ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ދުންޔާ އިސްތިއުފާ ދެއްވައިފި

ދުންޔާ މައުމޫން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާ ދުންޔާ ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައެވެ. ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މި ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވި ހިސާބުންނެވެ.

ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައި ދުންޔާ ވިދާޅުވީ އާއިލާއަށާއި މުޅި ދިވެހި ގައުމަށް މިވަގުތު ކުރިމަތިވެފައިވާ ދަތި އަދި ހިތާމަވެރި ވަގުތުގައި މިހުރީ އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާ އެކުގައި ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ.

"ބައްޕާފުޅަކީ ހަމައެކަނި އަޅުގަނޑުގެ ބައްޕާފުޅެއް ނޫން. ގައުމު މިއަދު ދެކެމުންދާ ތަރައްގީގެ ބާނީ. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ޑިމޮކްރަސީ އާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި،" ދުންޔާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މި ފެންނަނީ، ބޭރާއި އެތެރޭގެ ޕްރެޝަރު ރާއްޖެއަށް ކުއްލިއަކަށް އައިސް ޑިމޮކްރަސީ، ފެއިލްވަމުން ދާތަން ކަމަށާއި ސުލްހައަށް ލޯބި ކުރާ އަދި މަޝްވަރާގެ މަތިވެރި އުސޫލަށް އަޅުގަނޑުމެން އަނބުރާ ރުޖޫއަވާން އެބަ ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"މިގައުމުގައި ހަރުދަނާ ޑިމޮކްރަސީއެއް އާލާކޮށް، ދައުލަތުގެ ނިޒާމްތައް ވަރުގަދަކުރުމަށާއި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީތެރިވެދިނުމަށް އަޅުގަނޑު ގޮވާލަން. އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މިދަނީ ރުޅިވެރިކަމާއި ހަސަދަޔާއި އެކު އެއްވެސް މައްސަލައެއް ހައްލެއް ނުކުރެވޭނެ،" ދުންުޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާ އެކުގައި ވެސް ގަބޫލުކުރާ ގަބޫލުކުރުންތައްމަތީ ސާބިތުކަމާއެކު މިނިވަންކޮށް ހުންނާވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކާ ނުގުޅި ފަޚުރުވެރި ދިވެއްސެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އެކަމަނާގެ ބޮޑުބޭބޭފުޅު ކަމަށާއި މިސަރުކާރު ވެރިކަމަށް ގެނައުމުގައި ރައީސް މައުމޫނުގެ ވެސް ވަރަށް ބޮޑު ހިއްސާއެއް ވާ ކަމަށެވެ.

"ޚާރިޖީ ވަޒީރާއި ސިއްހީ ދާއިރާއަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދެވުނު ހިދުމަތަކީ އެއާ މެދު އަޅުގަނޑު ފަހުރުވެރިވާ ޚިދުމަތްތަކެއް. ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިތުރު ފުރުސަތުތައް މުސްތަގްބަލުގައި އަޅުގަނޑަށް ލިބޭނެކަމަށް އުއްމީދުކޮށް، ދުއާ ކުރަން." ދުންޔާ ވިދާޅުވިއެވެ.

ސަރުކާރުން އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ކުރައްވައި، ދުންޔާ ޗުއްޓީއަށް ވަޑައިގެންފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ބައްޕާފުޅު މައުމޫން މިނިވަންކުރުމަށް ފުރަތަމަ ފަހަރަށް ދުންޔާ ވަނީ ދާދިފަހުން ގޮވާލައްވާފައެވެ. އަދ މައުމޫން ހައްޔަރުގައި ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަކަށް ދުންޔާ ވަނީ ވާހަކަ ދައްކަވާފައެވެ.

comment ކޮމެންޓް