ޗެނަލް13 ގެ ނޫސްވެރިއަކަށް އިދިކޮޅު މުޒާހަރާއިން ފުރައްސާރަކޮށްފި

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ޗެނަލް 13 ގެ ނޫސްވެރިއަކަށް ފުރައްސާރަކޮށްފިއެވެ.

މިއަދު ހަވީރު 16:30 ފެށިގެން އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާ ކަވަރު ކުރަނިކޮށް އިދިކޮޅު ބައެއް މީހުން ޗެނަލް 13ގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރާ މަންޒަރު އެ ޗެނަލުން ވަނީ ވަގުތުން ގެނެސްދީފައެވެ.

އެ މަންޒަރުތަކުން ފެންނަ ގޮތުގައި އެ ޓީވީގެ ސީނިއާ ޖާނަލިސްޓް ލަޔާލް މަނިކު މުޒާހަރާގެ ކަވަރޭޖް ގެނެސްދެމުންދާއިރު އިދިކޮޅު ބައެއް މީހުން ގޮސް އޭނާގެ ފޮޓޯ ނަގައި އޭނާއަށް ބަހުގެ ހަމަލާތައް ދެމުންދާ މަންޒަރު ފެނެއެވެ.

ޗެނަލް 13 އިން ވަނީ އެކަން ކުއްވެރިކޮށްފައެވެ. އަދި އިދިކޮޅު ފަރާތްތަކުން މިނިވަން ނޫސްވެރިކަމަށް ފުރުސަތު ނުދޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އެކަން ކުށްވެރިކޮށް ސަރުކާރު ހިންގާ ޕީޕީއެމް އިން މިރޭ ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިނިވަން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރަމުން ގެންދާ ފުރައްސާރަތައް ވަގުތުން ވަގުތައް ހުއްޓާލައި މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ގޮވާލާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިދިކޮޅު މުޒާހަރާ އިންތިޒާމް ކުރި ފަރާތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް