މެސީއަކީ އިންސާނެއްކަން ޔަގީން ކުރެވެންދެން އޭނާ ސަސްޕެންޑް ކުރަންޖެހޭ: އީރާން ކޯޗު

މެސީ އާޖެންޓީނާގެ ޖާޒީގައި --- ފޮޓޯ/އޭޕީ

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަކީ އިންސާނެއްކަން ޔަގީން ކުރެވެންދެން ފީފާއިން އޭނާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް އީރާން ގައުމީ ޓީމުގެ ކޯޗު ކާލޮސް ކުއިރޯޒް ބުނެފިއެވެ.

މެސީގެ އެންމެ ވާދަވެރި ކުޅުންތެރިޔާ ކްރިސްޓިއާނީ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު އެޓީމުގެ ކޯޗުކަންކުރި އެލެކްސް ފާގަސަންގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައިވެސް ހުރި ކުއިރޯޒްއަކީ ޕޯޗުގަލްއަށް އުފަން ކޯޗެކެވެ. އޭނާވަނީ އިރާނާ ހަވާލުވުމުގެ ކުރިން 2008 އިން 2010 އަކަށް ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑް ކަޕު ގްރޫޕް ސްޓޭޖުގައި އިރާނާއި އާޖެންޓީނާ އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، އެ ދެޓީމު ކުޅުނު މެޗު އާޖެންޓީނާއި ކާމިޔާބުކުރީ ފަހުވަގުތުގައި މެސީ ޖެހި ރީތި ގޯލަކުންނެވެ.

"އަހަރެން އަބަދުވެސް ބުނަން މެސީއަކީ އެހެން ލެވެލްއެއްގެ ކުޅުންތެރިއެކޭ. މެސީއަކީ އެހެން ޕްލެނެޓަކުން އައިސްހުރި ކުޅުންތެރިއެއް. އެހެން ނޫންނަމަ އިރާން ކޮޅަށް އެ ޖެހި ގޯލް ނުޖެހޭނެ. އަހަރެން އަދިވެސް ހަނދާން އެބަހުރި އެ ގޯލް މަތިން،" އިރާން ކޮޅަށް މެސީ ޖެހި ގޯލާ ގުޅިގެން ކުއިރޯޒް ބުންޏެވެ.

ކުއިރޯޒް ބުނީ އެ މެޗުގައި ބަލިވި ނަމަވެސް މެސީ ދެއްކި ޖާދުލާއެކު ކުޑަ ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ.

"އަހަރެން މީ ބަލިވާން ބޭނުންވާ ކޯޗެއް ނޫން. އެކަމަކު މެސީ ދެއްކި ޖާދުލާއެކު އަހަންނަށް ހިތްހަމަ ޖެހުން ލިބުނު. ފުޓުބޯޅައަށް ދިރުން ގެނުވާ ކުޅުންތެރިއެއް މެސީއަކީ،" ކުއިރޯޒް ބުންޏެވެ.

މެސީ ފަރާތުން އަންނަ ހާއްސަ ކަމަކީ އާއްމުކޮށް ކުޅުންތެރިންގެ ފަރާތުން ފެންނާނެ ކަންކަމެއް ނޫން ކަމަށްވެސް ކުއިރޯޒް ބުންޏެވެ.

"އަހަރެން ބުނަން އޮތީ މެސީއަކީ އިންސާނެއްކަން ސާބިތުކޮށް ނުދެނީސް އޭނާ ދެން ކުޅެގެން ނުވާނެ ކަމަށް. ފީފާއިން އެކަން ބަލަންވީ،" ސަމާސާ ރާގަކަށް ކުއިރޯޒް ބުންޏެވެ.

މެސީވަނީ އޭނާގެ ކެރިއަރުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގާމު ފަސް ފަހަރަށް ހޯދައިފައެވެ. މެސީގެ އުމުރުން 30 އަހަރު ވެފައިވާއިރު އޭނާގެ ކްލަބް، ބާސެލޯނާއާއެކު ކުޅުނު 622 މެޗުން މެސީވަނީ 537 ގޯލް ޖަހައިފައެވެ.

އެންމެފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައިވާއިރު، އެ އަހަރުގެ މުބާރާތުގެ ގޯލްޑަން ބޯލްވެސް ކާމިޔާބުކޮށްފައިވަނީ މެސީއެވެ.

comment ކޮމެންޓް