ސިޔާސީ މައިދާނުގައި ގާސިމަށް ޖާގައެއް ނެތް: އަދުރޭ

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާ އެއްގައި އަދުރޭ އާއި ނިހާން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ދެން ޖާގައެއް ނެތް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދަރިން ހައްޔަރުކޮށް ހުރިހާ މުދަލެއް ސަރުކާރަށް ނެގިޔަސް އިދިކޮޅު ފަރާތްތަކުގެ އިސްލާހީ މަސައްކަތުން ދުރަށް ވަޑައި ނުގެން ސާބިތުކަން މަތީ ހުންނަވާނެ ކަމަށް ގާސިމް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ޕީޕީއެމުން ބާއްވާ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ގާސިމް ފަދަ ސިޔާސީ މައިދާނުގައި ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ މީހުންގެ ވާހަތައް ދިވެހި ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ.

"ގާސިމް ފަދަ ސިޔާސީ މައިދާނުގައި 'ލާ ހޫރޭ' ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ މީހުންގެ ވާހަކަތައް ރައްޔިތުން ގަބޫލެއް ނުކުރާނެ. ސިޔާސީ މައިދާނުގައި މަނިކުފާނަކަށް ޖާގައެއް ނެތް. ދިވެހި ރައްޔިތުން ގަބޫލެއް ނުކުރޭ މަނިކުފާނަކީ އެ މީހުންނަށް ހެޔޮއެދޭ ބޭފުޅެއް ކަމަކަށް. ދިވެހި ގައުމަށް ހެޔޮއެދި ވަޑައިގަންނަވާ ބޭފުޅެއް ނޫކަން. މިވަރުގެ ގަޓު ނެތް މީހުންނަކީ ސިޔާސީ ކަންކަމުގައި ކުރިމަތިލާން ޖެހޭ މީހުންނެއް ނޫން." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެމަނިކުފާނާއި ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ޖުމުހޫރީ ޕާޓީއަށް ގެންދިއުމަށް ގާސިމް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި އެ މަސައްކަތްޕުޅު ދުވަހަކު ވެސް ކާމިޔާބު ނުވާނެ ކަމަށާއި އެކަން އޭނާގެ މުޅި މިލްކިއްޔާތު ވިއްކާލައިގެން ވެސް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ވަރަށް ކެރިގެން ސާބިތުކަމާ އެކީގައި ގާސިމްގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް ހުސްކޮށްލިޔަސް، އަޅުގަނޑެއް ނޫނީ މިތަނުން އެއްވެސް ބޭފުޅެއް ގާސިމަކަށް ނުގަނެވޭނެ. އަޅުގަނޑުމެން ގެންދިއުމަށް ވުރެ، އެހެން ކޮންމެވެސް ކަމެއް ކުރައްވަން އުޅުއްވިއްޔާ މާ ރަނގަޅުވާނެ،" އަދުރޭ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ޖުމުހޫރީ ޕާޓީ އަކީ ސިޔާސީ މައިދާނުގައި ކުރިއަށްދާން ބޭނުން އެއްވެސް މީހަކު ގުޅެން ހެޔޮވާވަރުގެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެ ޕާޓީގައި އެހާ ބުރަދަނެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކުރަން އިދިކޮޅު ފަރާތްތަކުން ނިންމާފައިވާ ކަމަށް އިޝާރާތްކޮށް އަދުރޭ ވިދާޅުވީ މުޒާހަރާއަށް ހަރަދު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވުމަކީ ގާނޫނީ ގޮތުން ވެރިކަން ވައްޓާލަން ވެވުނު އިއުތިރާފެއް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީ ހިނގަނީ ވިޔަފާރި ކުންފުންޏެއް ކަމަށެވެ.

comment ކޮމެންޓް