ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާގެ ވެރިޔާ އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވަނީ ދެކުނުގެ ރައީސް މޫން ޖޭ އިންއާ ބައްދަލު ކުރައްވާފައި -- ފޮޓޯ: ރޮއިޓާސް

ސޯލް (ފެބްރުއަރީ 4): ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާގެ ވެރިޔާ އިސްކޮށް ހުންނަވާ ޑެލިގޭޝަނެއް ހޯމަ ދުވަހު އުތުރު ކޮރެއާއަށް ވަޑައިގަންނަވާނެ ކަމަށް ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުން ބުނެފި އެވެ.

އަލްޖަޒީރާގައިވާ ގޮތުން ދެ ދުވަހަށް ދެމިގެން ދާނެ އެބައްދަލުވުމުގެ ބޭނުމަކީ އުތުރާއި ދެކުނުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.

އަދި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން، އުތުރު ކޮރެއާއަށް ވަޑައިގަތުމަށް އެގައުމުގެ ރައީސް ކިމް ޖޮންގް އުން ދައުވަތު އަރުވާފައި ވާތީ، ރައީސް މޫން އުތުރަށް ވަޑައިގަތުމާ ބެހޭ ގޮތުން ވެސް ދެ ގައުމުން މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާގައި އިސްކޮށް ހުންނަވާ ސު ހޫން ވަނީ މީގެ ކުރިން، 2000 އާއި 2007ގައި ބޭއްވި ކޮރެއަން ސަމިޓުގައި ބައިވެރިވެވަޑައިގެންފައި ކަމަށް އަލްޖަޒީރާގައިވެ އެވެ.

މިދިޔަ މަހު ދެކުނު ކޮރެއާގައި ބޭއްވި ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ވަނީ ބައިވެރިވެފައި އެވެ. އަދި އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތަށް ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވަނީ ދެކުނަށް ވަޑައިގެން، ރައީސް މޫންއާ ބައްދަލު ކުރައްވާފައި އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް