ރާއްޖެއަށް ހާއްސަ ޔޫތް އެކްސްޗޭންޖް ޕްރޮގްރާމެއްގައި ދިވެހި ޒުވާނުންތަކެއް ޕާކިސްތާނަށް

ރާއްޖެއަށް ހާއްސަ ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވާން ޕާކިސްތާނަށް މިއަދު ފުރި ޒުވާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި --- ފޮޓޯ/ ޔޫތް މިނިސްޓްރީ

ޕާކިސްތާން ސަރުކާރުން ސީދާ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ އެކްސްކުލޫސިވް އެކްސްޗޭންޖް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި އަށް ޒުވާނަކު ޕާކިސްތާނުގެ ލާހޯރަށް އިއްޔެ ފުރައިފި އެވެ.

ލާހޯރުގައި މިއަހަރު އޮންނަ ޔޫތް އެކްސްޗޭންޖު ޕްރޮގްރާމްގައި ބައިވެރިވާން މިއަދު ފުރި ހުރިހާ ޒުވާނުންނަކީ ވެސް އެ ޔޫތް މިނިސްޓްރީގެ ފަރާތުން ބައިވެރިވާ ޒުވާނުން ކަމަށެވެ. އަދި އެ ޒުވާނުން ޕާކިސްތާނުގައި އަށް ދުވަސް ހޭދަކުރާނެ އެވެ.

ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށްޓަކާ އެކި އެގައުމުތަކުން ކުރާ އެކިއެކި މަސައްކަތްތައް ތަޖުރިބާކޮށް ދިވެހި ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ޕްލޭންތަކާ ޕްރޮގްރާމްތައް ބައްޓަންކުރުމުގައި މައުލޫމާތު ހޯދުމުގެ މަގްސަދުގައި ޕާކިސްތާނަށް މިއަދު ފުރި ޒުވާނުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ފަސް އަންހެނުންނެވެ.

ޔޫތް މިނިސްޓްރީން ބުނީ، ޕާކިސްތާނަށް ދިވެހި ޒުވާނުންތަކެއް ކުރާ އެ ދަތުރުގައި ޕާކިސްތާނުގެ ތާރީހާއި ސަގާފަތާ އަދި އެގައުމުގެ ތަރައްގީގެ ދުވެލީގައި ޒުވާނުންގެ ބައިވެރިވުން އޮންނަ މިންވަރު ދެނެގަތުމުގެ އިތުރުން ޕާކިސްތާނުގެ ޒުވާނުންގެ ފަންނުވެރިކަމާ ހުނަރު ކުރިއަރުވާ ޖަމިއްޔާތަކާއި ކޮލެޖް ޔުނިވާސިޓީތަކުގައި އުޅޭ ޔޫތް ލީޑަރުންގެ ނެޓްވޯކްތަކާ ވެސް ބައްދަލުކުރާނެ ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން ދިވެހި ޒުވާނުންތަކެއް ޕާކިސްތާނަށް ފޮނުވާފައިވާއިރު، މީގެ ކުރިން އެ މިނިސްޓްރީން ވަނީ ޗައިނާ އަދި އިންޑިއާގައި ކުރިއަށްދިޔަ ޔޫތް އެކްސްޗޭންޖް ޕްރޮގްރާމް ތަކަށް ވެސް ދިވެހި ޒުވާނުން ފޮނުވައިފައެވެ.

comment ކޮމެންޓް