އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މިއަހަރު 24 ކުއްޖަކު

އެޗްޑީސީ ޔޫތް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018 ކުރިއަށް ގެންދިއުމަށް އެމްއައިޓީ އާއެކު ސޮއިކުރުން--- ފޮޓޯ: އެޗްޑީސީ

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ "އެޗްޑީސީ ޔޫތް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018" ގައި މިފަހަރު 24 ކުއްޖަކު ތަމްރީނު ކުރާނެ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޑިރެކްޓަރ ހިއުމަން ރިސޯސަސް، މުހައްމަދު އިލްހާމް ވިދާޅުވީ މިއީ މި ޕްރޮގްރާމް ކުރިއަށްގެންދާ ދެ ވަނަ އަހަރު ކަމަށެވެ. މިފަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 100 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބުނު ކަމަށާއި 24 ކުއްޖަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އިލްހާމު ވިދާޅުވިއެވެ.

"ތިން ދާއިރާއަކުން ޕްރޮގްރާމު ކުރިއަށް ގެންދާނީ. ކޮންމެ ދާއިރާ އަކުން އަށް ކުއްޖަކަށް ފުރުސަތު ދޭނަން،" އޭނާ ވިދަޅުވިއެވެ.

އިލްހާމު ވިދާޅުވީ ދާއިރާތައް ކަނޑައަޅާފައި ހުންނާނީ ހުޅުމާލެވެސް ތަރައްގީވަމުން އަންނައިރު އެންމެ ބޭނުންތެރި ދާއިރާތަކުން ކަމަށެވެ. އެއީ ސާވޭއިން، ބިލްޑިން މެއިންޓެނެންސް އަދި ކޮންސްޓްރަކްޝަން މެނޭޖުމެންޓެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާ މި ޕްރޮގްރާމު ހަ މަސްދުވަހަށް ކުރިއަށް ގެންދާނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވާ ކުދިން މަސައްކަތް ކުރާނީ އެޗްޑީސީގައެވެ. ތިއަރީބައި ކުރިއަށް ގެންދާނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ އާއި ގުޅިގެންނެވެ. ޕްރެކްޓިކަލް ބައި ކުރިއަށްދާނީ އެޗްޑީސީގެ ކަމާބެހޭ ދާއިރާތަކުގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް