ނޭނގި ހިތާ ކުޅެލީ - 29

"ނަން އޮފް ޔޯ ބިޒްނަސް. ތިހާ ސިމްޕަތީ ވަންޏާ ދެން އިންނަންވީނު. އެހެންނޫންނަމަ މިއޮތް ވިއްސާރަ ރޭ ހިލޭ ފިރިހެނަކު މިގޭގައި ހުންނަން ޖެހޭ ސަބަބެއް ނުވިސްނޭ. ސިއްރުން ދެމީހުން ގަނޑުގަންނަކަން ފަޅާ އަރާފައި މިއޮތީ.........." ލުކުމާން ގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. ލުކުމާންގެ ވާހަކަތަކުން ހިތްފަޅިފަޅިވެ ރޮމުން ސަވާނާ އެތަނުން ދުވަމުންގޮސް ލޯމަތިން ގެއްލެންދެން އިޒިކްއަށް ބަލަން ހުރެވުނެވެ. ލުކުމާންއަށް އެހުރިހާ އަމަލަކުން ނެގުނީ އެހެން މާނައެކެވެ. އިޒިކްގެ ހިތުގައި ސަވާނާއަށްޓަކާ އެހެންކަހަލަ އިހުސާސްތަކެއް އޮތްކަމެވެ. އިޒިކް މިގެއަށް ތާއަބަދު ޒިޔާރަތްކުރުމުގައި އެހެން މަގުސަދެއް އޮންނާނެއެވެ. އެންމެ ރަގަޅީވެސް އިޒިކްއާއި ސަވާނާ ގުޅުމެވެ. އޭނަ މިހުރީ ސަވާނާ މިނިވަންކޮށް ދޭށެވެ. އެންމެ އަވަހަށް އޭނަ ކުރާނެ ކަމަކީ އެއީއެވެ. ދެ އަންބަށް ސަވާނާ ބައިންދައިގެން އިތުރު ޒިންމާތަކެއް ނަގާކަށް އޭނަ ނުޖެހޭނެއެވެ. އޭރު ލުކުމާންއާއިއެކު އައި ކައިދަންވެސް ހުރީ އެއްފަރާތުގައި ޖީބަށް އަތްޖަހާލައިގެން ބުމަ ކައިރިކޮށްލައިގެންނެވެ. ލުކުމާންގެ އެ އަމަލާއިމެދު އިންތިހާއަށް ނުރުހުންވެފައެވެ. އެކުވެރިޔާގެ އެ ކަތި ފިޔަވަޅަށް ހިތާމަކުރިއެވެ.

"ވަރިކޮށްފިއްޔާ ހަމަ އިންނަން މިހިރީ..." އިޒިކްވެސް ހުރީ ރުޅިގަދަވެފައެވެ.

"ޝީޒް ފްރީ. ހަމަ ކުރަންވީ..." ލުކުމާން އެންމެ ފަހުގެ ނިންމުން އިއްވާލާފައި ދިޔައިރު އެއަޑު އަހަން އާލިމާ ހުރެފައި ދުވަމުން ދުވަމުންގޮސް ސަވާނާގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތްއިރު އޭނައަށް އެހެން ކަހަލަ ފޯރިއެއް އައިސްފާ ހުއްޓެވެ. އޭނަ ބޭރުފުށުން ސަވާނާގެ ހިތާމައިގާ ބައިވެރިވާކަމަށް ހެދުނަސް ހިތް ދިމާ އިދިކޮޅެވެ. އެހެންމީހަކަށް އެއްވެސް ކަހަލަ އުފަލެއް ލިބުމަކަށް އޭނަ ނޭދެއެވެ. އޭނައަށް ނުލިބޭ އުފަލެއް އެހެން މީހަކަށް ލިބެންވީ ކީއްވެހެއްޔެވެ؟ އެއީ އޭނަގެ ފަލްސަފާއެވެ. އެހެންވުމުގެ ސަބަބުން އޭނަ ސަވާނާއަށް އެ ޚަބަރު ގެންގޮސްދިނީ ވަރިކުރިކަމަށް ބުނެއެވެ. ލުކުމާން އިޒިކް ކައިރީ ސަވާނާ ވަރިކުރީކަމަށް ބުނި އަޑު އެހިކަމަށްބުނެ ދޮގު ހުވައެއްވެސް ކުރިއިރު ހެއްދެވިފަރާތް މަތިން ހަދާން ހުރިހެނެއް ހިޔެއްނުވެއެވެ. ސަވާނާ ގެ ރުއިން ގަދަވިއެވެ. ކުޑަކުއްޖެއްހެން ބާރުބާރަށް ރުއިމަކީ އޭނަ ދުވަހަކު ކުރިކަމެއް ނޫނެވެ. ނަމަވެސް ލުކުމާންގެ އެ ނިންމުން އޭނަގެ ހިތް ފަޅައިގެންދާ ވަރު ކޮށްލައިފިއެވެ. އާލިމާ ވައުދުކުރުވީ އޭނަ އެ ޚަބަރު ގެނެސްދިންކަމަށް އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށެވެ. ލުކުމާން އޭނަގެ ކައިރިއަށް އައިސް ވަރިކުރީކަމުގައި ބުނުމަށެވެ.

ލިވިއާ އޭނަގެ މާވިއްކާ ފިހާރައިގާ އަވަދިނެތި މަސައްކަތުގާ ހުއްޓާ އިމާދުއްދީން ފެނުމުން މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެސޫރަ ފެނުމުން ރުޅިއާދެވުނެވެ. ކައިދަންމެން ފަދަ މުއްސަދި ޒުވާނުން ލިބެން އޮތްވާ އިމާދުއްދީންއާއި ދިމާލަށް އެފަދަ ނަޒަރަކުން ބެލުނުކަމުގެ މޮޔަހީވިއެވެ. އިމާދުއްދީން ކޭޝް ކައުންޓަރު ކައިރީ ހުއްޓި ވާހަކަދެއްކީ ނިކަން މަޑުންނެވެ. އޭނައާއި ދުރުވާންޖެހުނީ ކޮންކުށެއް އޮވެގެންހެއްޔޭ ކިޔާ ސުވާލުކުރިއެވެ. ކޮށްދިން ކަންތައްތައް ބަލައިނުގަންނަނީ ހެއްޔޭ އެހިއެވެ. މިފިހާރައިގެ ކުލި ލިވިއާއަށް ދައްކައިދެނީ އޭނަކަމުގައި ހަދާންކޮށްދިނެވެ.

"އެކަންތަކާ ވިސްނާނެކަމެއްނެތް. އަހަރެން މިއުޅެނީ ގާބިލު މީހަކާއި އިންނަން. އަހަރެންގެ މޮޔަކަމުން ތީނައާއިއެކު ޑޭޓްކުރެވުނީ. ތިބުނާފަދަ ގުޅުމެއް އަހަރެން ބޭއްވީއެއްވެސް ނޫން. އެކަންތަކުން ނުބައި މާނައެއް ނެގި އަހަރެން މުސްކުޅިއަކާއި އިންނާނެކަމަކަށް ހީކުރިއްޔާ ވަރަށް ބޮޑު އޮޅުމެއް. ތީ އެކުވެރިއެއްގެ ބައްޕަ. ނަތިން މޯ...." ލިވިއާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.

"ތިހާ ދަށްފެންވަރަކަށް ވެއްޓިދާނެކަމަކަށް ހީކޮށްގެނެއްނޫނޭ މި ފިހާރަ ހުޅުވައިދީ ޔުނިވަސިޓީއަށް ފީ ދައްކާދިނީ. ތި އިންނަން އުޅޭ މީހާއަށް އަންގާނަން އަހަރެންނާއި އޮތް ގުޅުން. ލޯބީގެ ދަޅަދައްކައިލީ ލާރިގަނޑު ކާލާފައި ދުރަށް ދާންކަމަށް ވެއްޖެއްޔާ އަހަންނަށްވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ އިނގޭ......." އިމާދުއްދީން އިންޒާރުކުރިއެވެ.

"އެހެން ހިތަށް އަރާ އެންމެ ލަފުޒެއް ބޭރުކޮށްލިޔަސް އަހަރެންގެ އަތުގައި ފޮރުވާފައި ހުރި ވީޑިއޯ މުޅި ދުނިޔެއަށް ފެންނާނެ. މަގޭ ފޯނުން ޑިލީޓްކުރިޔަސް ފޮރުވާފައި އެބަހުރި. އަހަރެން މީ ތި ހީކުރާހާ ގަމާރުމީހެއްނޫން. ސިކުނޑިއެއް ދެއްވާފައި އޮތީ ތިކަހަލަ ޝައިތާނުންނާއި ހަގުރާމަކޮށް ފަތަހަކުރަން. މިހާރު މިތަނުން ދޭ.. ނޫނީ ފުލުހުންނަށް މިގުޅަނީ. ނަބީލާދައްތައަށް ހެދިގޮތްތައް ފެނުނު މީހަކު ތިބޭފުޅާ ދައްކާ ވާހަކަ ގަބޫލެއްނުކުރާނެ....." ލިވިއާގެ އިންޒާރާއި އެކު ބަލައިލި ނުރައްކާތެރި ގޮތަކުން އިމާދުއްދީންގެ ކަރުތެރެ ހިކިގެން ދިޔުމާއިއެކު ފުރާނަ އަތް މައްޗަށް ލައިގެން ހުރެ އެތަނުން ނިކުންނާން ހިނގައިގަތްއިރު އެތަނުގައި މަސައްކަތްކުރަން ހުރި އަންހެންކުއްޖާވެސް ބަލަން ހުރީ އެދެކުވުނު ވާހަކަ ކޮންމެވެސް ވަރަކަށް އިވިގެންހެން ހީވެއެވެ. ޝައްކާއި ވަހުމުގެ ބެލުމެކެވެ. އިމާދުއްދީން ފިހާރައިން ނުކުމެ ރުމާ ނަގައިގެން މޫނުގައިވާ ދާތިކިތައް ފޮހެލަމުން ދެލޯ މަރައިލީ ހިތްދަތިކަމުން ފުރިފައިވާ ގޮތަކަށެވެ. ހުރިހާ އެއްޗެއް އަތުން ބީވެގެންދަނީއެވެ. ހުރިހާ މުދަލެއް ގެއްލުނަސް ފުރާނާފަދަ ލޯބިވާ ލޯބިވެރިޔާ އޭނައާއިއެކު ވާނެނަމައެވެ. އިމާދުއްދީން ގެ ކަންފަތުގައި ބަންގީގެ އަޑުއިވުމުން ހިނގައިގަނެވުނީ މިސްކިތާއި ދިމާލަށެވެ. ބޮޑު މުސީބާތަކާއި ދިމާވާއިރަށް އިންސާނާ ހެއްދެވިފަރާތަށް ކުރިމަތިލާނެއެވެ. ކަރުނަ އަޅާ ދުޢާކުރާނެއެވެ. އިމާދުއްދީން އެތައް ދުވަހެއްފަހުން މިސްކިތުގައި ފައި ބީއްސައިލުމަށްފަހު ނަމާދުކޮށްގެން ދުޢާކުރީ ލިވިއާ ލިބުމަށް އެދިއެވެ.

މޭޕްލްވިލާގެ ގޯތިތެރެއަށް ވަދެފައި އިމާދުއްދީން ހަށިފުރާނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ގޯތި އަލުން އަނބުރާ މިލްކުކުރުމަށް ހަދަންވީގޮތެއް ނޭގި ތާއަބަދު ސިކުނޑިތެރޭ އެކި ޚިޔާލުތައް އެނބުރެއެވެ. ދަރިފުޅާއިމެދު އޭނަ އަނިޔާވެރިވެ އަދި އެއްޗެހި ގޮވައިގެން މި މައްސަލަ ހައްލެއްނުވާނެއެވެ. ލުކުމާން ސަވާނާއަށް އޮޅުވާލައިގެން ގެ އަތުލިކަމުގައި ވިޔަސް ފަހަރެއްގައި އެދެމަފިރިންނަށް ދަރިއަކު ލިބިއްޖެއްޔާ އެކުއްޖާއަށް ގެ ހިބަކޮށްދޭން ލުކުމާން ނިންމަފާނެއެވެ. ނަމަވެސް އެއީވެސް ހާދަ ހަނި ފުރުސަތެކެވެ. މީހަކަށް މޮޔަކަމެއް ކުރެވޭނީ މިހާވަރަށެވެ. ހަޔާތުގައި ޅަ އެއްޗެއް އެޅުނިއްޔާ އެއީ އޭނަ އަމިއްލަ ދަރީގެ ނަމަށް ގެ ރެޖިސްޓްރީކޮށްދެވުނުކަމެވެ. ގޭތެރެއަށް ވަދެފާ ސޯފާއަށް ހަށިގަނޑު ދޫކޮށްލެވުނުއިރު ގައިގާ ހަކަތައެއް ނެތެވެ. މޭގައި ފިރުމައިލެވުނެވެ. ހިތާމައިގެ ކޮޅެއްނެތް ވަރަށް ހިތާމަކުރަން އިންދާ ރިޒާ ބައްދަލުކުރަން އައިސްފާ ދިން ޚަބަރަކުން އޭނަގެ ބޮލަށް އުޑުވެއްޓުނުފަދަ ނުބައި އިހުސާސެއްކުރެވުނެވެ. ބޮލުގައި ދެއަތް އަޅާފައި މަޑުމަޑުން ކޮޅަށް ތެދުވެފާ އަނެއްކާ އިށީނދެވިއްޖެއެވެ. އޭރުވެސް އޭނަގެ ދެލޯ ފުންމާލަފާނެކަހަލައެވެ.

"އަރުޖަމަންދުގެ ދަރިއެކޭ؟ އޮފީލިއާ....އެއީ .އެއީ ހަމަ އޭނަގެ..." އިމާދުއްދީން ތުން ތަޅުވައިލިއިރު މޫނުގެ އެހެން ތަނަކަށް އެންމެ ރުލެއްވެސް އަރުވާނުލައެވެ.

"ލައްބަ ސާހަބް. އަޅުގަނޑުގެ ދަރިއަކު އެގޭގެ ޑްރައިވަރަކަށް އެހެރީ. އޭނަ ފުދޭވަރަކަށް އެކަހަލަ ކަންތައްތަކުގައި މޮޅުވާނެ. ސިފައިންގެ ތެރޭ އުޅެ ޓްރެއިނިން ހަދާފައި ހުރީމަ އެހާ ފަސޭހައިން އެހޯދައިގަތީ. އޭނަ ވަރަށް އިތުބާރުކޮށްފައި ކިޔައިދިނީ. ލުކުމާންއާއި އަރުޖަމަންދު އުޅެނީ އެކަން ސިއްރުކޮށްގެންނޯ. އެދެމައިންނަށް ނޫނީ އެކަން އަދި އެނގޭކަމަކަށްނުވޭ. ލުކުމާން ސަވާނާއާއި އިންނަން އެއުޅުނީ މުދަލުގެ ބޭނުމުގައެއް ނޫން. ކޮންމެވެސް އެހެން ނިޔަތެއް އޮންނާނެކަމަށް ލަފާކުރެވޭ...................."

އިމާދުއްދީންގެ ސިކުނޑީގެ ކަނެއްގައި މާޒީގެ ހަނދާންތަކެއް ކޮށްޓާލައިފިއެވެ. އޭނަ އަރުޖަމަންދުއަށް އަނިޔާވެރިވި ދުވަސްތަކެވެ. އަރުޖަމަންދުގެ ލޯބި ލޯބި ދަރިފުޅުގެ ކުރިމަތީގައި އޭނަ އަރުޖަމަންދަށް ކުރި ޖިންސީ އަނިޔާތައް އެކުއްޖާފުޅަށް ބަލަން ޖެއްސުވިއެވެ. ނުވީތާކަށް އެކުއްޖާއަށް އޭނަ ކިތަންމެފަހަރަކު ރަހުމެއްނެތި އަނިޔާކުރިއެވެ. ތެޅިއެވެ. ރޮއިރޮއިހުއްޓާ ފާޚާނާގެ ބޮކިތައް ނިވާލާފައި ރޭގަނޑު ހަތަރުދަން އެތާ ހޭދަކުރަން ޖެއްސިއެވެ. ކަބަޑަށްލާފައި ނޭވާ ހާސްކުރުވިއެވެ. ކާންނުދީ ބަނޑުހައިކޮށްފައި ކުރިމަތީގައި އިނދެގެން މީރު ކާއެއްޗެހި ގެނެސްކެއެވެ. ދެލޯ ފުރެންދެން ކަރުނަ ލައިގެން އިނދެ އެއްފަހަރު މަންމަ ކައިރީ ތުއްތު އަޑުން ފެންފޮދެއްދޭން އެދުނެވެ. އޭރު އަރުޖަމަންދު އޮތީ ހަކަތަ ހުސްވެގެން ބިންމައްޗަށް ދެމިފައެވެ. އޭނަ އިލޮށިފަތިން ލުކުމާންގެ ގައިގާ ޅިޔަ އަޅާލި ދުވަހެއްވެސް އައެވެ. ލޭކޮށި ހިލުމުން އޭނަ އެކުއްޖާގެ ގައިގާ ކޮލޯން ލުމުން ރޮއިރޮއި ހިނދުނެވެ. އެހުރިހާކަމެއް ދެކެމުންގޮސް އަރުޖަމަންދު ހުރީ ނަފްސާނީގޮތުން ބަލިކަށިވެ މޮޔަވާގޮތްވެފައެވެ. އޭނަ ހީކުރީ ފަހުން އަރުޖަމަންދު މޮޔައިންގެ މަރުކަޒެއްގައި އޮވެ ނިމިދިޔައީ ކަމުގައެވެ. އަޑުއަހާފައި އޮތްގޮތުން ލުކުމާންވެސް ކަނޑަށްވެއްޓި ގެއްލުނީއެވެ. ނަމަވެސް އެކުއްޖާ ޒުވާންވެގެން އޭނަގެ ދިރިއުޅުމަށް އެއައީ ނުބައި ނިޔަތެއްގައި ކަމާއިމެދު ޝައްކެއްނެތެވެ. ބަދަލުހިފަންވެގެން އޭނަގެ މޮޔަ ދަރިފުޅު މެދުވެރިއަކަށް ހެދީއެވެ. ރިޒާއަށް އެހުރިހާ ވާހަކައެއް ކިޔާދޭކަށް އޭނަ ބޭނުމެއްނޫނެވެ. ލުކުމާން އޭނަގެ ހަޔާތަށް އެއައީ އޭނަގެ މަންމަގެ ބަދަލުހިފުމަށެވެ. އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. އޭނަ ޖެހޭނީ ލުކުމާންގެ ހަޔާތުގެ ބައްތި ވީހާވެސް އަވަހަށް ނިއްވާލާށެވެ.

"ކިލް ހިމް....." އިމާދުއްދީން އަމުރުކުރިއެވެ.

"އެކަމަކު........"

"ޝަޓަޕް. ބުނިކަމެއް ކުރަން ހުރި މީހެއް ކަލޭ ތިއީ. ނުވާނެއޭ ކިޔައިގެން ޗުއްޕުވެސް ނުބުނާތި....." އިމާދުއްދީން ހަޅޭއްލަވައިގަތުމުން ރިޒާ ރޫރޫއަޅައިގަތެވެ. ދެއަތް މޫނާއި ދިމާލަށް ހުރަސްކޮށްލެވުނީ މޫނުމައްޗަށް ހަމަލާއެއް އަރާފާނެކަމުގެ ބިރުހީވެފައެވެ.

"ޕާޓޭ ކުއްޖަކަށް ފައިސާކޮޅެއް ދެނިކޮށް އެކަންތައް ނިންމާލަދީފާނެ. މަށަށް އެނގޭ ކަލޭ ތީ ފިނޑިއެއްކަން. މަދިރިއެއް މަރާލާކަށްވެސް ނުކެރޭނެ. އެވާހަކައެއް ނޫނޭ. އަހަރެންގެ އެއްއަތްފަދަ އެކުވެރިއެއް ލަންޑަންގަ ދިރިއުޅޭ. ކަލެއަށް އޭނަގެ އޮފީހުން ވަޒީފާއެއް ހޯދަދޭނަން. މިއީ އަހަރެންގެ ވައުދެއް..........." އިމާދުއްދީން ތަންކޮޅެއް މައިތިރިވެފާ ވާހަކަދެއްކިއެވެ. ދެއްކި ވާހަކަތައް އަޑުއަހަން ހުރި ރިޒާގެ ހިތުގައި ދަހިވެތިކަން ހިނގައިލީ ދާދި ފަސޭހައިންނެވެ. ފައިސާގެ ބާރު ހުރިހާ އެއްޗަކަށްވުރެ ގަދައެވެ. އޭގެ އަވައިގާ ނުޖެހޭ މީހެއް މަދުވާނެއެވެ. ރިޒާފަދަ އީމާންތެރިކަން ޟައީފު މީހަކަށް ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމަށް ލެނބޭކަށް ގިނައިރެއް ނުނަގާނެއެވެ. ރިޒާ އެގެއިން ނުކުމެގެން ދިޔައިރު ޚިޔާލީ ފޮލާކެއްކި ތިމާގެ އަންހެނުންނާއި ދަރިންކޮޅު ގޮވައިގެން މި ތޮއްޖެހިފައިވާ މާލެ ދޫކޮށް ވިލާތުގައި އުޅުމުގެ އުފާވެރިކަން ލޮލު ކުރިމަތިން ފެންނަން ފަށައިފިއެވެ. އިމާދުއްދީން ބަގުރޫޓުވިޔަސް އޭނަގެ އެކުވެރިންތައް ގައިމު ދުނިޔޭގެ އެތަންމިތާ އުޅޭނެ ނޫންހެއްޔެވެ؟

އިމާދުއްދީން ސަވާނާގެ ކޮޓަރިއަށް ވަންއިރު އެކުއްޖާ ރޮއިރޮއި އޮތްތަން ފެނުމުން ކޮންމެވެސް ވަރަކަށް ހިތްމަޑުވިއެވެ. ނަމަވެސް އޭނަ ދެކޭގޮތުން މިހާލު ޖެހުނީ ސަވާނާގެ މޮޔަކަމާއި ގޮތްދޫނުކުރުމުންނެވެ. ފިރިހެނަކު ތަނަކުން ފެންނައިރަށް ހިތާވެގެން އިންނާކަށް ނުޖެހޭނެއެވެ. އެވާހަކަ ދައްކައިގެން ކުރާނެ ފައިދާއެއް ނެތެވެ. ލިވިއާހެން މޭކަޕްކޮށް ރީތިހެދުން އަޅައިގެން ތަންތަނަށް ދާނަމަ އަދިވެސް ސަވާނާއަށް ރަގަޅު ބައިވެރިޔަކު ލިބިދާނެއެވެ. ޖިމަށްގޮސް ހަށިގަނޑު ރީތިކުރެވިދާނެއެވެ. ބަލާނުލާ ޗޮކްލެޓް ކާވަރުންގޮސް އަދިވެސް ބޭބީ ފެޓް ވިރޭގޮތެއް ނުވެއެވެ. އޭނައަށް ލިބިފައިވާ ދަރިފުޅަކީ ހުތުރުކުއްޖެކޭ ނުބުނެވޭނެއެވެ. އުޅެން ނޭގެނީއެވެ. ރީތިކުދިންގެ ރީތިކަން ފާޅުވާނީ މޭކަޕްކޮށްގެން ނޫންހެއްޔެވެ؟

"އޭނަ ދަމާ ނެރުނަސް ނަންނި މިގެއިން ގޮސްގެން ނުވާނެ. އެއީ ފޭރޭމީހެއް. ނުބައި ނުލަފާ ޝައިތާނެއް. ރީތިސިފައެއްގައި ހުރެ އަހަރެމެންގެ ދިރިއުޅުމަށް ފާވެ ވިހަލައިފި. މޮޔަކުއްޖަކަށް އޮޅުވާލައިގެން މިގެ ފޭރިގަތަސް އަދި އޭނަ އިނދަ ޖައްސުވާލާނަން. ބައްޕަ މިއުޅެނީ ރައްޖެއިން ބޭރަށް ގޮސްލަން. ބަގުރޫޓުވެފައިވާ ވިޔަފާރި ކޮޅަށް ޖެހޭތޯ ލައްކަ މަސައްކަތް ކުރަން އެބަޖެހޭ. ނަންނި ގަދަކަމުން މިގެއިން ނުނެރެވޭނެ. ނުދާތި......" އިމާދުއްދީން ސަވާނާގެ ބޮލުގައި ފިރުމާލާފައި ނުކުމެގެން ދާން ހިނގައިގަތުމުން ސަވާނާ އޮތީ ބަލާށެވެ. އަތުގައި އޮތް އެންމެ ފަހު ޓިޝޫ ކައިރީގައި ހުރި ވަށިގަނޑަށް ވައްޓާލާފައި ތެދުވެ އެނދުގައި އިށީދެ ހެޑްބޯޑަށް ލެނގިލައިފިއެވެ.

ސަވާނާ ފްރިޖް ހުޅުވައިލިއިރު އައިސްކްރީމާއި މޭވާފަދަ ތަކެތިން ފްރިޖް ފަޅުފިލުވާފައިވާތަން ފެނިފައި ހީކުރީ ބައްޕަ ގެނެސްދިން އެއްޗެހިކަމުގައެވެ. އައިސްކްރީމް ބޯތަށްޓަކަށް އަޅައިގެންގޮސް ސޯފާއަށް އެރިގޮތަށް ލަސްލަހުން ކާންފެށިއެވެ. އައިސްކްރީމް އަނގަޔަށް ވިރިގެންދާއިރު ދެލޯ މަރާލެވޭހާ އަރާމެވެ. އިރުކޮޅެއްނުވެ ދެލޯ ފުރިގެން ބަންޑުންވާންފެށީ ހޫނު ކަރުނައިންނެވެ. އިޒިކް ވަދެފާ ސުވާލުކުރުމުން ސަވާނާ އިސްޖަހައިލިއެވެ.

"ހީ ޑިވޯސްޑް މީ."

"ވަޓް؟ "

"ތިއިވުނީ ރަގަޅަށް އިޒިކް. ލޫކް އަހަރެން ވަރިކޮށްފި. ހަދާނެ ގޮތެއް ވިސްނުމަކަށް ނާދޭ. ދުވަހަކު ދެރަނުވާ ވަރަށް ދެރައެބަ ވޭ. އެއްވެސް މީހަކާއި ކުރިމަތިލާނެ ހިތްވަރެއްނެތް. މިހާލުގައި އުޅުމަށްވުރެ މަރުވުން މާ ރަގަޅު................"

"ކޮންއިރަކު ހާދަ ރަހުމެއްނެތް މީހެކޭ.." އިޒިކް ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ.

އޭނަ ހިތުގައި ޖެހިދާނެތީ އިޒިކް އެހެރީ އެވާހަކަ ފޮރުވައިގެންނެވެ. އިޒިކްވެސް ހާދަ ގޯހެވެ. އެކްޓްކުރަން ފިރިހެންވެރިން މޮޅުވާނެއެވެ. އިޒިކް ވާހަކަދެއްކިގޮތުން ހީވީ އަލަށް އެވާހަކަ އިވިގެން އުޅުނުހެންނެވެ. ކުރިން އެނގުނުކަމަކަށް ހަދާނުލާ މޫނަށް އެގެނައި ސިހުމާއި ހަރަކާތްތައް ހޮލީވުޑް މޮޅު އެކްޓަރަކަށްވެސް ނުގެނެވޭނެއެވެ. އާލިމާ ގުރުއާނުގައި އަތްލާ ހުވާކޮށްފައި ބުނެފައިވަނީ އިޒިކް ކައިރީ ލުކުމާން ސަވާނާ ވަރިކުރިކަމުގައެވެ. ނަމެއްގައި އަންބެއްގެ މަގާމުގައި އިނުމެކޭ ވަރިކޮށްފައި ހުރުމަކީ މާ ބޮޑު ތަފާތެއް އެހެންމީހުންނަކަށް ނުފެންނާނެއެވެ. ނަމަވެސް އޭނައަށް ލުކުމާންގެ އަންހެނުންގެ މަގާމުގައި އިނުމަކީ ލިބޭ ޝަރަފެކެވެ. އެ އުފާކޮޅުވެސް ލުކުމާން ޖަހައިގަތީއެވެ. މިހާރު އޭނައަކީ ލުކުމާންއާއި ބެހޭ މީހެއް ނޫނެވެ. އޭނަވަނީ ދިމާލަށް އެހެން ބުނެފައެވެ. އޭނައާއި ބެހޭމީހެއް ނޫނޭ ބުނީ ކުރިމަތީގައެވެ."ޔޫ ޑޯންޓް އެގިޒިސްޓް އިން މައި ލައިފް އެނީ މޯ" އޭ ބުނެލީ ހާދަ ދެރަކޮށްލާފައެވެ. ހާދަ ހިތަށް ތަދުކުރުވާ ލަފުޒުތަކެކެވެ. ލޯބިވާ މީހެއްގެ ދުލުން އެހެން ބުނުމުން ހިތަށް ކުރާނެ އަސަރު ބަޔާންކޮށްދޭން ގަލަމަކަށްވެސް ނުކުޅަދާނަވާނެއެވެ. ސަވާނާ ހިތުގައި ޖެހިފައި ދެލޯ ގަދަޔަށް މަރައިލުމުން ކަރުނަތައް އޮހިގަތެވެ.

"އާލިމާވެސް ހުއްޓާ......" ސަވާނާ އާލިމާ ބޭޒާރު ނުކުރަންވެގެން ބުނެލިއެވެ. ދޮގުހެދުމަށްވުރެ ނުސީދާކޮށް ބުނަން ސަވާނާ އަބަދުވެސް ވިސްނައެވެ. މަޖަލަކަށްވެސް ދޮގުހެދުން ސަވާނާއަށް ރަގަޅެއްނޫނެވެ. ނޫނީ އެހެންމީހުން އޭނައަށް އިތުބާރުކުރުން ހުއްޓާލަފާނެއެވެ.

އިޒިކްވީ ސަވާނާ ހީކުރިވަރަށްވުރެ ރަގަޅު މާތް ޒުވާނަކަށެވެ. ސަވާނާގެ ހަޔާތަށް އައި ތޫފާނުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ސަލާމަތީ އައްސޭރިއަކާއި ހަމަޔަށް ގެންދަން އޭނަ ކެނޑިނޭޅި މަސައްކަތްކުރިއެވެ. މަންމަ ބުނިފަދައިން ފަހަރީގެ ގޮތުގައި ދެކެގެންނެވެ. ނުލިބުނު ކޮއްކޮއެއްގެ މަގާމުދީގެންނެވެ. ސަވާނާއަށް ކައުންސެލިން ދޭން އެގޭގައި ހޭދަކުރާ ވަގުތުތަން ގިނަވާންފެށުމުން އާލިމާ ހުންނަނީ ނިކަން ފާރަވެރިވެގެންނެވެ. ލިބޭ ކޮންމެ ދަނޑިވަޅެއްގައި ފޮޓޯ ނަގަން އޭނަ ހުންނަނީ ތައްޔާރަށެވެ. އިޒިކް ސަވާނާއާއި ހެދި އުޅޭކަމުގައި ހީނުކުރެވެންވީ ސަބަބެއް ނެތެވެ. ކޮންމެ ގަޑިއެއްގައި އެގެއަށް ކާން ފޮނުވަނީ އިޒިކްކަމުގައި އާލިމާ ޔަގީންކުރިއެވެ. ފްރިޖްގައި އަގުބޮޑު ކާތަކެއްޗެވެ. ޕިއްޒާއާއި ޗީޒްކޭކު ގެނެސްދެނީ އެމީހުން އޯޑަރުކޮށްގެނެއްނޫނެވެ. އާލިމާގެ އަތަށް އަރައިފިއްޔާ އޭނަ ސަވާނާއަށް ނުދައްކާ ފޮރުވައިގެން ކާލަންފެށިއެވެ.

އިޒިކް ސަވާނާއަށް ކެތްތެރިވާން ދަސްކޮށްދިނެވެ. އޭނަ އެދޭ ކަންތައްތަކަށްވުރެ މާ ރަގަޅުގޮތްތައް މުސްތަގުބަލުގައިވާން އޭނަގެ ތަގުދީރުގައި ލިޔުއްވާފައިވަނީކަމަށް ވެދާނެއެވެ. މާޒީ އެނގުނަސް މާދަމާ ވާނެކަންތައްތައް ދެނެވޮޑިގެންވަނީ އެފަރާތުންނެވެ. އެންމެފަހަރަކުވެސް އުއްމީދު ގެއްލުވާނުލާ ނަމާދާއި ގުރުއާނުން ކެތްތެރިކަން ހޯދާށެވެ. ހެއްދެވިފަރާތާއި އޮތް ގުޅުން ވަރުގަދަކުރުމުން ލިބޭ ހިތްހަމަޖެހުން އެނގޭނީ އެފަދަ ފޮނިމީރުކަމެއް އިހުސާސްކުރެވުނު ފަރާތަކަށެވެ. ދުޢާއިން ގަޟާގަދަރުގައި ލިޔުއްވާފައިވާ ކަންތައް ބަދަލުކުރެވޭނެކަން ކޮންމެ މުސްލިމަކަށްވެސް އެނގޭއިރު ދުޢާކޮށްގެން އެކަމަކަށް އިންތިޒާރުކުރަންވީއެވެ. އެވާހަކަތައް ސަވާނާ ހިތުގެ އަޑިން ގަބޫލުކުރިއެވެ. ކޮންމެވެސް ދުވަހަކުން ލުކުމާންގެ ލޯބި އޭނައަށް ލިބި އުފާވެރި ދިރިއުޅުމެއް ދެއްވުމަށްއެދި ދުޢާކުރާނެއެވެ. ލުކުމާންއާއި ނުލާ އޭނަގެ ހަޔާތުގެ ހުސްކަމެއް ނުފިލާނެއެވެ. އިޒިކް އެހާ ގިނައިން އެގެއަށް އާދެވުނީ އެދުވަސްކޮޅު އޭނަގެ ލޯބިވެރިޔާ ޖިލް ރާއްޖެއިން ބޭރުގައި ހުރީމައެވެ.

ޖިލް މާލެއައުމާއިއެކު ހާލަތު ބަދަލުވީ ސަވާނާއަށް އެނގުމަކާއި ނުލައެވެ. އިޒިކް އެގޮތަށް ސަވާނާއާއި އެކަނި ބައްދަލުކުރާކަށް ނުރުހުނެވެ. ޑޮކްޓަރެއްގެ ގޮތުން ކައުންސެލިން ދިނުމުގެ ނަމުގައި އެއްތަނުގައި އުޅެންވެއްޖެއްޔާ ތިންވަނަ ފަރާތަކަށް ޝައިތާނާ ވާނެކަމުގައި ބުނެ ވިސްނައިދިނެވެ. އިޒިކްފަދަ ދީނަށް ލޯބިކުރާ ޒުވާނަކު އަންހެންކުދިންގެ މައްސަލައިގާ މިހާ "ކޫލް"ކޮށް އުޅުމަކީ ޖިލްހައިރާން ކުރުވަނިވިކަމެކެވެ.

"އިތުބާރުނުކުރަނީ އެއްނޫން ބޭބީ. ޝީޒް ކިއުޓް ސެލީނާ ގޮމޭޒް ޓައިޕްގެ އަންހެންކުއްޖެއް. ހަމަ ފޯލްވެދާނެ. އޭރުން ކެތްކުރާނެގޮތެއް ހިތަކަށް ނުގެނެވޭ. އިންސާނާގެ ހިތަކީ ދާދި ފަސޭހައިން ބަދަލުވެދާނެ މަސްކޮޅެއް. އެކީގައި ވަގުތު ހޭދަކުރާންވެއްޖެއްޔާ ކުލުނާއި ލޯބި އުފެދުން އެކަށީގެންވޭ. ސަވާނާ ގެ އެކަނިވެރިކަމާއި ހިތްދަތިކަން ފިލުވަން އަންހެން ޑޮކްޓަރެއް ރިކޮމެންޑްކޮށްދީ މައި ލަވް.........." ޖިލް އިޒިކްއާއި ވާހަކަދެއްކީ ހިތަށް ކުރި އަސަރު ފޮރުވަމުން ހީލައިގެން ހުރެއެވެ. އޭނަގެ ލޯބިވެރިޔާ އަތުން ބީވެގެން ދިޔަދޭކަށް ޖިލްވެސް ނޭދެއެވެ. ގުޅުންތައް ފެށެނީ މިފަދަ ބައްދަލުވުންތަކާއި މުއާމަލާތްތަކުންނެވެ. އަންހެންކުއްޖަކާއި ފިރިހެންކުއްޖަކަށް އެކުވެރި ވެވޭނެ އެއްވެސް ހާލަތެއް އަންނަން ޖެހޭނެކަމަށް ޖިލް ނުދެކެއެވެ. ކޮންމެވެސް އެކެއްގެ ހިތުގައި އެހެންކަހަލަ ޝުއޫރުތައް އުފެދުމަކީ ނުވެނުދާނެކަމެއްކަން ޔަގީނެވެ.

އިޒިކް ނައުމުން ސަވާނާގެ ހިތަށް މާޔޫސީކަން ވެރިވާންފެށިއެވެ. ނަމަވެސް ލިބުނު ބޮޑު ފިނިފެންމާ ބޮނޑިއާއި ކާޑުން ސަވާނާ ހައިރާންކުރުވިއެވެ. ހިތްވަރުކުރަން އެދި ލިޔެފައިވާ އެންމެ ޖުމްލައިގާ ފިރިހެންގޮތެއް ހުއްޓެވެ. އިޒިކްގެ އަތު ލިޔުން ފެނިފާ ނުވިޔަސް އިޒިކް ސްޓައިލެއް ހުއްޓެވެ. ޑޮކްޓަރުންގެ ލިޔުން ހުންނާނީ ސޮއިފާޑަށް ތަފާތުކޮށެވެ. ނަމަވެސް އެ ޖުމްލަ ކިޔަން އެނގޭވަރުވިއެވެ. އޭނަ އެ މާތައް ގެންގޮސް ވަޅޯ ނުވާނެހެން ފެން ޖަގެއްގައި އަތުރައިލުމަށްފަހު މަޑުމަޑުން އިށީދެލައިގެން އިންއިރު އެތައް އިހުސާސްތަކުގެ ތެރެއަށް ގެނބުނެވެ. އިޒިކްގެ އެކުވެރިކަން ނުލިބުނުނަމަ އޭނަ މި ދުވަސްތަކާއި ކުރިމަތިލާނެގޮތެއް ނޭގެއެވެ.

ހަލުވިކަމާއިއެކު ދުވަސްތައް މާޒީއާއިއެކުވަމުން ދިޔައީ އެއްވެސް މީހަކަށްޓަކާ ގަޑީގެ ކަށި ސިކުންތުކޮޅަކަށްވެސް މަޑުކޮށްލުމެއްނެތިއެވެ. އުފަލާއި ހިތާމައިން ހަޔާތުގެ ސަފުހާތައް ފަވަމުންދާއިރު މާޒީގެ ދުވަސްތައް އަނބުރާ ގެނެވޭނެނަމައޭ ހިތަށް އަރާ މީހުން މަދެއްނޫނެވެ. ނަމަވެސް އެނބުރިދާ ދުވަސްތަކެއް އަލުން ނުހޯދޭނެއެވެ. ލުކުމާންއާއި ލިވިއާ އެކީގައި އެއް އެޕާޓްމެންޓެއްގައި ދިރިއުޅެމުން ދިޔައިރު އެގެއަށް އެންމެ ގިނައިން ޖައްސާލާ އެކަކީ ކައިދަންއެވެ. އޭނަ ލުކުމާންއާއި ދިމާކުރާވަރު މަދެއްނޫނެވެ. ކައިވެނީގެ ރޭ ހިނގިކަންތައް އަހަން އުޅުނުވަރުން ލުކުމާން ބޯ ގޮވާވަރުވިއެވެ. ހަގީގަތަކީ އެރޭ އޭނަ ޑްރަގްދީގެން ލުކުމާންއާއި ސަވާނާގެ ކައިވެނީގެ ރޭ އެންމެ ފުރިހަމަވިތޯ ބަލަން އޭނަ ކޮންމެހެންވެސް ބޭނުންވީއެވެ. ލުކުމާންގެ ފަރާތުން އެއްވެސް އެއްޗެއް އެނގުނުކަމަކަށް ނުވިއެވެ. އޭނަބުނަނީ ހަދާން ނުވާކަމުގައެވެ. އެހެން އުޅުމުގެ ތެރޭގައި ކައިދަން ހައިރާންވާކަހަލަ ޚަބަރެއް އިވުނެވެ. ލުކުމާން ސަވާނާ ވަރިކުރިކަމަށް ލިވިއާ ބުނުމުން އެންމެ ބޮޑު ޝޮކެއްލިބުނީ ކައިދަންއަށެވެ. ލިވިއާއަށް އެކަން އެނގުނީ އާލިމާގެ ފަރާތުންކަމުގައި ވިޔަސް ލިވިއާ ބުނީ ސީދާ ސަވާނާ އޭނަ ކައިރީ ބުނީކަމުގައެވެ. ސަވާނާއާއި އޭނައާއި ވާހަކަނުދައްކާކަން އޭނަ ސިއްރުކުރިއެވެ.

ކައިދަން ލުކުމާން އަރާ ހަމަވުމާއިއެކު މޭމަތީގައި ޖެހި އެތިފަހަރުގެ ބާރުކަމުން ލުކުމާން ފަހަތަށް ފަހަތަށްގޮސް ލައްވީ ފާރުގައެވެ. ކައިދަންގެ އެކުއްލި އަމަލުން ލިބުނީ ސިހުމާއި ހައިރާންކަން މޫނުމަތިން ފާޅުވާން ހުއްޓެވެ.

"އާ ޔޫ ކްރޭޒީ. ކީއްވެގެންނޯ މަގޭ ގައިގާ ތަޅައިގަތީ..." ލުކުމާން ހަށަން ބަދެލީ ކައިދަން މިހާ ރުޅިގަދަވެގެން އުޅޭ ސަބަބެއް އޮޅުންނުފިލާ ހުރެއެވެ. އެތައް ސުވާލެއް އެއްފަހަރާ އޭނަގެ ސިކުނޑިއަށް އަރާ ފޭބިއިރު ކައިދަންއާއި ހަތަރުކަޅިހަމަވެއްޖެއެވެ.

"އެހާވަރުން ރަގަޅު އަންހެންކުއްޖެއް މިލްކުކޮށްދިނީމަ ޔޫ ރުއިންޑް އެވްރީތިންގް. މިވަރު މީހަކަށް ކަމެއްކޮށްދޭނެކަމެއް ނެތް....މަގޭ މޮޔަކަން.........." ކައިދަން އުކުޅުގައި އަތް ވިއްދާލަމުން ނުރުހުމުގެ ރާގަކަށް ބުނެލިއެވެ. ވަރީގެ ވާހަކަ ދެއްކުމުން ލުކުމާންއަށް ހައިރާންކަމެއް ލިބުނެވެ. ސަވާނާ އެވާހަކަ ހަދަހަދައިގެން ކިޔަންފެށި ސަބަބަކާއިމެދު ހިތާހިތުން ސުވާލުކުރެވުނެވެ. އޭނަ ސަވާނާ ވަރިކުރި ހަނދާނެއްނުވެއެވެ. ނަމަވެސް ސަވާނާ ދޮގުހަދައިގެން އަމިއްލައަށް ވަރިކުރިކަމަށް ނިންމުމުން އޭނަ ކިޔާކަށް އިތުރު އެއްޗެއް ނެތެވެ. އެއީ އެ އަންހެންކުއްޖާ ބޭނުންވާ ގޮތްތާއެވެ. ލުކުމާން އިރުކޮޅެއްވާންދެން ހިމޭނުން ހުއްޓެވެ. ފިނިފެންތަށްޓެއް ބޯލުމަށްފަހު އިސްތަށިގަނޑުގައި ހާކާލީ ދޮންބޮޑުވެފައިހުރި ވަރުން ސިކުނޑިއަށް ހޫނުގެ އަސަރުކުރަންފެށީމައެވެ.

"އެނީވޭސް އަހަރެން ހަދާނެއް ނެތް. އެއީ އަހަންނަށް މުހިއްމު މީހެއްވެސް ނޫން ހުރިހާކަމެއް އެންމެ ރަގަޅަށް އެނގިހުރެ އިރުއިރުކޮޅާ އެ އަންހެނާގެ ވާހަކަ އެބަފަށާ. ވަރިކުރާނީވެސް އަހަރެން ހަމަ ހޭގައި ހުރެ އޭނައާއިއެކު ސްލީޕްކުރިނަމައެއްނު. އެހެންވީމަ އިތުރަށް ދެން އެނަންވެސް ކިޔައިގެން ނުވާނެ..." ލުކުމާންގެ ޖުމްލަތަކުން ކައިދަން ދެލޯ ބޮޑުކޮށްގެން ގަނޑުވެފައި ހުރިތަން ފެނި ލުކުމާން ހޭންފެށިއެވެ. މާޒީގެ ސަފުހާތައް އަލުން ހުޅުވާކަށް ލުކުމާންގެ ވިސްނުމަކު ނެތެވެ. އޭނަ މަންމަގެ ބަދަލު ހިފައިފިއެވެ. މަންމައަށް އަނިޔާވެރި ވި މީހާގެ ދިރިއުޅުން ފުނޑުފުނޑުކޮށް ނިކަމެތިކޮށްލައިފިއެވެ. ގެދޮރާއި މުދާ ފޭރި ބަގުރޫޓުކޮށްލުމަށްފަހު އެމީހުންނާއިއެކު ދިރިއުޅުމުގެ މާނައެއް ނެތެވެ. ސަވާނާފަދަ އަންހެންކުއްޖަކަށް ރުހުމުގެ ލޮލުން ބަލައިލެވޭނީއެއްވެސް ނޫނެވެ. ކުޑަކުއްޖެކޭ ތަފާތެއްނެތެވެ.

ފުދޭވަރަކަށް ވިއްސާރަނަމަވެސް ކެމްޕެއިން ދަތުރެއްގައި އަމްރާންއާއިއެކު ކައިރި ރަށަކަށް ދާން ލުކުމާން ފުރިއެވެ. ހަމަ އެރޭ ކައިދަން ލިވިއާއަށް ގުޅިއެވެ. އޭރު ލިވިއާ އުޅުނީ ފިހާރައިގައެވެ. ވިއްސާރަކަމުން ކަސްޓަމަރުން މަދެވެ. ވިޔަފާރި ދަށްކަމުން ކުދިކިޔާލަ ކިޔާލާ ހުއްޓާ ކައިދަން ގުޅިއެވެ. ލިވިއާގެ ހިތް އުފަލުން އުދުއްސައިގަތެވެ. ސަޕްރައިޒް ރޭގަނޑު ކެއުމަކަށް ދައުވަތު ލިބުމުނީ ހިތަށް ނާރާ ހުއްޓައެވެ. އަވަސްވެލައިގެން އެޕާޓްމެންޓާއި ހަމަޔަށް އައިއިރު ކައިދަން އުއްބައްތިތައް ދިއްލާލައިގެން ދެމީހުންނަށް ކާން ހަދައިގެން ހުއްޓެވެ. ކައިދަންގެ ޓޭންކުލަ އަރާ ހަމަށް އުއްބައްތިތަކުގެ އޮރެންޖްކުލަ އެޅިފައިވާއިރު ކޮންފަދަ ހިތްދަމައިގަންނަގޮތެއް ހެއްޔެވެ؟ ފުންކަމާއި ސިއްރުވެރިކަމުން އަޑިނޭގޭ ލޮލެކެވެ. ލޭކޮޅެއްފަދަ ރަތް ތުންފަތެވެ. ކައިދަން ތުންފަތުގައި ދަތްއަޅައިލަމުން ލޮލުން ދައުވަތެއްދިނެވެ. ބޯވާރޭ މިއުޒިކެއްފަދައިން އިވެމުންދާއިރު ވައިގާ ހިފާފައިވަނީ ލޯބީގެ ކަރަންޓެވެ. ލިވިއާގެ ހިތް އޮބިނޯންނަވަރުވިއެވެ. ކައިދަން އެދިގެން ލިވިއާ ރަތްކުލައިގެ ނިދާ ހެދުމެއްލައިގެން ސިޓިން ރޫމްގެ ސޯފާއާއި ހަމަޔަށް އައެވެ. ފައިގެ ފަލަމަސްގަނޑުގެ މެދަކާއި ހަމަޔަށްވާ އެހެދުން ލޭހުން ފަހާފައިވުމުން ނިވާކަމެއްނެތެވެ. އަތުގެ ބަދަލުގައި ހިމަ ވާކޮޅެކެވެ. ހިލޭ ފިރިހެނެއްގެ ކުރިމަތީގައި އެފަދަ ގޮތަކަށް ހުންނަން ވުމުން ލިވިއާގެ ލަދުވެތިކަމެއް ނުވިތާގައި އެއީ ލިބުނު ޝަރަފަކަށްވިއެވެ. ކައިދަންއަށްޓަކާ އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

ދެމީހުން ސޯފާމަތީގައި ޖައްސައިލިގޮތަށް ލިވިއާގެ ހިމަ ހޯލި އިނގިލިތައް ވައްދައިލީ ކައިދަންގެ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ތެރެއަށެވެ.

އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ކޮންމެވެސް މީހަކު އެތެރެއަށް ވަންއިރުވެސް ލިވިއާއަށް ރޭކާލީކަމަކަށް ނުވިއެވެ. ނަމަވެސް ކައިދަންއަށް ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ. ކައިދަން އޭނަގެ ގައިމަތީގައި އޮތް ލިވިއާ ދުރުކޮށްލަން އުޅުމުން ވިއްސައިގެންގޮސް ޖެހުނީ ރަގްމަތީގައެވެ.

"ތީ ހަމަ ކައިތަ. މަށަށް ޝައްކޭ. އިންސާނެއްގެ ނުހުންނާނެ ތިކަހަލަ ބާރެއް.........." ކުރިމަތީގައި ކޮޅަށް ހުރި ކައިދަންގެ ދެފައިގާ އޮޅުލައިގަންނަމުން ބަލައިލީ ފަރި ނަޒަރަކުންނެވެ.

"ހޭއި......." ކައިދަން ރަކިގޮތަކަށް ހީލިއެވެ.

(ނުނިމޭ)

comment ކޮމެންޓް