ޚުތުބާ ކިޔަން ދެކޮޅު ހެދި މާމެންދޫ އިމާމުގެ މައްސަލަ ބަލަނީ

އަލިފުޅު ތުއްތު ފައުންޑޭޝަނުން މާމެންދޫގައި އިމާރާތްކުރި މިސްކިތް --- ފޮޓޯ/ އަލިފުޅު ތުއްތު ފައުންޑޭޝަން

ޚުތުބާއާމެދު ހިތްހަމަ ނުޖެހިގެން އިމާމްވެ ހުކުރު ކުރަން ދެކޮޅު ހެދި ލ. މާމެންދޫ އިމާމުގެ މައްސަލަ ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިމަހުގެ 16 ވީ ހުކުރު ދުވަހު އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް ފޮނުވި ޚުތުބާ ބިނާ ކޮށްފައި އޮތީ ވެރިމީހާއަށް ކިޔަވަންވުމުގެ މައްޗަށެވެ. ނަމަވެސް އެއީ، ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ޚުތުބާއެއް ކަމަށް ބުނެ ބައެއް އިލްމުވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ.

އެގޮތުން، އެ ޚުތުބާގައި ދީނާ ޚިލާފު މައުލޫމާތުތަކެއް ހިމެނޭކަމަށް އިމާމް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން 'ސަން' އަށް ވިދާޅުވީ، ޚުތުބާ ކިޔަން ދެކޮޅު ހަދައި ހުކުރު ނުކުރުމުން އެ މައްސަލާގައި މިދިޔަ އާދީއްތަ ދުވަހު އެ އިމާމުގެ ބަޔާން ނަގާފައިވާ ކަމަށެވެ.

ނަމަވެސް އިމާމާމެދު އަޅާނެ ފިޔަވަޅެއް އެކަމާ ގުޅުންހުރި ކޮމެޓީން އަދި ނިންމާފައިވާ ނުވާ ކަމަށް އަހުސަން ވިދާޅުވި އެވެ.

comment ކޮމެންޓް