް ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައި ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖެ ނަމަ ވޯޓުލުމަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އިލްހާމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އިލްހާމް ބިރުދައްކައި އިންޒާރު ދިން ކަމަށް ތުހުމަތުކޮށް ކަމަށެވެ.

ނޫރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ އިލްހާމްގެ ބަޔާން މިދިޔަ ހަފްތާގައި ނަގާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިލްހާމް ވިދާޅުވެފައި ވަނީ ހޫނު ފެނޭ ކިޔައިގެން ވާހަކަ ދެއްކެވީ މަޒާޖީ ގޮތެއްގައި ކަމަށެވެ.

ވަކީލު ވިދާޅުވީ އެފެދައިން ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށް އިލްހާމްގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އެއްވެސް މަޖިލިސް މެމްބަރަކަށް ބިރުދައްކައި އިންޒާރުދީފައިނުވާނެ ކަމަށް އިލްހާމް އެ ބަޔާނުގައި ފާހަގަކުރެއްވި ކަމަށް ނޫރު ވިދާޅުވި އެވެ.

އިލްހާމުގެ ވަކީލު ވިދާޅުވީ ވަކީލެއްގެ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ "އެ ދުވަހު މަސީހާ އެއްކޮޅަށް ވޯޓު ދިން މެންބަރުން ވޯޓުދީފައި ވަނީ ބިރު ދައްކައިގެން ކަމަށް ބެލެވޭ ކަހަލަ ގޮތަކަށް،" ކަމަށެވެ.

އިލްހާމް އެފަދައިން ވާހަކަފުޅު ދެއްކެވީ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގަ އެވެ.

"ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖެ ނަމަ ވޯޓްލާ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓް ލާނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ބޭރުން ވެސް އައިސް މި ވޯޓްގައި އަތްލާން ޖެހޭނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ފައި މައްޗަށް އެޅޭނެ ހޫނުފެން،" އިލްހާމް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފެވެ.

comment ކޮމެންޓް