ހައްޖަށް ގެންދިއުމަށް ފަސް ކުންފުންޏަކަަށް ހުއްދަ ދީފި

ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ފަސް ކުންފުންޏަކަަށް ހުއްދަ ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަހަރު މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވަނީ ހައްޖުކޯޕަރޭޝަނާއެކު އިތުރު އަމިއްލަަ ހަތަރު ކުންފުންޏަކަށް ކަމަށެވެ.

މިއަހަރު ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑަށާއި ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.

ހުއްދަ ދިން އަމިއްލަ ހަތަރު ކުންފުންޏަށް ވެސް ދޫކޮށްފައިވަނީ 100 ކޯޓާއެވެ. އަދި އެ ކުންފުނިތަކުން ހައްޖަށް މީހުންގެންދެވޭނެ އަގެއްގޮތުގައި ކަނޑައަޅާފައިވަނީ 69965 ރުފިޔާއެވެ.

ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން ނުވަ ކުންފުންޏަކުން ބިޑު ވަނީ ހުށަހަޅާފައެވެ. ނަމަވެސް ބިޑު ހުށަހެޅި އެއް ކުންފުންޏެއްގެ ބިޑުގައި ހައްޖަށް މީހުންގެންދިޔުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުންތައް ހަމަނުވާކަމަށް ބުނެެ، ސަފާ ގްރޫޕްގެ ބޮޑު ވަނީ ކެންސަލްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބިޑް އިވޭލުވޭޓް ކުރިއިރު ބަލާފައިވަނީ އެކުންފުނިތަކުން ބިޑުތަކުގައި ހުށަހަޅާފައިވާ ހިދުމަތަށާއި އަގަށް ބެލުމަށްފަހު ކަމަށެވެ.

comment ކޮމެންޓް