ނޭނގި ހިތާ ކުޅެލީ - 28

ލުކުމާންއާއި ލިވިއާ އެޕާޓްމެންޓަށް ވަންއިރު ކޮންމެވެސް ސަބަބަކާއިހުރެ ދެމީހުންގެ މޫނުމަތިންވެސް އެންމެ އުފާވެރިކަމެއް ނުފެނުނެވެ. ލުކުމާން ސްވިޗްތައް ދިއްލައިލުމުން ރީދޫ އަލިން އެޕާޓްމެންޓް އުޖާލާވިއިރު އެއަލިން ލޮލަށް ފަސޭހައެވެ. ލިވިއާ ބޫޓު ބާލަން އިންއިރު އޭނައަށް ވިސްނުނީ ސަވާނާއާއި ދޭތެރޭގައެވެ. އެފަކީރު އެގޮތަށް ނިކަމެތިކޮށްލާކަށް ލިވިއާގެ ހިތްވެސް އެއްބަހެއްނުވިއެވެ. ލުކުމާން ވަނީ ކޮޓަރިއަށެވެ. މަންމަގެ ފޯނެއް އައުމުން ދޮރު ލައްޕައިލިގޮތުން ފަހަތުން ދާކަށް ލިވިއާވެސް ނޫޅުނެވެ. ލުކުމާންގެ ސިއްރުވެރިގޮތެއް ހުންނަކަން ލިވިއާ ދަނެއެވެ. ބައެއްފަހަރު ކޯލެއް އައީމަ އެގޮތަށް ދުރަށް ދަނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. ލިބުނު ހުސްވަގުތުކޮޅު އޭނަ މެސެޖެއްކޮށްލީ ކައިދަންއަށެވެ.

"ދަރިފުޅާ. ކޮންތާކު ކޮބާ އަންހެނުން..." ލުކުމާންގެ މަންމަ އަރުޖަމަންދު އަހާލައިފިއެވެ.

"މަންމާ. ސޮރީ އައި ލެފްޓް ހާ......" ލުކުމާންގެ އެ ޖުމްލައިން އަރުޖަމަންދަށް ނެގުނީ އެހެން މާނައެކެވެ. އަރުޖަމަންދު ސިހުނެވެ.

"ވަރިކުރިޔަސް ތިންމަސްވާންދެން ދަރިފުޅު ޖެހޭނެ ދޯ އޭނައަށް ޚަރަދުކުރަން. އޭނަ އިންނާނީ ތިންމަސްވާންދެން އިއްދާގައި. ބޭނުންނަމަ ކައިވެނި ރުޖޫއަވެސް ކުރެވިދާނެ. ލުގުމާން މަންމަ ބުނާގޮތަށް ހަދާފާނަން..." މަންމަ ދެއްކިވާހަކަތައް އަހަން ހިމޭނުން ހުރުމަށްފަހު ލުކުމާން އޭނަގެ މަންމަގެ ކައިރީ ބުނީ ސަވާނާ ބޭނުންނަމަ އޭނަ ގާތަށް އަންނަންވީކަމުގައެވެ. އޭނަ އުޅޭ އެޕާޓްމެންޓަށް ސަވާނާ އަންނަން ހުރަހެއް ނެތްކަމަށް ބުނީ ވަރަށް ހަމަޖެހިލާފައި ހުރެއެވެ. ލުކުމާން ފޯނު ބާއްވާފައި އައުމުން އެއީ ކާކުހެއްޔޭ ކިޔާ ސުވާލުކުރަން ފެށުމުން ލުކުމާން ފެށީ އެހެން ވާހަކައެކެވެ. ލުކުމާން ކަންތައް ފޮރުވުމުން ޝަކުވާ ކުރަންވީ ވަކި ކީއްވެހެއްޔެވެ؟ އޭނައަށްވެސް މިއުޅެވެނީ ރަގަޅަކަށް ނޫނެވެ. ދެމީހުންނާއި އެއްފަހަރާ ރައްޓެހިވެގެން އުޅޭއިރު ފަހުން ލިބިދާނެ ލަނޑަކާއިމެދުވެސް ވިސްނަން އެބަޖެހެއެވެ. މިކުރެވޭ ކަންތައްތަކުގެ ނުބައިކަން އަމިއްލައަށް ވިސްނުނަސް އެކަމުން މިހާރު މިންޖުވާކަށް ފަސޭހައެއް ނޫނެވެ.

އިމާދުއްދީން ރިޒާއަށް ގުޅާ ގެނެސްފައި އަމުރުކުރީ ލުކުމާންގެ ހިތުން ނުފިލާވަރުގެ ލަނޑެއްދިނުމަށެވެ. ތަނެއް ބިންދާލާފައި ނުކުޅެދޭމީހަކަށް ހެދުމަށް އެންގިއިރު އިމާދުއްދީންގެ ހިތުގައިވާ ނަފްރަތުގެ އަލިފާން ކޮންޓްރޯލް ނުވެ ހުޅުފަޅާފައިވިއެވެ. މޭޕްލްވިލާގެ ކޮންޓްރޯލް އަތްދަށުން ގޮސްފައިވާއިރު ކުންފުނި ހިންގޭނެފަދަ އެއްވެސް ނެތެވެ. ލުކުމާން އޭނަގެ ހަޔާތުގެ ނަވުގެ ކޮންޓްރޯލް އަތުލިގޮތަށް އޭނަ ބޭނުންވާ އެއްވެސް އައްސޭރިފަށަކަށް ސަލާމަތުން ގެނެސްދިނުމުގެ ބަދަލުގައި އޭނަގެ ދިރިއުޅުމަށް ގެނުވަނީ ތޫފާނަކަށްފަހު ތޫފާނެކެވެ. ވަށައިގެންވާ ކަނޑުގެ ނާމާންކަމާއި ސުންޕާކަމުގެ ރަހަ ކަރުތެރެގައި ރަގަޅަށް ލައިފިއެވެ. ނިކުމެގެންދާނެ ތަނެއްވެސް ނެތެވެ. ހުރި އެންމެ އަންހެން ދަރިފުޅު ހިތާމައިގާ އަވަދިވަނީއެވެ. އެއަށްވުރެ ހިތްދަތިވަނީ ލިވިއާގެ ހަދާންތަކެވެ. ލިވިއާގެ ރީތިކަމާއި ފަރިކަމަށްޓަކާ ހިތް މޮޔަވެ ގުރުބާންވާއިރު އެ ލޯބި ހޯދަން އޭނަ އިތުރަށް ކުރާންވީ ކަމެއް ނޭގުނެވެ. ލުކުމާން އޭނަގެ ފައިސާ ފޭރިގަތްގޮތަށް ލޯބިވެސް ޖަހައިގެންފިއެވެ. އޭނަ ލުކުމާންގެ ފުރާނަވެސް ރޮއިގަންނަވަރުގެ އަނިޔާއެއް ދޭނެއެވެ.

އިމާދުއްދީން ސަވާނާ ކޮޓަރީގައި އިންދާ އެތަނަށް ވަދެފަ އަޑުކޮޅަށް ހަޅޭއްލަވައިގަތް އަޑު މުޅިގޭތެރޭ ގުގުމާލައިފިއެވެ. އޭނައަށް ރުޅިބާލަން ސަވާނާ ނޫން މީހެއް ނުފެނުނެވެ. އޭނަދެކޭގޮތުގައި ހުރިހާވެސް ކަމަކީ ސަވާނާގެ ސުންޕާކަމެކެވެ.

"ބޮލުރޮދު ކެނޑިފައި ހުރި ދަރިއެއް ދެއްވީ ކީއްވެބާވައޭ ހިތަށް އަރައިފި. ތިމާގެ އަމިއްލައަތުން އެހާ ބޮޑު މޮޔަކަމެއް ކުރެވުނުއިރު ނޭގުނީތަ ހަމަ. އެހެން މީހަކަށް އަހަރެންގެ މިއޮތް ބޮޑު ހަރުމުދާ ދިންއިރު ލަފައެއް ހޯދިނަމަ ވާނީ ކިއްތަ؟ ކަލެއާއިހެދި މިހާރު އަހަރެން މިހިރީ މަގުމަތިވެފަ. ވަންނާނެ ތަނެއް ނެތިފަ. އަހަރެން މިގެ ކަލޭގެ ނަމުގައި ރެޖިސްޓްރީކުރީ ފިރިހެނަކު ފެނި ހޭކެނޑި އެމީހަކަށް ތަބަކަށް ލާފައި ދޭކަށް ނޫނޭ. މިކުއްޖާގެ މަންމަ ގެނެސް ގެއަށް ވެއްދުމާއިއެކު މިގޭގައި ސުންޕާކަން ފެށުނީ......." އިމާދުއްދީން އެއްޗެހި ކިޔަމުން ނުކުން ދޮރު ބަންލާފައި ޖެހިއިރު ސަވާނާ އިނީ ބިރުން ނޭވާލާން ނުކެރިފައެވެ. އިމާދުއްދީން އޭނަގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމުން އަމިއްލަ ކުށްވެސް ގަބޫލުކުރެވުނެވެ. ބައްޕަބުނީ ދޮގުވާހަކައެއްނޫނެވެ. ލުކުމާންގެ ނަމުގައި ގެ ރެޖިސްޓްރީ ކޮށްދެވުނުކަމީ އޭނައަށް އުމުރުގައި ހެދުނު އެންމެ ބޮޑު އެއް މޮޔަކަންތައް ކަމުގައި ވީނަމަވެސް އަދިވެސް އޭނައަށް ލޯބިވެވެނީ ހަމަ އެލުކުމާން ދެކެއެވެ. ލުކުމާންއަށްޓަކާ އަދިވެސް އެހިތުގައިވާ ލޯތްބަށް އެއްވެސް ފަނޑުކަމެއްނާދެއެވެ. އަދިވެސް ހިތް ރޮނީ ލުކުމާންއަށްޓަކައެވެ. އަދިވެސް ލުކުމާންމަތިން ހަދާންވަނީއެވެ. އެއްވެސް ލޯތްބެއް ނުދިންކަމުގައިވިޔަސް ލުކުމާންގެ މޫނު ފެނުމުން ހިތަށް ބަޔާންކުރެވެފަދަ ފިނިކަމެއް ލިބެއެވެ.

ސަވާނާގެ ދެލޮލުން ކަރުނަ ހިކޭއިރެއް ނުދެއެވެ. ދެރޭ ދެދުވާވަންދެން ނުކައި ނުބޮއި ނުނިދައި އުޅުނުއިރު ހާލު ބަލައިލަން ގުޅީ ހަމައެކަނި އިޒިކްއެވެ. ގޭގައި އުޅޭ އާލިމާ ދޭތެރެއަކުން ގޮވާލާފައި ކާން ގެންނަންހެއްޔޭ އަހާ ސުވާލުކުރާނެއެވެ. ސަވާނާ އެންމެފަހުން ތެދުވެ ވުޟޫކޮށްލައިގެން ނަމާދުކުރިއެވެ. މަންމަގެ ކޮޓަރިން ގެނައި ގުރުއާންގެ ތަރުޖަމާ ހުޅުވައިލުމުން އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތް އާޔަތަކީ އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫންއެވެ. އެއީ ހަމައެކަނި މީހަކު މަރުވެގެން ކިޔާންޖެހޭ އާޔަތެއްނޫނެވެ. އޭނަގެ ހާލަތާއިވެސް ކިތަންމެހާވެސް ގުޅެއެވެ. ދެލޮލުން ކަރުނަތިއްކެއް ވެއްޓިގެން ދިޔައީ މިއީ އޭނަ ހެއްދެވިފަރާތާއި ދުރުވެފައިވާ މިންވަރު ހަދާންވެފައެވެ. ގުރުއާނުގެ އެންމެ އާޔަތެއް ކިޔަވައިގެން ހިތަށް ތަފާތު އަސަރުތަކެއް ކުރުވައިފިއެވެ. އެ އާޔަތުގެ މާނައާއިމެދު ވިސްނާ ފިކުރުކޮށްލުމުން މި ހިތާމައިން އަރައިގަނެވޭނީ ހަމައެކަނި ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކޮށްގެންކަން ވިސްނުނެވެ. އޭނަގެ މަންމަ އަބަދުވެސް ވިސްނައިދިނީ މިފަދަ ދުވަހެއް އަތުވެދާނެ ކަމުގައެވެ. މަންމަ އަބަދުވެސް ބުނެދިނީ ހެއްދެވިފަރާތާއި އޮތް ރޫހާނީ ގުޅުން ވަރުގަދަކުރުމަށެވެ. މިއީ ވަގުތީ ފާލަމެއްކަމާއި ކޮންމެ ވަގުތަކު ލޯ މަރައިލާން ޖެހޭނެކަން މަންމަވަނީ ހަނދާންކޮށްދީފައެވެ. އެ އާޔަތުގެ މާނައިގާވަނީ އަހަރެމެންގެ މިލްކުވެރިޔަކީ މާތް ﷲއެވެ. އަދި އަހަރެމެން އެނބުރި ރުޖޫއަވާނީ ﷲގެ ހަޟުރަތަށެވެ. އަހަރެމެންނަކީ ހެއްދެވިފަރާތުގެ މިލްކެއްކަން އެނގޭހިދު އަހަރެމެންނަށް އެއްވެސް އެއްޗަކީ އަމިއްލަ އެއްޗެއް ނޫންކަން ވިސްނިދެއެވެ. ސަބަބަކީ ހުރިހާ އެއްޗެއްގެ ވެރިފަރާތަކީ އަހަރެމެން ހައްދަވާ ބޮޑުކުރެއްވި މާތް ﷲއަށްވީކަމެވެ. އަދި އެއްޗެއް ގެއްލިގެންދާ ހިނދު ޝަކުވާކުރުމަކީ މާނައެއް ނެތްކަމަކަށްވަނީ ފުރަތަމަ އެއީހަދިޔާއަކަށް ވިކަމެވެ. އަދި އަހަރެމެންނަކީ ހެއްދެވިފަރާތުގެ ހަޟުރަތަށް ރުޖޫއަވާން ޖެހޭ ބަޔަކަށްވީހިނދު އަދި ތައްޔާރުވާންޖެހޭ ބޮޑު ކަމެއް އޮތްހިނދު މި ވަގުތީ ދުނިޔެއިން ގެއްލިގެންދާ އެއްޗަކީ މާ މުހިއްމުކަމެއްވެސް ނޫނެވެ.

ފާޚާނާއަށްވަދެ ފެންވަރާލިއިރު ރޫރޫއެޅީ ހަށިގަނޑުގައި އެއްވެސް ކަހަލަ ހަކަތައެއްނެތީމައެވެ. ގަޔަށްދޫކޮށް އޮތް ޓީޝާޓަކާއި ހަރުވާޅެއްލުމަށްފަހު އިސްތަށިގަނޑު މައްޗަށް ނަގާ އައްސާލުމުން ފެންނަނީ ކިތަންމެހާވެސް ސާދާކޮށެވެ. ބަދިގެއަށްވަދެ ފްރިޖް ހުޅުވައިލިއިރު ފެންފުޅިއަކާއި އެއްބައި ބޯލާފައި ހުރި ރެޑްބުލް ދަޅެއް ފިޔަވާ އެހެން އެއްވެސް އެއްޗެއް ނެތެވެ. ޕްރިޓީ ލިޓްލް ލަޔާސް ބެލިއިރު ހެނާ މިހާލުގައި އުޅުނުތަން ފެނުމުން އޭނަ އޭރު ހުރީ މިފަދަ ގޮތެއް ވުމަކީ ގަބޫލުނުކުރެވޭނެ ކަމެއްކަމަށް ދެކެގެންނެވެ. ހީކުރީ އެހެންވާނީ ފިލްމު ތަކުން ކަމަށެވެ. މުއްސަދި ދިރިއުޅުމެއް އުޅެންޏާ ކުއްލިއަކަށް އެހާ ދެރަވަރު ގޮތެއް ނުވާނެތާއެވެ. ނަމަވެސް މިހާރު އޭނަވެސް ކުރިމަތިލާން ޖެހިފައިވަނީ އެފަދަ ހާލަތަކާއެވެ.

ސަވާނާ ސައިތަށްޓެއް ހަދާލައިގެން ބޯންފެށިއެވެ. އޭރު އާލިމާ އިނީ ފިޔާއެއްޗެހި ކޮށާށެވެ. ސަވާނާއާއި ދިމާލަށް ބަލަން އިނީ އަނގައިން ބުނަން ބޭނުންނުވެފައެވެ. ސަވާނާގެ ގޮތްދޫނުކުރާކަން އޭނައަށްވަނީ ލިވިއާ އޮޅުން ފިލުވާދީފައެވެ. ލުކުމާން ދެ އަންބަށް ލިވިއާއާއި އިންނަން އުޅުނީއެވެ. އެވަރުކަމަކާއި ސަވާނާ ކޮންހާ ވައްތަރެއް ޖައްސާކަށްހެއްޔެވެ؟ ސަވާނާއަށްވުރެ ލިވިއާ ހާސްބައި ރީއްޗެވެ. މޫނުމަތީގައި މިހިރަ ލަކުނުންވެސް ސަވާނާ ލަދުގަންނާން ޖެހޭނެއެވެ. ލިވިއާގެ އޮމާން ހަށިގަނޑުގައި އެންމެ ލަފެއްވެސް ނުހުރެއެވެ. އެހާ އޮމާނެވެ. ފަރިއެވެ. ލިވިއާ ލިބެން ހުއްޓާ ސަވާނާއަށް ބަލާނީ ލޯކަނު މީހެކެވެ. އާލިމާ ކުރިން ދުވަހަކުވެސް ސަވާނާއާއި ޖައްސާނުލާ ވަރަށް ޖައްސާލިއެވެ.

"ކޯންޗެއް ތައްޔާރުކުރަނީ؟ " ސަވާނާ އަހައިލިއެވެ.

"މި ކޮށަނީ ފިޔާއެއް ނު. މަހެއްވެސް މިގޭގައި ނެތް. ލުކުމާން މިގެއިން ދުރުވީމަ އެހެން އެކަކުވެސް އަޅައެއްނުލާ. ކެވޭނެ ގޮތެއް ބައްޕަވެސް ހަމަޖައްސަވާ ނުދެއްވާ. އަހަރެންވެސް ކައި އުޅެނީ ބޭރުން...." އާލިމާ ރުންކުރު ރާގެއްގައި ބުނެލާފައި ގޮސް އަތްދޮންނަން ފެށިއެވެ. އާލިމާއަށްވެސް އެކަން އެނގިފައި އޮތްކަން އެނގި ސަވާނާ ލަދުގަންނަގޮތްވިއެވެ. ސަވާނާ އެއްލި ކަޅިއަކުން ފެނުނީ ހަރުގަނޑުގައި ހުރި ވަތްގަނޑެއް ދަމާލާފައި ނެގި މަސްދަޅު ހެދުމުގެ ފަސްބައިގާ ފޮރުވާލައިގެން އެތަނުން އާލިމާ ނުކުތްތަނެވެ. އޭނައަށް ނުދީ ކާންވެގެން އާލިމާ މަސްދަޅެއް ތައްޔާރުކޮށްލަން އުޅުނީކަން އެނގި ސަވާނާ އެތަނުން ނުކުތެވެ. ހީވަނީ މުޅި ދުނިޔެވެސް އޭނައާއި ދެކޮޅުވެފައިވާހެންނެވެ. އޭނަގެ ކުށަކީ ކޮބާހެއްޔެވެ؟

ސަވާނާ ސަންފްލާވަރ ގަސްތައް ހުރި ދިމާލުގައި ރާނާފައިވާ ތިރިފާރުމަތީގައި އަތް ވިއްދާލައިގެން އިށީނެވެ. އިސްޖެހިފައި އެތައް އިރެއްވާންދެން އިނދެފައި މާތަކުގައި ފިރުމައިލިނއިރު އެލޮލުން ފެނުނީ ހިތްކަތިލާލާފަދަ އަސަރުތަކެވެ. ހިތާމައިގެ ދިރިހުރި ތަސްވީރެކެވެ.

"ސަވާނާ. އާ ޔޫ އޯކޭ......" އޯގާތެރި އަޑަކުން ގޮވައިލުމުން ސަވާނާގެ ހިތަށް ތަފާތު އަސަރެއްކުރިއެވެ. އެންމެން އޭނަ ބާކީކޮށްލިއިރު އިޒިކް މިހިރީ ދެވަނައެއް ނެތްފަދައިން އޭނައާއި އެކީގައެވެ. ހަމައެކަނި އޭނަގެ ޑޮކްޓަރެއްގެ ގޮތުގައެއް ނޫނެވެ. ވަފާތެރި އެކުވެރިއެއްގެ ގޮތުގައިވެސް މެއެވެ. މަންމައާއި ބައްޕަ އަދި ފިރިމީހާއާއި ގާތްއެކުވެރިޔާ އޭނައާއި ވަކިވެގެން ދިޔައީ ހިތާމައިގެ ކަނޑަކަށް ޣަރަގުކޮށްލާފައެވެ. ސަވާނާ ކޮޅަށް ތެދުވުނުއިރު ލޯ ފުރެންދެން ހުރީ ބޮޑެތި ކަރުނަތިކިތަކެވެ. ދެލޮލުގެ ވަށައިގެން ކަޅުދާއިރާއެއް ހެދިފައިވާއިރު އިސްތަށިގަނޑުގައި ފުނާއެޅިކަމެއްވެސް ނޭގެއެވެ. އެކިދިމާލުން ހޭވިފައިވާއިރު ސަވާނާ ކޮންމެވެސް ވަރަކަށް ހިކިލައިފިއެވެ. މޫނުމަތި ދެމިލާފައި ހުރިވަރުން ހީވިގޮތެއްކަން ނޭގެއެވެ.

"ނޯ އައިމް ނޮޓް.... އޯކޭ.....ހީ ލެފްޓް މީ..." ސަވާނާ ކުއްލިއަކަށް ހިފެހެއްޓުމެއްނެތި ރޯން ފެށުމުން އިޒިކްއަށް ބޭ އިޚުތިޔާރުގައި ސަވާނާ ގެނެސް މޭގައި ޖައްސާލެވުނެވެ. ސަވާނާ ލުކުމާންދެކެ ވާ މަތިވެރި ލޯބި އިޒިކްއަށް އިހުސާސްކުރެވުނެވެ. ކޮންމެވެސް މީހަކު އެ މަންޒަރުދެކެން ހުރެ ފޯރިއާއިއެކު ފޮޓޯނެގިކަން އިޒިކްއަށް އެނގުނެވެ.

ސަވާނާ ބޭނުންވަރަކަށް ރޯން ދޫކޮށްލައިގެން އޭނަ ހުރިއިރު ގެންގޮސް ސަވާނާ އެތާ ހުރި ބެންޗެއްގައި ބޭންދިއެވެ. އަނެއްފަޅީގައި އިޒިކް އިށީދެލުމަށްފަހު ޓިޝޫ ބޮނޑިއެއް ގެނެސްދިނެވެ. ބޭނުންވަރަކަށް ރުއިމަށާއި އެކަމުން ލުޔެއް ލިބޭނެކަމުގައި އޭނަ ބުނީ އިރުކޮޅެއްކޮށްލާފައެވެ. ކިތަންމެވަރަކަށް ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިޔަސް އޭނަގެ ލޮލުން ދުވަހަކު ކަރުނަ ހުސްނުވާނީ ކަންނޭގެއެވެ. މިގޮތަށް އިޒިކްގެ ކުރިމަތީގައި ފިނޑިވެ ރުއިމުން އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. އިޒިކްގެ ހަމްދަރުދީ ހޯދާކަށް ނޫނެވެ. އޭނައަށް ހަމަ ކެތްނުކުރެވުނީއެވެ. އުއްމީދުގެ ބައްތި ކަނިކަނިޖަހާލާފައި ނިވުނުއިރުވެސް އަދިވެސް ރޯވެދާނެކަމުގެ އުއްމީދު އާވަނީއެވެ.

އިޒިކް ސަވާނާގެ ހާލު ބަލަނީ އޭނަގެ މަންމަގެ ބާރު އެޅުމުގެ ގޮތުންނެވެ. މަންމައަށް ސަވާނާގެ ފިރިމީހާ އޭނަ ދޫކޮށްލާފައި ދިޔަކަން އެނގުނުގޮތަކަށް އެނގިގެން ގުޅާފައި އެދުނީ ސަވާނާ ބަލާދިނުމަށެވެ. ދެރަގޮތެއް ވިޔަނުދިނުމަށެވެ. އަލުން ލުކުމާންއާއި ގުޅުވަން މަސައްކަތްކުރުމަށެވެ. އޭނައަށް ސަވާނާގެ ހާލު ބެލިދާނެއެވެ. އިންސާނިއްޔަތަށްޓަކާވެސް އެކަން ކުރެވިދާނެއެވެ. ނަމަވެސް ބަޔެއްގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް އޭނަ ބޭނުމެއްނޫނެވެ. މަންމަ ބުނީ ފަހަރިއެއްގެ ގޮތުގައި ދެކުމަށެވެ. އިޒިކް ހިނިވެސް އައެވެ. އޭނަގެ މަންމައަށް ލުގުމާން ކިޔާ ދަރިއެއް ލިބުނެވެ. އެކޮއްކޮވަނީ ކުޑައިރު ކަނޑަށް ވެއްޓި މަރުވެފައޭ ކިޔާ އަޑުއިވެއެވެ. ކޮއްކޮގެ ފޮޓޯއެއްހާ ހިސާބުވެސް މަންމަ އަތަކު ނެތެވެ. އެނަން ކިޔާ މީހެއްވިޔަސް މަންމަ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލަނީކަން ނޭގެއެވެ. މަންމަ ދެރަވެދާނެތީ އޭނަ އެއްޗެކޭ ނުބުނަނީއެވެ. އިޒިކްގެ ހިތުގައި ލުކުމާންގެ މައްޗަށް އެއްވެސް ލޯތްބެއް އޮންނަކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނައާއި ލުކުމާން މިހާރަކަށް އައިސް ވާހަކަދައްކަނީ ހަމައެކަނި ކައިދަންގެ ސަބަބުންނެވެ. ކައިދަންއާއި އިޒިކް ދެބެންގެ ދެދަރިންނަށް ވާތީއެވެ. ނުވީތާކަށް ކައިދަން އަބަދުވެސް ލުކުމާން ކައިރީ ކިޔާނީ އިޒިކްއަކީ އަރުޖަމަންދު ވަލުން ހޮވައިގެން ގެންގުޅެފައިވާ ކުއްޖެއްކަމުގައެވެ. އެއީ އަބަދުވެސް ކައިދަންގެ ފާޑެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ކޮންމެވެސް މީހަކާއި ދިމާކުރާނެއެވެ. ނަމަވެސް ލުކުމާން އެވާހަކަ ގަބޫލުކުރިއެވެ. އޭނަ ހީކުރީ އަރުޖަމަންދު އިޒިކް ބަލާ ބޮޑުކުރީކަމުގައެވެ.

"އަހަންނަށް އެނގޭ ލޫކް މިގެއިން ދިޔަކަން. އެވެސް އަދި ލިވިއާއާއެކު ދޯ. އަހަންނަށް އަންޑަސްޓޭންޑްވޭ އެކަން އިހުސާސްކުރެވޭނީ އެފަދަ ކަމެއް ދިމާވި މީހަކަށް. އެކަމަކު އިޓްސް ނޮޓް ދި އެންޑް އޮފް ދަ ވޯލްޑްއޭ. ތީ ހިތްވަރުގަދަކުއްޖެއް. ލައިފްގައި އަންނާނެ އުފާވެރިކަމާއި ހިތާމަތައް. ހިތްވަރުކުރީމަ ހިތާމަތަކުން އަރައިގަނެވިދާނެ. ލޫކްއަށްވުރެ މާ ރަގަޅު ބައިވެރިޔެއް ލިބެން އޮތީމަ ކަމަށްވާނީ. ބުނެއެއްނު ހުރިހާކަމެއް ހިނގަނީވަކި ފަރާތެއްގެ ބާރުގައޭ. އެފަރާތުގެ ޕްލޭންއަށް ޓްރަސްޓްކުރާށޭ. ލޫކްއަށްވުރެ ރަގަޅުމީހަކު ލިޔުއްވާފައިވަނީ ކަމަށް ގަބޫލުކުރަންވާނީ. ދެރަގޮތެއްނުވާނެ އިރާދަކުރެއްވިއްޔާ. ހޭވް ފެއިތް އެންޑް ޕޭޝަންސް. އެހެން އެންމެން ހަޔާތުންގޮސް އެކަނިވާއިރުވެސް ދެއަރ އިޒް އޯލްމައިޓީ ހީޒް ދެއާ ފޯ ޔޫ..... ފޯ އެވްރީވަން. ސަވާނާ. ހިތް ދެރަކުރާނެކަމެއްނެތް........ޖަސްޓް ޕްރޭ........" އިޒިކްގެ ވާހަކަތަކުން ސަވާނާއަށް ހިތްވަރު ލިބި ކަރުނަތައްވެސް ހިނދިއްޖެއެވެ. ކުޑަކޮށް ހީލެވުނެވެ.

"ޔޫ އާ ރައިޓް..."

"އަހަންނަށް އެނގޭ ލޫކްދެކެ ތިހާ ލޯބިވާއިރު އެހާ ފަސޭހައެއްނުވެސް ވާނެކަން. ލޫކްވެސް އަދި ރިގްރެޓްކުރާނެ. އަދި އެނބުރިއަންނާނެ."

"ނޯ ހީ ވިލް ނޮޓް. ވަރަށް ސްޓަބްން... އަދި އޭނައަހަރެން ދެކެ ލޯތްބެއް ވެސް ނުވެއެވެ." ފަހު ޖުމްލަތައް އޮތީ ސަވާނާގެ ހިތުގައެވެ.

"އޭނަ ބޭރުފުށުން ގޮތްދޫނުކުރާގޮތެއް ހުއްޓަސް ހިތްމަޑުކަން ފާހަގަކުރެވޭ. އެހާ ގޯސް މީހެއް ނޫން އެއީ. އައި ތިންކް ބޭޑް ޕާސްޓެއް އޮތީމަ ނޫނީ ކޮންމެވެސް ގްރަޖެއް އޮތީމަ ސަވާނާއާއި ބައްޕަދެކެ އެހާ ހޭޓްކުރަނީ. އައި ފީލް ސޯ. އޭނަ އެހާ ގޯސްވެގެނެއްވެސް ނޫން. ކައި ބުނާގޮތުން ލޫކް ހަމަ ޕަފެކްޓް. އެހެދުނު ގޯސް ރޭކާލީމަ އައިސްދާނެއްނު........" އިޒިކް އެވާހަކަދެއްކުމުން ހައްތަހާ ބޮޑަށް ލުކުމާންގެ މަތިން ހަދާންވެ ދެކިލާހިތުން ހިތް ބޭގަރާރުވިއެވެ.

ނަމަވެސް އިޒިކް ކައިރީ އިތުރަށް ލުކުމާންގެ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. އެކަނިވެރިވީދުވަހު އިޒިކް އޭނަގެ ހާލުބަލާ މިގެއަށް އައުމުން އޭނަވެސް މެހުމާންދާރީ އަދާކުރާނެއެވެ. އިޒިކްއާއިއެކު ކާކޮޓަރިއަށް ގޮސްފައި ކޮފީ ހަދަންވެގެން އޭނަ އުޅުނުއިރު އިޒިކް އިނީ ހިމޭނުންނެވެ. ހުރިހާ ކަބަޑްތަކެއް ހުޅުވަހުޅުވާފައި ކޮންޓެއިނާތައް ޗެކްކޮށްލީ ކޮފީ ޕެކެޓެއްހިސާބުވެސް ނުފެނިގެންނެވެ. ސަވާނާގެ މޫނު ރަތްވާންފެށިއެވެ.

"ނޭގޭ ބައްޕަވެސް މިގެއިން ހިގައްޖެ. ދިޔަތަނެއްވެސް ނުބުނޭ. ވިސާ ކާޑުވެސް އޮތް ތަނެއް ނޭގެ"

"ހަމަޖެހިބަލަ ނަންނި. އަހަންނަށް ހެވޭ ކޮފީނުދިނަސް. ބަނޑުހައެއް ނުވޭ. ކޮންމެހެން އަހަންނަށް ކާންދޭން އުޅޭނެކަމެއް ނެތް ނަންނި އެއްޗެއް ކައިބަލަ.........." އިޒިކް ފްރިޖް ހުޅުވާލާފައި އަވަހަށް ލައްޕާލައިފިއެވެ. އިމާދުއްދީންފަދަ މުއްސަދި މީހަކު ކުއްލިއަކަށް ބަގުރޫޓުވީ ކިހިނެއްބާވައެވެ.

"ލޫކް ދިޔައީ މިގެ ދޮވެލާފައި. ގަސްތުގައި ނަންނި ދެރަކޮށްލާ އޭނަގެ ގާތަށް އާދޭސްކުރުވަން ވެގެން ހެދިގޮތެއްހެން ހީވަނީ....." އިޒިކްގެ ޖީބުގައި ވޮލެޓްއޮތަސް އޭގައި ބައި ރުފިޔާވެސް ނެތެވެ. މުޅިންވެސް ކާޑުތަކެވެ. އިޒިކް މެންދުރު ކެއުމަކަށް އޯޑަރުދިނުމުން ސަވާނާ ވަރަށް މައްސަލަޖެއްސިއެވެ. އިޒިކްއަކީ އޭނަގެ ބަލަދުވެރިޔާ ނޫންކަމަށާއި ކޮންމެފަހަރަކު އިޒިކް އޭނަކައިގެން ހުރިތޯ ބަލަން ނުޖެހޭނެކަމުގައި ބުންޏެވެ. ނަމަވެސް ގޭގައި އެކަނިވެ އަޅާލާނެ ފަރާތެއްނެތް ދުވަހު އެކުވެރިކަމުގެ އަތެއް ދިއްކޮށްލީ ހަމައެކަނި އިޒިކްއެވެ. ދަރަންޏަށް ނަމަވެސް އިޒިކް އަތުން އެއްޗެއް ނުނަގާ ވާކަށް ނުވެސްނެތީއެވެ. ނޫނީ އޭނަ ހުންނަންޖެހޭނީ ނުކައި ނުބޮއި ބަނޑަށެވެ. އެންމެ ހައިރާންވަނީ ކުޑައިރުއްސުރެ އެހާ ލޯބިން ގެންގުޅެ ބޮޑުކުރި ބައްޕަވެސް އޭނައަށް ކުރެވުނު ކުށަށް މާފުނުދީ ދިން އަދަބެއްގެ ބޮޑުކަމުންނެވެ. އެކަނި ބޮޑު ގެއަކަށް ދޫކޮށްފައި ދިޔުންހާ ބޮޑު އަދަބެއް ދަރިއަކަށް ނުދެވޭނެއެވެ.

އިޒިކް އެގެއިން ދިޔުމުން ސަވާނާ ހުރިހާ ދޮރުތަކެއްގެ ތަންޑުތައް އެޅިއެވެ. ހޯދަ ހޯދާ ގޭގެ ތަޅުދަނޑިއެއް ނުފެނުނެވެ. ލުކުމާން ގެންދިޔައީކަމަށް ވެދާނެއެވެ. އެކަނިކަން ޔަގީންވާތީ އެގޭގައި ހުންނަން ފަސޭހައެއް ނޫނެވެ. އިރުއޮއްސުމަށްފަހު ކިރިޔާ އަޑެއް އިވިލިޔަސް މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. މަޣުރިބުކޮށްގެން ގުރުއާން ކިޔަވަން އިންދާ މާބާރަށް ދޮރުތަޅާ އަޑުއިވުމުން ސަވާނާގެ ހިތަށް ބިރުވެރިކަންވަނެވެ. އޭނަ އެކަނި ހުރިކަން އެނގިގެން ތަޅު ހަލާކުކޮށްލާފައި ވަގަކު ވަންނަން އުޅެނީބާވައެވެ. ބިރުންހުރެގޮސް ޕީޕް ހޯލުން ބަލައިލިއިރު އާލިމާ ހުރިތަން ފެނިފާ ހިތަށް ހަމަޖެހުމެއްލިބުނެވެ. އާލިމާގެ ހުންނަ ގޮތަކުން ސަވާނާ އެކުއްޖާދެކެ ފޫހިވިޔަސް އެކުއްޖާ ހުރިއްޔާ ގައިމު ކޮންމެވެސް ވަރަކަށް ބިރުފިލާނެއެވެ.

"ސަވާނާ. ކޮންމެވެސް މީހަކު މިގޭގެ ދޮރާށި ކައިރީގައި އެބަހުރި. އަހަރެން މިގެއަށް ވަންނަން އުޅުނީމަވެސް ވަރަށް ސުވާލުކުރި އެކަމަކު މިހާރަކު ފެންނާކަށް ނެތް......." އާލިމާ ބުނެލީ ބިރުގެންފަ ހުރެއެވެ.

"އޯ...." ސަވާނާވެސް ހާސްވިއެވެ. އިޒިކްއަށް ގުޅަންވީބާވައެވެ. ނޫނެކެވެ. އޭނައަކީވެސް ޒިންމާދާރު މަގާމެއްގައި ހުރި ޑޮކްޓަރެކެވެ. ސަވާނާއަށް ބޭބީސިޓްކޮށްދޭކަށް އޭނަ ހުންނަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ. އިރުއިރުކޮޅާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގުޅަންވެއްޖެއްޔާ އިޒިކް ފޫހިވެދާނެއެވެ. އެރޭ ސަވާނާއާއި އާލިމާވެސް ތިބީ ބިރުގެންފައެވެ. އެބުނާ މީހާ އެގޭ މަގުމަތީގައި ދަންވަރުވެސް ހިނގާ އުޅުނުތަން ފެނުނެވެ. ދެމީހުން ޓެރެސްއަށް އަރާ ބަލާއިރުވެސް އެމަންޒަރުފެނުނެވެ. ސަވާނާ ކޮޓަރިއަށް ވަދެފައިވެސް ލޮލު ފިޔަ ޖެހުނުކަމަކަށް ނުވިއެވެ. އެހެންވެ އޭނަ މަންމައަތުން ގެނައި ވާހަކަފޮތެއް ކިޔަންފެށިއެވެ. މިސްރު ފަތަހަ ކިޔާ ވާހަކައެކެވެ. ވަރަށް ޝައުގުވެރިއެވެ. އިސްލާމީ މުޖާހިދުންގެ ހިތްވަރާއި އެބޭކަލުންގެ ރީތި ސިފަތަކާއި ތަގުވާވެރިކަން ފެނި ސަވާނާގެ ހިތް އެބޭކަލުންނަށް ތައުރީފުން ފުރުނެވެ. ދީނަށްޓަކާ އެންމެންވެސް އެހާ ވަރުގަދައަށް އުޅޭނެނަމައެވެ. ނިދިޖެހިލާއިރަށް ބިރުވެރި ހުވަފެނެއް ފެނި ސިހިފާ ހަޅޭއްލަވައިގެންފާ އެނދުމަތީ އިށީދެވެއެވެ.

ލުކުމާންއާއި ލިވިއާ އޮފީލިއާ ރެސްޓޯރެންޓުން ނުކުމެގެން އައީ އަތް ގުޅުވާލައިގެން ދެލޯބިވެރިން ފަދައިންނެވެ. މިހާރު އެކަން ފާޅުކޮށް ދެމީހުންވަނީ ކައިވެނި ކުރާނެކަން އެކުވެރިންނަށްވެސް އަންގާފައެވެ. ލިވިއާ ސިއްރު ސިއްރުން ކައިދަންއާއި ރައްޓެހިވެގެން އުޅޭއިރު ކައިދަން ލުކުމާންގެ މައްސަލައިގާ ޝަކުވާކުރިއެވެ. ލިވިއާ ބުނަނީ އޭނަ އެކަމާ އެބަވިސްނާ ކަމުގައެވެ. ލުކުމާން ދޫކޮށްލައިފިއްޔާ އެހިތަށް އަނިޔާވެދާނެ ކަމުގައެވެ. ސީރިޔަސްކޮށް ރައްޓެހިވެގެން އުޅެފައި ކުއްލިއަކަށް ރުޅިވާން ނުކެރޭނެކަމުގައި އޭނަ ބުންޏެވެ. ހަގީގަތަކީ ދާންވީ ކޮޅެއް ޚުދު ލިވިއާއަށްވެސް ނޭގޭކަމެވެ. އެއްކޮޅުގައި ލޯތްބެވެ. އަނެއްކޮޅުގައި ފައިސާއާއި ގަދަރުވެރިކަމެވެ. އެއީ އޭނަގެ ހުވަފެނެވެ.

ސަވާނާ މެސެޖެކަށްފަހު މެސެޖެއް ފޮނުވަންފެށުމުން ބޮލަށް އުދަގޫވެގެން ބައްދަލުކުރާނެކަމުގައި ލުކުމާން ބުނެލިއެވެ. އެދުވަހު ވިއްސާރަކަމުން އިންސާނަކު ކޮންމެހެން ޟަރޫރީ ބޭނުމަކަށް ނޫނީ މަގަށް ނުކުމެ އުޅެންކެރޭވަރެއް ނޫނެވެ. އެހާ ވައިބާރެވެ. އެ ބޯ ވާރޭތެރޭގައި ސަވާނާ ލުކުމާންގެ އިންތިޒާރުގައި ބީޗްގައި ގަޑިއެއްހާއިރުވަންދެން ހުއްޓެވެ. ޚަބަރެއްނުވުމުން ހަލާކުވެފައިވާ ހިތަކާއިއެކު ގެއަށް އައިގޮތަށް ތެތްހެދުން ގަޔާއި ވަކިކުރުމެއްނެތި ޖައްސައިލީ ގޭގެ ފަހަތުބައިގާ ތިރިފާރެއްމަތީގައެވެ. ކަކުލުގައި ދަތްދޮޅިއަޅުވާލައިގެން އިނދެ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.

"ގަޑިއެއްހާއިރު ވާންދެން ވާރޭ ތެރޭ ހުރިއިރުވެސް ލޫކްއަށް އަންނާކަށް ނޭގުނު. މިހާ ލޯބިވާއިރުވެސް ލޫކްއަކަށް ނޭގޭ. ހިތް ހަލާކުވާވަރުވޭ. ކިތަންމެ ދެރަކޮށްލިޔަސް ލޯބިވޭ......" ސަވާނާގެ ވާހަކަތައް އިއްވަން ވީ ފަރާތަށް ރީއްޗަށް އިވުނެވެ. ޖީބަށް އަތްޖަހާލައިގެން ހުރެފައި ލުކުމާން އައިގޮތަށް ސަވާނާގެ ކުރިމަތީގައި ހުއްޓުމުން އިސްއުފުލާލިއިރު ވާރެއާއިއެކުވެގެން ކަރުނަތައް ކޯތާފަތްމަތިން ދަތުރުކުރެއެވެ. ތެމިފައިވާއިރު ސާދާކަމުގެ ކޮޅެއްނެތެވެ. މައުސޫމް ކުޑަކުއްޖެކޭ ތަފާތެއްނެތެވެ.

"އަހަންނަށް ފުލުފުލުގައި މެސެޖްކޮށްގެން ގެނައީ ތިވާހަކަ ބުނަންވެގެން؟ ބުނަން ސަވާނާ. އަހަރެންދެކެ ލޯބިވާނެކަމެއްނެތް. ސަބަބަކީ ދުވަހެއްގެ ކޮޅުންވެސް ތި ލޯބި ގަބޫލުނުކުރެވޭނެތީ. އަހަރެން ސަވާނާ ދެކެ ލޯތްބެއްނުވޭ. އުމުރުދުވަހަށް އިންތިޒާރުކުރިޔަސް އެކަމެއް ނުވެވޭނެ. ދުނިޔެއިން އަންހެންކުދިން ހުސްވިޔަސް ނުވާނެކަމެއް އެއީ. ދެން ސަބަބު ނާހާތި. ވީމަ ތި މޮޔަ ޚިޔާލުނުކޮށް އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދިޔައްޔާ ރަގަޅީ. މަށެއް ނުލިބޭނެ. ކައިވެނީގެ ފަސްޓްނައިޓްގައި ހިނގިކަމެއް ހިނގީވެސް އަހަންނަށް އެނގިގެނެއްނޫން. އޮނެސްޓްކޮށް ބުނަންޏާ އެރޭގެ އެއްވެސް ކަމެއް މިހާރު ހަދާނެއްނެތް. ހީ ސްޕައިކްޑް މައި ޑްރިންކް. ޑްރަގްގެ މަސްތުގައި ހުރެ ނޭގުމުގެ ތެރޭ އަހަންނަށް މަޖާކޮށްލެވުނީ. ހޭހުރިނަމަ އަތެއް ނުލާނެކަން ތި މޮޔަ އަންހެނާއަށް އެނގެންވާނެއްނު. ޖަސްޓް ފޮގެޓް އެވްރީތިން. އޯކޭ؟ އަޑުއިވިއްޖެތަ؟ ތި ހިތުން އަހަރެންގެ ލޯބި ފޮހެލަން ޖެހޭނީ. އަހަރެން ލޯތްބެއްނުވޭ. ކުޑަކޮށްވެސް އެޓްރެކްޓްވާ ޓައިޕެއްނޫން ތިއީ. ސަފަރު ކައްދައާއި އިންނަން ޖެހުނަސް މާ ރަގަޅު. ޔޫ ޑޯންޓް އެގްސިސްޓް އިން މައި ލައިފް އެނީ މޯ. ތީ ނައިޓް މެއާއެއް. ސަލާމަތްވެގެން ވީހާވެސް ދުރަށް އަހަރެން ދާން ބޭނުމީ.........................." ލުކުމާންގެ ޖުމްލަތަކުން ސަވާނާގެ ކަރުނަތައްވެސް ހިދިއްޖެއެވެ. މޮޔައެއްފަދައިން ބަލަން އިންއިރު އެސްފިޔަޖަހާލާކަށްވެސް ނޭގުނެވެ. މޫނު ހުދުވެ އަނބުރައިގެންފާނެ ކަހަލައެވެ.

އެ މަންޒަރުދެކެން ކައިރީގައި ހަށަން ބަދެލައިގެން ހުރި އިޒިކްގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ލުކުމާންގެ ހަރުކަށިކަމާއި ހަމްދަރުދީއެއްނެތް ވަރު އެނގި އިޒިކް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ސަވާނާއަށްޓަކާ އެހިތް ކުލުނުން ފުރުނެވެ. އެކުއްޖާގެ ހަލާކުވެފައިވާ ހިތް އިތުރަށް ޒަޚަމްކޮށްލުމުން ލުކުމާންއަށް ހަމަޖެހުމެއް ލިބެނީހެއްޔެވެ؟

"ވަޓް؟ " ލުކުމާން އެނބުރިފައި އިޒިކްއާއި ދިމާލަށް ދެލޯ ހަނިކޮށްލައިފިއެވެ.

"ޔޫ އާ ހާޓިން ހާ. އެކަމެއް ނޭގޭތަ؟ ކޮން ވައްތަރަކަށް ވާހަކަ ތިހިރީ...."އިޒިކް ރުޅިއަންނަގޮތްވިއެވެ. އޭރު ހިމަފޮދު ވާރޭގެ ތިކިތައް ތަންކޮޅެއް ގިނަވާންފެށިއެވެ.

"ނަން އޮފް ޔޯ ބިޒްނަސް. ތިހާ ސިމްޕަތީ ވަންޏާ ދެން އިންނަންވީނު. އެހެންނޫންނަމަ މިއޮތް ވިއްސާރަ ރޭ ހިލޭ ފިރިހެނަކު މިގޭގައި ހުންނަން ޖެހޭ ސަބަބެއް ނުވިސްނޭ. ސިއްރުން ދެމީހުން ގަނޑުގަންނަކަން ފަޅާ އަރާފައި މިއޮތީ.........." ލުކުމާން ގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. ލުކުމާންގެ ވާހަކަތަކުން ހިތްފަޅިފަޅިވެ ރޮމުން ސަވާނާ އެތަނުން ދުވަމުންގޮސް ލޯމަތިން ގެއްލެންދެން އިޒިކްއަށް ބަލަން ހުރެވުނެވެ. ލުކުމާންއަށް އެހުރިހާ އަމަލަކުން ނެގުނީ އެހެން މާނައެކެވެ. އިޒިކްގެ ހިތުގައި ސަވާނާއަށްޓަކާ އެހެންކަހަލަ އިހުސާސްތަކެއް އޮތްކަމެވެ. އިޒިކް މިގެއަށް ތާއަބަދު ޒިޔާރަތްކުރުމުގައި އެހެން މަގުސަދެއްއޮންނާނެއެވެ. އެންމެ ރަގަޅީވެސް އިޒިކްއާއި ސަވާނާ ގުޅުމެވެ. އޭނަ މިހުރީ ސަވާނާ މިނިވަންކޮށްދޭށެވެ. އެންމެ އަވަހަށް އޭނަ ކުރާނެ ކަމަކީ އެއީއެވެ. ދެ އަންބަށް ސަވާނާ ބައިންދައިގެން އިތުރު ޒިންމާތަކެއް ނަގާކަށް އޭނަ ނުޖެހޭނެއެވެ.

(ނުނިމޭ)

comment ކޮމެންޓް