ޖުލައިމަހަށް ބްރިޖްގެ ސުޕަސްޓްރަކްޗާ މާލެއިން ފެށިގެން ހުޅުލެއާ ހިސާބަށް ގުޅާލެވޭނެ: ޑރ. މުއިއްޒު

ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތުގެ އަޕްޑޭޓުތައް ފެންނަ ފޮޓޯތައް--- ފޮޓޯ: މިނިސްޓަރު މުއިއްޒު/ ޓްވިޓާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސުޕަސްޓަރަކްޗާ، މާލެއިން ހުޅުލެއާ ހަމައަށް ގުޅާލުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ސުޕަސްޓަރަކްޗާ މާލެއާ ހުޅުލެއާ ގުޅާލުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ކޮންކްރީޓް ޑެކް އެޅުމަށް ބޭނުންވާ އައިބީމްތައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި މާލޭ ކޮޅުން އަޅަމުން އަންނަ އައިބީމްތަކުގެ މަސައްކަތް މި ހަފްތާ ތެރޭގައި ނިމޭނެ ކަމަށެވެ.

އަދި މާލެއިން ފެށިގެން އައިބީމްއާ ހަމައަށް އަޅާ ޑެކްގެ މަސައްކަތް މެއި މަހުގެ ތެރޭގައި ނިމެނޭ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

"ހިނގާފަ ވިޔަސް ދެވޭނެ ގޮތަށް އެއްކޮށް ގުޅާލާ ކޮންކްރީޓް މަސައްކަތް ނިމެނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖް ހުޅުލެއާ ގުޅާލައި ނިމުމުން ދެން ކުރިއަށްދާނީ ތާރު އެޅުމާއި ލައިޓް ޖެހުމުގެ މަސައްކަތް ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން އެއްކޮށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ،" މުއިއްޒު ވިދާޅުވިއެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް