އިންޒާރުތަކާ އެކު ސަލްމާންގެ "ދަބާންގް ޓުއާ ނޭޕާލް" ފަސްކޮށްފި

ނޭޕާލްގެ ކޮމިއުނިސްޓް ޕާޓީގެ ފަރާތުން ލިބެމުން އަންނަ އިންޒާރުތަކާ ގުޅިގެން ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާންގެ 'ދަ ދަބާންގް ޓުއާ ޓު ނޭޕާލް'، ފަސްކޮށްފައިވާ ކަމަށް، އިވެންޓު ހިންގާ ފަރާތުން ބުނެފި އެވެ.

އެ ގައުމުގައި 'ދަބާންގް ޓުއާ' ކުރިއަށް ގެންދަން ނިންމާފައި އޮތީ މި މަހުގެ 10 ވަނަ ދުވަހު ނޭޕާލްގެ ވެރި ރަށް، ކަތަމަންޑޫ ގެ އެވެ. ސަލްމާން އާ އެކު އެ ޓުއާގައި ސޮނާކްޝީ ސިންހާ، ކްރިތި ސެނަން، ޕްރަބޫދޭވާ، ޑެއިޒީ ޝާޒް، މީޓް ބްރޯސް އަދި މިނީޝް ޕޯލް ވެސް ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ނޭޕާލަށް 'ދަބަންގް ޓުއާ' ރާވާފައިވާ ކަން ހާމަކޮށްފައިވާ ޖެނުއަރީ 19 ވަނަ ދުވަހު އިވެންޓް ހިންގާ ފަރާތް ކަމުގައިވާ ސޮހެއިލް ޚާން އެންޓަޓެއިންމެންޓް، ޖޭއޭ އިވެންޓްސް އަދި ނޭޕާލްގެ ޕާޓްނަރު ގުޅިގެން ދިން ޕްރެސް ކޮންފަރެންސެއްގަ އެވެ.

ނަމަވެސް ނޭޕާލްގެ ކޮމިއުނިސްޓް ޕާޓީ، އިން ވަނީ މިދިޔަ ހަފްތާގައި އެ އިވެންޓު ކެންސަލް ކުރުމަށް ޑިމާންޑް ކޮށްފަ އެވެ. އަދި އެއީ ނޭޕާލްގައި އެހެން ގައުމެއްގެ ސަގާފަތް ދިރުވުމަށް ކުރާ ކަމެއް ކަމަށް ބުނެ، ސަލްމާންގެ ޓުއާ އާ ދެކޮޅަށް ނުކުތުމަށް އެ ޕާޓީ އިން ވަނީ ގޮވާލައިފަ އެވެ.

އެ ޕާޓީ އިން އިވެންޓުގެ ބައެއް ސްޕޮންސަރުންނަށް ހަމަލާދީފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ކަތަމަންޑޫ އިން ޝޯ އިނތިޒާމު ކުރާ ފަރާތުން ބުނީ ޓުއާ މުޅިން ކެންސަލް ކޮށްފައި ނުވާ ކަމަށާއި ޝޯ ފަސްކޮށްލީ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝޯ ބާއްވާނެ ތާރީޚެއް ކަނޑައަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޝޯގައި ނޭޕާލްގެ އާޓިސްޓުން ވެސް ހިމަނާފައިވާ އިރު، 30،000 މީހުން ޝޯ ބަލަން ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެ ޝޯ އަށް 50 މިލިއަން ހޭދަކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ސަލްމާން ޚާން އޭނާގެ 'ދަބާންގް ޓުއާ' ފެށީ މިދިޔަ އަހަރު އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ސަލްމާން މިހާރު ޓުއާގެ ދަށުން ޝޯތައް ދީފައިވާ އިރު، އޭގެ ތެރޭގައި ލަންޑަން، ސިޑްނީ އަދި ބާމިންގްހަމް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް