އޮޑިޓް ރިޕޯޓްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލައްވައިފި

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް 2017 ވަނަ އަހަރު ހިންގި ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "އަހަރީ ރިޕޯޓް 2017’ ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: އޮޑިޓް އޮފީސް

މުވައްސަސާތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރޭ އޮޑިޓް ރިޕޯޓުތަކުގެ ބޭނުން ދައުލަތުގެ މަސްއޫލުވެރިން ހެޔޮގޮތުގައި ހިފުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ގޮވާލައްވައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް 2017 ވަނަ އަހަރު ހިންގި ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "އަހަރީ ރިޕޯޓް 2017" ނެރުމަށް މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވި ކަމަކީ އަހަރުން އަހަރަށް އޮޑިޓް ކުރުން ޖެހޭ މުއައްސަސާތައް އޮޑިޓްކުރުން ކަމަށާއި ނުނިމި ހުރި އޮޑިޓްތައް ނިންމުމަށް ކަމަށެވެ.

އެކަމަށް މަގުފަހި ކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅަން ޖެހޭ މާލީ ބަޔާންތައް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އޮޑިޓާ ޖެނަރަލްގެ އޮފީހަށް ލިބޭނެމަގު ތަނަވަސްކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މާލީބަޔާން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނުތައް ދެމުން ގެންދާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ މުއައްސަސާތަކުގެ މާލީ ބަޔާން މިހާރު ގާނޫނުގައި ބަޔާންކުރާ މުއްދަތަށް ލިބެމުންދާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

"ނުނިމި ހުރި އޮޑިޓުތައް ނިމުމަކަށް ގެނެސް އަހަރުން އަހަރަށް ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމަށް މިހާރު މިވަނީ ވަގުތު ހޯދިފައި. މިހާރުގެ އުއްމީދަކީ ގާނޫނީ ގޮތުން އަހަރުން އަހަރަށް ނިންމަން ޖެހޭ މަސައްކަތްތައް ގާނޫނުގައި ބަޔާންކުރާ ތާރީޚުތަކަށް ނިންމުން،" އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވި އެވެ.

ދައުލަތާއި ދައުލަތުގެ އިދާރާތަކުގެ މާލީ ހިންގުން ހަރުދަނާކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ދައުލަތުގެ މުއައްސަސާތައް އޮޑިޓްކުރަމުންދާ ކަމަށް އޮޑިޓު އޮފީހުން ބުނެ އެވެ.

އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ގއ، ގދ. އަތޮޅުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓުތައް ކުރުމަށް ޚާއްޞަކޮށްގެން އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކޮށް، ހުސްވި 2017 ވަނަ އަހަރު އެ ސަރަހައްދުގައި ހުރި ދައުލަތުގެ 66 މުއައްސަސާއެއްގެ އޮޑިޓް ކުރި ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

comment ކޮމެންޓް